ޏ. ފުވައްމުލައް ސިޓީގެ ނަރުދަމާ ނިޒާމުގެ މައްސަލަތައް ހައްލުކޮށް މަރާމާތު ކުރުމަށް ފެނަކަ ކޯޕަރޭޝަނާއި ހަވާލުކޮށް އެކަމުގެ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.

އެ މަސައްކަތް ކުރުމަށް ފެނަކައާ ހަވާލުކޮށްފައި ވަނީ އެކަމަށްޓަކައި ބޭއްވި ރަސްމިއްޔާތެއްގައެވެ. އެ ރަސްމިއްޔާތުގައި އެންވަޔަރަމަންޓް މިނިސްޓްރީން ސޮއިކުރެއްވީ މިނިސްޓަރ ޑރ.ހުސައިން ރަޝީދު ހަސަނެވެ. އަދި ފެނަކަގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރ އަހްމަދު ސައީދު މުހައްމަދެވެ.

އެންވަޔަރަމަންޓް މިނިސްޓްރީން ވިދާޅުވީ، އެ މަސައްކަތް ކުރުމަށް ފެނަަކައާ ހަވާލުކޮށްފައިވަނީ ހަ މަސްދުވަހުގެ ތެރޭގައި މަސައްކަތް ނިންމާ ގޮތަށް ކަމަށެވެ.

އަދި މި މަސައްކަތަށް ސާޅީސް ތިން މިލިޔަން ރުފިޔާއަށްވުރެ ގިނަ ރުފިޔާ ހަރަދުވާނެ ކަމަށް އެންވެރޮމެންޓް މިނިސްޓްރީން ވިދާޅުވިއެވެ.

ފުވައްމުލައް ސިޓީގައި ފެނާއި ނަރުދަމާ ނިޒާމްގެ މަސައްކަތް ކުރިއަށްގެންގޮސްފައި ވަނީ ސިއެރާ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާ ޙަވާލުކޮށްގެންނެވެ.