ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫއުގެ ދަށުން ދިނުމަށް ހާއްސަކުރި އެއް ކޮޓަރީގެ ފުލެޓުތަކާއި މެދު މި ސަރުކާރުން އަމަލު ކުރި ގޮތް ސާފު ކޮށްދިނުމަށް އެދި ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރު އަދި ޕީޕީއެމްގެ ނައިބު ރައީސް އަހުމަދު ޝިޔާމް، ރައްޔިތުންގެ މަޖިލީހަށް މައްސަލައެއް ހުށަހަޅުއްވައިފިއެވެ.

އެ މައްސަލަަ މަޖިީހަށް ބަލައިގަތީ 43 މެމްބަރުންގެ ވޯޓުންޏެވެ. އެ މައްސަލަ ބަލައިގަންނަން ނުފެންނަ ކަމަށް އެއް މެމްބަރަކު ވޯޓުދެއްވިއެވެ.

މިއަދު މަޖިލީހަށް މައްސަލަ ހުށަހަޅުއްވާ ދެއްވަމުން ޝިޔާމް ވިދާޅުވީ، އެ ފްލެޓްތަކަކީ އަލަތު ކައިވެންޏެއް ކޮށްގެން އުޅޭ މީހުންނަށް ދިރިއުޅެއް ފަށަން ލިބުނު އުންމީދެއް ކަަމަށެވެ. ކުރީ ސަރުކާރުން އެއް ކޮޓަރީގެ ފްލެޓުތައް ދޭން ނިންމާފައި ވަނީ ސަރުކާރު ކުންފުނިތަކުން ހިޔާ މަޝްރޫއުގެ ދަށުން އަޅާ ޓަވަރުތަކުގެ ފުރަތަމަ ހަތަރު ފަންގިފިލާއިން ކަމަށް ވާއިރު ކުރިން ހަމަޖެހިފައި އޮތީ އެ އެޕާޓްމެންޓުތައް އެ ކުންފުނިތަކުން އެޗްޑީސީއާ ހަވާލު ކުރާގޮތަށް ކަމަށް އޭނާ ވިދާޅުވިއެވެ.

އެހެންނަމަވެސް ބޭނުންވާ ވަރަށް އެއް ކޮޓަރީގެ ފުލެޓު ނެތް ކަމަށް ބުނެ، އެ ފްލެޓްގެ ލިސްޓު ބާތިލްކޮށްފައިވާތީ ޝިޔާމް ވަނީ އެކަމަށް ފާޑު ވިދާޅުވެފައެވެ.

އެ ފްލެޓްތައް ވުޖޫދުގައި ވެސްނެތް ކަމަށް ޕްލޭނިން އެންޑް ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް ވަނީ ކުރިން ވިދާޅުވެފައެވެ. އެހެންނަމަވެސް އެ ފްލެޓްތަކާއި މެދު އެކި ފަހަރު އެކިގޮތަށް ސަރުކާރުން ވާހަކަދައްކާފައވާ ކަމަށް ޝިޔާމް ވިދާޅުވިއެވެ.

"އެ އެޕާޓްމެންޓްތައް ދިނުމަށް ނިންމާފައި ވަނީ އެޗްޑީސީ އަށް. އަދި އެ ޔުނިޓްތަކަކީ ހިޔާ މަޝްރޫޢުގެ ދަށުން ދިނުމަށް ނިންމާފައިިިވާ ގެދޮރު. އެ ގެދޮރު ދިނުމަށް ނިންމާފައި ވަނީ ދެ އުސޫލެއްގެ ތެރެއިން. ފުރަތަމަ އުސޫލަކީ ސަރުކާރަށް އެޕާޓްމެންޓްތައް ގަތުމަށް ފަހު 15 އަހަރާއި 20 އަހަރާއި ތެރޭގައި އަގު ދައްކާ ޚަލާސްވާ ގޮތަށް ދިނުން. ދެ ވަނަ ގޮތަކީ ރައީސް ޔާމީންގެ އިސްނެންގެވުމަށް އޭރުގެ ސަރުކާރުން އެމްއެމްއޭ އާއި މަޝްވަރާކޮށްގެން ބޭންކުތަކުން ތައާރަފްކުރި އެފޯޑެބްލް ހައުސިން ލޯނުތައް ހައްގުވެރިންނަށް ދޫކޮށްގެން އެ ޔުނިޓެއް ވިއްކުން. މި އިން ކޮންމެގޮތަކަށް ވިއްކިޔަސް އެތަންތަން ވިއްކަން ހަމަޖެހިފައި ވާނީ 6 ލައްކަ ރުފިޔާ އަށް ވުރެ ކުދަ އަގެއް." ޝިޔާމް ވިދާޅުވިއެވެ.

ޝިޔާމް އިތުރަށް ވިދާޅުވީ، ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ހުރި 12 ޓަވަރުގެ ތެރެއިން ހަތަރު ފްލޯގެ ފްލެޓުތަކުގެ ގޮތުގައި 900 ފްލެޓަށް ވުރެ ގިނައިން ފްލެޓު އެބަހުރި ކަމަށެވެ. މި ފްލެޓްތަކީ ދިވެހި ޒުވާނުންގެ އުންމީދާ ގުޅިފައިވާ ކަމަކަށް ވާތީ އެ ފުލެޓުތަކާމެދު މިހާރުގެ ސަރުކާރުން ކަންކުރި ގޮތް ސާފުކޮށްދޭން ޖެހޭ ކަމަށް ޝިޔާމް ވަނީ ވިދާޅުވެފައެެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އެމަންޖެ

    ތީބޭކާރު ކަމެއް ތިތާގެ ރައީސްކަން ކުރައްވާ ބޭފުޅާ ހުރިހާވެސް ނުބަޔަކީ އޭނާ މިގައުމުން ބޭރުކުރަން ވާހަކަ ދައްކަބަލަ.