ސިޔާސީ ވެރިންގެ ނުރައްކާތެރި ސިޔާސަތުތައް ދިފާއު ކުރާ ބަޔަކަށް އެމްއެންޑީއެފް ނުވުމަށް ކުރީގެ ނާއިބު ރައީސް އަދި އިދިކޮޅު ކޯލިޝަންގެ އެޑްވައިޒަރު ޑރ. މުހައްމަދު ޖަމީލް އަހުމަދު ގޮވާލައްވައިފިއެވެ.

ޑރ. ޖަމީލް މިފަދަ މޭރުމަކުން ގޮވާލެއްވީ އުތުރުތިލަފަޅުގައި ކޯސްޓްގާޑް އުޅަނދުތައް ބެހެއްޓޭ ގޮތަށް ބަނދަރެއް ނުވަތަ ޑޮކްޔާޑެއް ހެދުމަަށް މި ސަރުކާރުން އިންޑިއާ ސަރުކާރާ އެކު ސޮއިކޮށްފައިވާ އެއްބަސްވުމާ ގުޅޭ ގޮތުން އެމްއެންޑީއެފްއިން ދިން މައުލޫމާތަށް ރާއްޖޭގެ ނޫހެއްގައި ޝާއިއުކޮށްފައިވާ ހަބަރެއް ޓްވީޓާގައި ހިއްސާ ކުރައްވަމުންނެވެ.

"ސިޔާސީ ވެރިންގެ ނުރައްކާތެރި ސިޔާސަތުތައް ދިފާއު ކުރާ ބަޔަކަށް ނުވާން އެމްއެންޑީއެފްއަށް ގޮވާލަން. ގައުމު ދިފާއު ކުރަން ފުރާނައިން ގުރުބާން ވާން ކުރި ހުވާ ދަމަހައްޓަން އިލްތިމާސް ކުރަން. މިއަދު އެމްޑީޕީ ވެރިކަމުގައި ތިއްބަސް މާދަމާ އެހެން ބަޔަކު ވެސް ތިބެދާނެ. އަބަދުވެސް ގައުމު ހިޔާމަތް ކުރުމުގައި ތެދުވެރިވާން ޖެހޭނެ." ޑރ. ޖަމީލް ލިޔުއްވާފައިވެއެވެ.

އުތުރުތިލަފަޅުގެ އެއްބަސްވުން ހާމަ ކުރުމަށް އިދިކޮޅު ފަރާތްތަކުން ދަނީ ގޮވާލަމުންނެވެ. ރައްޔިތުންގެ މަޖިލީހުގައި ތިއްބެވި އިދިކޮޅު ޕީޕީއެމްއާއި ޕީއެންސީގެ މެންބަރުން ވެސް ވަނީ މަޖިލީހުގެ މެންބަރުންނާ އެ އެއްބަސްވުން ހިއްސާ ނުކުރައްވާ އަދި މަޖިލީހުން އެ އެއްބަސްވުން ދިރާސާކޮށް ރުހުން ދިނުމެއް ނެތި އެފަދަ އެއްބަސްވުންތަކުގައި ސޮއިކުރާތީ ކަންބޮޑުވުން ފާޅުކުރައްވައިފައެވެ.

މި އެއްބަސްވުމުގެ ދަށުން އުތުރުތިލަފަޅުގައި އިންޑިއާގެ ސިފައިން ގާއިމްވެ ތިބެވޭ ގޮތަށް އިންތިޒާމު ކުރާ ކަމުގެ އަޑުތައް ގަދަވެފައިވެއެވެ. އެހެން ނަމަވެސް އެކަން އެމްއެންޑީއެފް އިން ދޮގު ކުރެއެވެ. އަދި އުތުރުތިލަފަޅު އޮންނާނީ ދިވެހި އަސްކަރިއްޔާގެ ބެލުމުގެ ދަށުގައި ކަމަށް އެމްއެންޑީއެފްއިން ވިދާޅުވެއެވެ.

އުތުރު ތިލަފަޅު ތަރައްގީ ކުރުމަށް ހަމަޖެހިފައި ވަނީ ދެ ފިޔަވައްސަކަށް ބަހާލައިގެންނެވެ. އަދި އެ ތަނުގެ ހުރިހާ ހިދުމަތެއް ލިބޭ ގޮތަށް އަމާޒުކޮށްފައި އޮތީ ތިން އަހަރު ދުވަހުގެ ތެރޭގައެވެ. އުތުރު ތިލަފަޅުގައި ޒާމާނީ ހުރިހާ ވަސީލަތެއް ގާއިމު ކުރުމަށް ވަނީ ހަމަޖެހިފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ވިސްނާލުމަށް އެދެމޭ

    ޖަމީލު ވަރަށް އިޙްތިރާމާއެކު ދަންނަވާލަން..ޕޕމގެ އެޑްވައިޒަރ އަދި ރޔާމީންގެ ދި ފާއީ އިސްވަކީލު...މަނިކު ފާނުގެ ބައެއް ނިންމުންތައް އަޅުގަނޑުމެން އެހާ ހިންހަމަނުޖެހޭ..ސަބަބަކީ ރޔާމީންގެ ވެރިކަންނިންމާ ރޔާމީނަށް ދެމުންދާ ނުހައްގު އަނިޔާގެ އެއްބައިވެރިއެއްކަން ފާޅުކަންބޮޑުކޮށް އެގެން އޮތް ބައެއް އިންޑިޔާއަކީ..ވީއިރު އިންޑިޔާގެ ފައިބުޑަށް ރޔާމީނަށް ހައްގުލިބިދާނެކަމަށްދެކި ދިޔުމަކީ އެހާ ހިތްގައިމުކަމެނޫން..ގައުމު މިއަދު ބަރުދާސްތުކުރާ ކޮއްމެ ވޭނެ ތަކުލީ ފެއްގެ ފަހަތުގަވަނީ އިންޑިޔާކަން ރޭގަ އު ފަންވިކުއްޖާވެސް ހެކިވޭ..ވީމާ ރޔާމީނަށް ލިބިދޭންޖެހޭ ހައްގުހޯދުމަށް މަނިކު ފާނުވެސް ހިމެނޭހެން އަޅުގަނޑުމެންނާއެކު ނުކުންވީ ،..