ދައުލަތުގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކުދިންތަކުގެ ތެރެއިން "އަމާން ވެށި" ތަކުގައި ބަލަހައްޓާ ކުދިންނާ ބެހޭ ގޮތުން މީސްމީޑިއާ އާއި މީޑިއާތަކުގައި ދެކެވެމުން ހަގީގަތާ ހިލާފު ވާހަކަތައް ޖެންޑަ މިނިސްޓްރީން ދޮގުކޮށްފިއެވެ.

ޖެންޑާ މިނިސްޓްރީން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ވަނީ، ކުޑަކުދިންނަކީ ބޮޑެތި މީހުންނާ ހަވާލުކުރެވިފައިވާ އަމާނާތަކަށް ވީހިނދު، ރާއްޖޭގެ ގާނޫނު އަސާސީ އާއި ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ގާނޫނާއި ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމާ ބެހޭ ބައިނަލްއަގްވާމީ މުއާހަދާތަކުގެ ދަށުން އެންމެހައި ހައްގުތަކެއް ކަށަވަރުކޮށްދިނުމަށް ބާރުއަޅާ ކަަމަށެވެ.

އާއިލީ ވެއްޓެއްގައި ކުޑަކުދިންނަށް ބޭނުންވާ ރައްކާތެރިކަން ކަށަވަރު ނުކުރެވޭ ޙާލަތްތަކުގައި އެ ކުދިންނަށް ބޭނުންވާ ރައްކާތެރިކަން ފޯރުކޮށްދިނުމަށް ދައުލަތުގެ މައްޗަށް ލާޒިމުވާ ކަމަށާއި އެގޮތުން، ދައުލަތުގެ ބެލުމުގެ ދަށަށް ގެނެވޭ މި ފަދަ ކުދިން މި ފާއިތުވެދިޔަ މުއްދަތުތަކުގައި ދިރިއުޅެމުންދިޔައީ މާލޭ ސަރަޙައްދުގައި ގާއިމު ކުރެވިފައިވާ ދެ މަރުކަޒެއްގައި ކަމަށް އެ މިނިސްޓްރީން ވަނީ ވިދާޅުވެފައެވެ.

ނަމަވެސް، ދައުލަތުގެ ބެލުމުގެދަށުގައި ދިރިއުޅޭ ކުދިން ވެސް ބާކީވުމުގެ އިހުސާސްވިޔަ ނުދީ، އެހެން ކުދިންނެކޭ އެއްފަދައިން މުޖުތަމަޢުގެ ތެރޭގައި ހެދިބޮޑުވުމުގެ ފުރުޞަތު ތަނަވަސްކޮށްދިނުމުގެ ގޮތުން އަތޮޅުތެރޭގައި އެ ކަމަށް ޚާއްޞަކުރެވިގެން ގާއިމުކުރެވޭ "އަމާން ވެށި"ތަކަށް ބަދަލުކުރުމުގެ މަސައްކަތް މި މިނިސްޓްރީން ވަނީ ފަށާފައިިވާކަމަށާއި މި ފަދަ މަސައްކަތެއް މިހައި ފުޅާ ދާއިރާއެއްގައި ކުރެވެމުންދާއިރު، އެ މަސައްކަތުގައި ހުރި ގޮންޖެހުންތައް ދެނެގަނެއް، އެ ކަންކަން ޙައްލުކުރުމުގައި ގުޅުންހުރި ފަރާތްތަކާއެކު މިނިސްޓްރީން ދަނީ މަސައްކަތްކުރަމުން ކަމަށް ނޫސް ބަޔާނުގައިވެއެވެ.

ނަމަވެސް، އެ ފަދަ ގޮންޖެހުންތަކަށް ރިއާޔަތް ކުރުމެއް ނެތި ބައެއް ފަރާތްތަކުން ދައްކާ ހަގީގަތާ ހިލާފު ވާހަކަތަކުގެ ނޭދެވޭ އަސަރު، އެ ކުދިންނަށް ފޯރާ ކަމަށާއި، މިކަމާ ކަންބޮޑުވާ ކަމަށް މިނިސްޓްރީން ވިދާޅުވިއެވެެ.

"ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމާ ބެހޭ ގާނޫނުގެ 10ވަނަ މާއްދާ "އަޅައިލުމާއި ޙިމާޔަތް ލިބުން"ގެ (ހ) އަދި އެ ގާނޫނުގެ 33 ވަނަ މާއްދާ ކުޑަކުދިންގެ ކަރާމާތަށް އުނިކަން އަންނަ މައުލޫމާތު އާންމުނުކުރުން"ގެ (ހ)އާ ޚިލާފަށް، ބައެއް ފަރާތްތަކުން މަޢުލޫމާތު ފަތުރާކަމީ މި މިނިސްޓްރީން ކަންބޮޑުވާ ކަމެކެވެ. އެ ކަމުގެ ސަބަބުން، އެ ކުދިންނާ ގުޅޭ ގޮތުން ހަގީގަތާ ޚިލާފު ވާހަކަ މުޖުތަމައުގެ ތެރޭގައި ފެތުރުމާއި، އެ ކުދިންނާމެދު ބައެއް ފަރާތްތަކުން ހިތްހަމަނުޖެހޭ ފަދަ ޝުޢޫރު ފާޅުކުރެވިގެންދާ ޙާލަތުތައް އާދެއެވެ." މިފަދަ ކަންކަން މިނިސްޓްރީގެ ސަމާލުކަމަށް އައިސްފައިވާކަން ފާހަަގަކޮށް ޖެންޑާ މިނިސްޓްރީން ވަނީ ވިދާޅުވެފައެވެ.

ހަޔާތުގައި ކުރިމަތިވެފައިވާ ބައެއް ހާދިސާތަކާއި ޙާލަތްތަކުގެ ސަބަބުން އެ ފަދަ ކުދިންގެ ނަފްސާނީ ދުޅަހެޔޮކަމަށް ހާއްސަ ސަމާލުކަމެއް ދީގެން މަސައްކަތްތަކެއް ކުރެވެމުންދާ އިރު، އެ ކުދިން މުޖުތަމައު އަށް ރުޖޫއަކުރުމުގައި ގޮންޖެހުންތަކެއް ހުންނާނެކަން ގަބޫލުކުރަން ޖެހޭ ކަމަށާއި މި ފަދަ ގޮންޖެހުތައް ހައްލުކުރުމުގައި، ދައުލަތުގެ އިދާރާތަކާއި މުއައްސަސާތަކުގެ ދައުރުގެ އިތުރުން މުޅި މުޖުތަމަޢުގެ ޒިންމާތަކެއް ވާކަން ފާހަގަކުރާ ކަމަށް އެ މިނިސްޓްރީން ވަނީ ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ކޮސްބެ

    އަމާންވެއްޓައް ނާމާން ވެއްޓައް ކުދިންނައް ދާންޖެހުނީ މިގައުމުގެ ސަރުކާރުތަކުން ރިޔަލްސްޓޭޓް ބިޒްނަސް ހިންގަން ވެގެން ބިންތައް ހިސޯރުކޮއް ގޯތި ނުދިނުމުގެ ސަބަބުން ބޯހިޔާ ވަހިކަމެއްނެތި މީސްތަކުން އުޅެންޖެއްސީމަ ވީގޮއް ރުފިޔާ ހޯދަން އެސެޓަކައް ރައްޔިތުން ބޭނުން ކުރުމުގެ ނަތީޖާ

  2. ހިތާމަ

    ތީ ތާކުހުރި ގަމާރެއްތަ؟ ކާކު މީނަޔަށް މިނިސްޓަރުކަން ހަވާލުކުރީ. ދެލޮލުން ބަލަން ދޭބަލަ އެކުދިން ކޮށްފަހުރި ކަންކަން ކުރާކަންކަން، ކިޔާ ހުތުރު ބަސްތައް އަހާލަން ކެރޭނެތަ މީނަޔަށް. ކީއްވެތަ މީނަގެ ގޭގަ ބެލުމުގެ ދަށުގައި ނުބަހައްޓަން އުޅެނީ. ތަންތަނަށް ފޮނުވަނީ ރާވައިގެން ތަންތަން ސުންނާފަތިކޮށް އަމާންކަން ނަގާލަން

  3. އަމާބަފާވެށި

    އަމާން ވެއްޓެއް ނާމާން ވެއްޓެއް އަމާބަފާ ވެއްޓެން ކިޔާނެ ކަމެއް ނެތް. ގޮނޑިކޮއްކޮގެ ސަރުކާރުގެ ގޮނޑިދުއްވާ ގޮނޑިކޮއްކޮފުޅު ނުރުހުންވާނެ ބަސްފުޅެއް ވިދާޅެއް ނުވެވޭނެ. ދޮގުހަދައިގެންވެސް ޖެހޭނީ ގޮނޑިކޮއްކޮފުޅު ސަލާމަތްކުރަން. ތިޔަ ހެދީ ކަނޑައެޅިގެން އިތުރުފުޅެއް. ތިޔަ ބުނާ ކުދިން ތި ތަންތަނަށް ތިގެންދިޔައީ އެތަންތަނުގައި ތިބި މީސްމީހުންގެ ޅަދޮޅު ޅަދަރިން ހަލާކޮށް ފަނާކޮށް އިތުރަށް މިގައުމު ހަލާކުގެތެރެއަށް ގެންދަން. ހައްދުންނެއްޓިފައި ތިބި ކުދިންތަކެއް ބައެއްގެ ތެރޭގައި ތިބޭކަށް ނުޖެހޭނެ. މީގެކުރިންވެސް ކުދިން ތިބި. ތިޔަ ޒާތުގެ ވާހަކަތަކެއް އެކަކުވެސް ނުދައްކާ.

  4. މިނިސްޓަރ

    ތި ޖެންޑާ މިނިސްޓަރު ކައިރީގައި ބުނެލަބަލަ ނިކަން ތި ކުދިންތިއްބާ ހިޔާތަކަށް ޒިޔާރަތްކުރަން. އޭރަށް ފެންނާނެ މަންޒަރު ވަރަށް ސާފުކޮށް.