ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދުގެ އިތުބާރު ނެތް ކަމަށް ފާސްކޮށް މަގާމުން ވަކިކުރީ ރައްޔިތުންގެ މަޖިލީހުން ކަމަށާއި އެ ކަމުގައި ސުޕްރީމް ކޯޓަށް ބަސް ނުބުނެވޭނެ ކަމަށް، ދައުލަތުގެ ވަކީލުން ވިދާޅުވެއްޖެއެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ފުރަތަމަ ނައިބު ރައީސަކަށް ހުންނެވި ޖަމީލް އެ މަގާމުން ވަކިކުރީ އަށާރަވަނަ ރައްޔިތުންގެ މަޖިލީހުން ފާސްކޮށްގެންނެވެ. އެއީ ޖޫން 2015 ގައެވެ. ޕީޕީއެމްގެ މެޖޯރިޓީ އޮތް މަޖިލީހުން އެ ގޮތަށް ފާސްކުރިއިރު ޖަމީލް ވަކިކުރަން ޕީޕީއެމްގެ އިތުރުން އިދިކޮޅުގައި އޭރު ތިބި އެމްޑީޕީ އާއި ޖުމްހޫރީ ޕާޓީގެ ބައެއް މެންބަރުން ވެސް ވޯޓް ދިނެވެ.

ޖަމީލްގެ ފަރާތުން 2019 ގައި މި މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅި އިރު، މި މައްސަލާގައި އިއްޔެ ބޭއްވި އަޑުއެހުމެއްގައި ދައުލަތުން ވިދާޅުވީ ގާނޫނުއަސާސީގައި އޮންނަ ގޮތުން ރައީސާއި ނައިބު ރައީސް ވަކިކުރުމުގެ އިޖުރާއަތަކީ މަޖިލީހަށް އޮންނަ ބާރެއް ކަމަށެވެ. އެ އިޖުރާއަތްތައް ކަނޑައެޅުމުގެ ބާރު ވެސް އޮތީ މަޖިލީހަށެވެ.

ޖަމީލު މަގާމުން ވަކި ކުރުމުގައި މަޖިލީހުގެ ގަވާއިދަށް ވެސް ބަދަލު ގެނައީ މަޖިލީހުން ކަމަށް ދައުލަތުން ފާހަގަކުރެއްވިއެވެ. ނައިބު ރައީސް ކަމުން ޖަމީލް ވަކިކުރަން މަޖިލީހަށް ހުށަހެޅުއްވީ 61 މެންބަރުންގެ ސޮޔާއެކުއެވެ. އަދި މަގާމުން ވަކިކުރަން ފާސްކުރީ 78 މެންބަރުންގެ ވޯޓުންނެވެ. އޭގެ ތެރޭގައި ޕީޕީއެމްއާއި އަމިއްލަ މެންބަރުންނާއި ޖުމްހޫރީ ޕާޓީގެ މެންބަރުންނާއި އެމްޑީޕީގެ މެންބަރުން ވެސް ހިމެނެއެވެ. ވަކިކުރަން ނުފެންނަ ކަމަށް ވޯޓް ދެއްވީ އެންމެ ދެ މެންބަރުން ކަން ދައުލަތުން ފާހަގަކުރެއްވިއެވެ.

މި މަރުހަލާގައި ރައީސުލްޖުމްހޫރިއްޔާގެ ބަސްފުޅެއް އޮންނަން ގާނޫނުއަސާސީއިން ލާޒިމު ނުކުރާ ކަމަށް ދައުލަތުން ވިދާޅުވެއެވެ. ގާނޫނު އަސާސީ އެކުލަވާލި ޚާއްސަ މަޖިލީހުގެ ޖަލްސާތަކުގެ ޔައުމިއްޔާއަށް ރިއާޔަތް ކުރުމުން އެ މަޖިލީހުގެ މެންބަރުންގެ ވިސްނުމުގައި އޮތީ ވެސް ނައިބު ރައީސް ނާގާބިލް ކަމަށް މަޖިލީހުގެ މެންބަރުންގެ ތިންބައިކުޅަ ދެބައިގެ އަޣުލަބިއްޔަތަށް ފެނިއްޖެނަމަ ނައިބު ރައީސް ދުރުކުރަން ވޯޓަށް ނަގައި ފާސްކުރެވޭނެ ކަމުގައެވެ.

މި މައްސަލަ ސުޕްރީމް ކޯޓުގައި ބައްލަވަނީ ފަސް ފަނޑިޔާރުންގެ ބެންޗަކުންނެވެ. ރިޔާސަތުގައި އިންނަވަނީ އުއްތަމަ ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާންއެވެ. ދެން ތިއްބަވަނީ ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރުއާއި، ފަނޑިޔާރު އައިޝާ ޝުޖޫންއާއި، ފަނޑިޔާރު އަލީ ރަޝީދުގެ އިތުރުން ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހިމެވެ.

އިއްޔެގެ އަޑުއެހުމުގައި ފަނޑިޔާރުންގެ ބެންޗުން އިއުލާން ކުރެއްވި ގޮތުގައި ދެން އޮންނާނީ މި މައްސަލައިގެ ހުކުމް އިއްވުމަށް ބާއްވައި އަޑުއެހުމެކެވެ. އެކަމަކު އެ އަޑުއެހުން އޮންނާނެ ދުވަހެއް އިއުލާން ނުކުރައްވައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. މަނީމަނީ

    އަސްލު ވަކިކުރަން ޖެހޭމީހެއް ހުސްއަނގަ އޮންނަމީހެއް ބޮނޑި

  2. މުހަމަދު

    ކޮބާ ބޮނޑި ބަތާ ހީވޭ ކަމެއހެން ތީ ގާބިލް ބޭފުޅެއް

  3. ކަދުރު ފާތުމާ

    ކޮބާ ބޮނޑި ބަތާ ތީ ނާބީލް ބޭފުޅެއް ކަން އެއޮތީ ނިންމާފަ ތީ އެއްވެސް ތަނެއް ދޮރެއް ދޮރޮއަށްޓެއް ދަންނަ މީހެއްނު މާ މޮޅު ގާނޫނީ ވަކީލަކަށް ވެގން ތިއުޅެނީ ޔާމީން އަށް ބޮނޑި ދޭން ވެގެން މިހާރުން މިހާރށް ޔާމީން ގެ ގާނޫނި ޓީމުން ބޭރުކުރަން ގޮވާލްަން މީ ފޯމުލަކު ބޮނޑިބަތެއް

    1
    1