ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ފެށި ބޯހިޔާވަހިކަމުގެ މަޝްރޫޢުތަކުގެ ތެރެއިން ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ކުރިއަށްދާ "ހިޔާ" މަޝްރޫގެ ތެރެއިން ތަރައްޤީކުރާ އެއްކޮޓަރީގެ ފްލެޓްތައް އޮޅުވާލައިގެން ވިއްކަމުންދާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

މިއަދު މަޖިލީހުގައި ވާހަކަދައްކަވަމުން ޝިޔާމް ވިދާޅުވީ ދައުލަތަށް އާމްދަނީ ނުލިބޭތީ އެސްއޯއީތަކާއި އެކީގައި ސަރުކާރުން ވާހަކަދައްކައިގެން އެ ފްލެޓްތައް ބޮޑު އަގުގައި ވިއްކޭނެ އިންތިޒާމެއްގެ ތެރެއިން އެ މަސައްކަތް ކުރިއަށް ގެންދާކަމަށެވެ. އެއީ ނިކަމެތި ރައްޔިތުންނަށް ވެފައިވާ ވައުދުތަކާއި މުޅިން ޚިލާފު ކަމެއް ކަމަށާއި، އެއީ އިންސާފުތޯ އޭނާ ސުވާލު އުފެއްދެވިއެވެ.

އަދި އެމްޑީޕީގެ ނުފޫޒުގަދަ މެމްބަރުން ދޭ ލިސްޓަކާއި އެއްގޮތަށް އެ ފްލެޓްތައް ދެމުންދާ ކަމަށް ވެސް އޭނާ ވަނީ ތުހުމަތުކުރައްވާފައެވެ.

"ހޮހޮޅައަކަސް، ކޮތަރުކޮށްޓަކަސް އެތަން ބޭނުންވާ މީހުން އެބަ ތިބި. ފަހަރުގައި ޕްލޭނިން މިނިސްޓަރ އަސްލަމް އަށް އެތަން ހޮހޮޅައަކަށް ވެދާނެ. ކޮތަރުކޮށްޓަކަށް ވެދާނެ. ރައީސް އިބްރާހިމް މުހައްމަދު ސާލިހުއަށް އެއީ ކޮތަރުކޮށްޓަކަށް ވެދާނެ. އެހެންނަމަވެސް އިއްޒަތްތެރި ރައީސް މި ދަންނަވާ ނިކަމެތި އެތައް އާއިލާ އެއް އެބަތިބި އެ ފްލެޓްތައް ބޭނުންވާ." އޭނާ ވިދާޅުވިއެވެ.

ޝިޔާމް ވަނީ މި ސަރުކާރާއި އެމްޑީޕީ އިން ބޯޯހިޔާވަހިކަމަށް ވެފައިވާ ވައުދުތައް ނުފުއްދިވާތީ ރައްޔިތުން މާޔޫސްވެފައިވާ ކަމަށް ވިދާޅުވެފައެވެ. ޚާއްސަކޮށް މާލޭގެ ރައްޔިތުން މިހާރު އެމްޑީޕީ އާއި މެދު ނާއުންމީދުވެފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

"އެމްޑީޕީއިން ދައްކާ ވާހަކައަކާއި އަމަލާ ދިމައެއް ނުވެއޭ. އަޅުގަނޑުމެން ނެތިން މިކަމާއި މެދުގައި ދެރަވާކަށް ވެސް. އަދި ހަގީގަތް އޮޅުވާލާ ވާހަކަދަައްކާކަށް ވެސް. މާލޭ ސިޓީއަކީ އެމްޑީޕީއަށް ވަރަށް ތާޢީދު ކުރި ސިޓީއެއް. މާލޭގައި އޮތް އެންމެ ބޮޑު މައްސަލައަކީ ގެދޮރުވެރިކަމުގެ މައްސަލަ. އެ މައްސަލަ ހައްލުކޮށްދިނުމަށް އެމްޑީޕީއިން ދެއްކި ވާހަކަ މިއަދު ބިލާހަކަށް ވާތަން ރާއްޖޭގެ ރައްޔިތުންނަށް އެބަ ފެނޭ އިއްޒަތްތެރި ރައީސް." ޝިޔާމް ވިދާޅުވިއެވެ.

އެއް ކޮޓަރީގެ އެޕާޓްމަންޓްތަކަށް ވީގޮތެއް ނޭންގިގެން ގިނަ އަދަދެއްގެ ރައްޔިތުން އަންނަނީ މީސް މީޑިއާގައި އެކަމުގެ ޝަކުވާތައް ކުރަމުންނެވެ. މިހާރު މަސައްކަތް ނިމުމަކަށް ގޮސްފައިވާ އެމްޕީއެލް އިން އެޅި 204 އެއްކޮޓަރީގެ އެޕާޓްމަންޓްތައް ވެސް ވިއްކާލާފައިވާ ކަމަށް މީޑިއާގައި ރިޕޯޓް ކޮށްފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ބަރުގޮނު

    2008 ގައި އައި އެމް.ޑީ.ޕީ ސަރުކާރުން ހިއްކި ގުޅީފަޅަކީ "އިންސާނުން ދިރިއުޅެން އެއްގޮތަކަށްވެސް ރަގަޅުނޫން" ތަނެއްކަމަށް ކަޑައަޅައި މީޑިއާ އިން ހާމަކުރީ ހައުސިން މިނިސްޓަރަކަށް މުޢިއްޒު ހުންނެވި އިރު. އޭރު އޮތީ ޕީ.ޕީ.އެމް ގެ ސަރުކާރު. އަޅެ.. މިއީ ރަޢިއްޔަތުންނަށް އޮޅުވާލުމަކަށް ނުވޭބާ..!!! އެބިން އިންސާނުން ދިރިއުޅެން ކަމުނުދަނީ ކީއްވެބާ.... ޝިޔާމު ބުނުއްވާ ގޮތުން ޝިޔާމުގެ މައިކަކީ ރަޢިއްޔަތުންގެ މައިކެއް. ރަޢިއްޔަތުންގެ ތިޔަ މައިކުން މިސުވާލުގެ ޖަވާބު ރަޢިއްޔަތުންނަށް ސާފުކޮށްދެއްވާ ބައްލަވާ. އެބިން ހިއްކަން ވެލީގެ ބަދަލުގައި އެޅީ ޑީ.ޑީ.ޓީ ކުޑިތޯވެސް މުޢިއްޒު ކުރެން ސާފު ކުރައްވާތި.

    1
    5
    • ރައްޔިތުންގެ މައިކު

      ރައްޔިތުންގެ މައިކުން ވަރަށް ސާފުކޮށް އޮޅުންފިލާނޭހެން މިބުނަނީ މުއިއްޒު އެބުނީ ރަނގަޅަށް ކަމަށް. އެއީ އިންސާނުން އުޅެން ކަމުދާ ތަނެއް ނޫން. ސަބަބަކީ އިންޑަސްޓްރިއަލް ތަނަކާއި ކެމިކަލް ކުނި އަންދާ ތަނަކާއި ކުނިއަޅާ ކުނިގޮނޑަކާ ކާރީގައި އިންސާނުން އުޅޭކަށް ނުވާނެ.

  2. ވަތަނީ

    އެމްޕީއެލް އިން އެޅި 204 ފުލެޓަށްވީގޮތް ސާފުކޮށްދިނުމަށް ގޮވާލަމެވެ.