ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވަކީލު މައުމޫން ހަމީދު ފުލުހުންގެ އިދާރާއަށް ހާޒިރުވާން އަންގައިފިއެވެ.

މައުމޫން ހަމީދަށް ފުލުހުން މިއަދު ފޮނުވާފައިވާ ޗިޓްގައި ވިދާޅުވެފައިވަނީ މާދަމާ ރޭ 22:00ގައި ފުލުހުންގެ އިދާރާއަށް ހާޒިރުވާން އަންގާކަމަށެވެ.

މައުމޫން ހަމީދު ފުލުހަށް ހާޒިރުކުރަނީ މިދިޔަ ފެބްރުއަރީ މަހުގެ 13 ވަނަ ދުވަހުގެ ވަގުތެއްގައި ނޫސްވެރިންނާއި ބައްދަލްކޮށް ދެއްވި އިންޓަވިއުއެއްގައި، ފުލުހުން ތަހުގީގުކުރަމުން އަންނަ މައްސަލައަކާއި ގުޅިގެން ހޯދާފައިވާ ހެއްކާއި ބެހޭގޮތުން ދޮގު މައުލޫމާތުތަކެއް މައުމޫން ހަމީދު ދީފައިވާ މައްސަލައައާއި ގުޅިގެންނެވެ.

މައުމޫން ހަމީދު މާދަމާރޭ ފުލުހަށް ހާޒިރުވާން އެންގިއިރު އޭނާ އަންނަނީ މިފަހަކަށް އައިސް ސަރުކާރަށް ވަރަށް ބޮޑަށް ފާޑުކިޔައި، ކޯޓުތަކާއި ހިނގަމުންދާ ބައެއް މައްސަލަތަކުގައި ހުރި ދެކޮޅުނުޖެހޭ ކަންކަން މީޑިޔާގައި ހިއްސާކުރައްވަމުންނެވެ.

މައުމޫން ހަމީދުގެ އިތުރުން ވެސް މީގެކުރިން ބައެއް މައްސަލަތަކުގައި ވަކީލުން ވަނީ ފުލުހުންގެ އިދާރާ އަށް ހާޒިރުކޮށް ސުވާލުކޮށްފައެވެ.