ދިވެހި ރާއްޖޭގެ ޓުއަރިޒަމާއި މަސްވެރިކަން ބިނާވެފައިވަނީ ރާއްޖޭގެ ފަރުތަކުގެ ދުޅަހެޔޮ ކަމުގެ މައްޗަށް ކަމަށް ތިމާވެށްޓާއި ބެހޭ ވަޒީރު ތާރިގު އިބްރާހީމް ވިދާޅުވެއްޖެއެވެ.

މިއަދު ފާހަގަކުރަމުންދާ ދުނިޔޭގެ ތިމާވެށީގެ ދުވަހުގެ މުނާސަބަތުގައި ދެއްވި ޚިތާބުގައި މިނިސްޓަރ ތޯރިގް ވިދާޅުވީ ދުނިޔޭގެ ނިސްބަތުން ފަސްވަނައަށް އެންމެ މުއްސަނދި ފަރުގެ ނިޒާމް ދިވެހިންނަށް މިންވަރު ކުރައްވާފައިވާއިރު މިނާޒުކު ފަރުގެ ދުޅަހެޔޮ ކަމަކީ މިގައުމުގެ އިގްތިސާދު އޭގެ މައްޗަށް ބަރޯސާ ވެފައިވާ ފަތުރުވެރިކަމާއި މަސްވެރިކަން އެކަމެއްގެ މައްޗަށް ބިނާވެފައިވާ ކަންކަން ކަމަށެވެ.

"ފަރުތައް ޕްލާސްޓިކުން ތަޣައްޔަރުވަމުންދާ ކަމަށްވާނަމަ އެކަމުގެ ނޭދެވޭ އަސަރު ހުރިހާ ދިރުންތަކަށް ކުރާނެ. އެންވެރިކަމާއި، މަސްވެރިކަން ގުޅިފައިވާ ގޮތަށް އެއްގަމުގެ ދިރުންތަކާއި، ދޫނި ސޫފާސޫވެސް ވަނީ އެކަތި އަނެކައްޗާ ގުޅި ލާމެހިފައި " މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ މިފަދަ ދުވަހެއް ފާހަގަ ކުރަމުންދާއިރު ތިމާވެށްޓާއި ރައްޓެހި އާދަތަކަށް ބަދަލުވުމުގެ އަޒުމް އައުކުރުމަކީ މުހިންމު ކަމެއް ކަމަށެވެ.

" އިންސާނާގެ ސިއްހަތާއި ދުޅަހެޔޮކަމާއި އެކަމަށް ބޭނުންވާ އެތައް އަސާސީ ހައްގުތަކެއްވެސް މިގުދުރަތީ ދިރުންތަކާ ވަނީ ގުޅިލާމެހިފައި. މިގޮތުން ސާފުވައި، ކެއުން ބުއިން، ފެނުގެ ރައްކާތެރިކަމާއި މޫސުމީ ބަދަލުތަކުގެ އަސަރުތަކުން ރައްކާތެރިވުން ހިމެނޭ" މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރު ތޯރިގު ވިދާޅުވީ ޕްލާސްޓިކް ކުނި ގިނަވެ އޭގެ އާޚިރު މަންޒިލަކަށް ކަނޑާއި ގޮނޑުދޮށް ވެފައިވުމަކީ ހިތާމަކުރައްވާ ކަމެއް ކަމަށެވެ. އެގޮތަށް އެކަންވާނަމަ ކަނޑުތަކުގެ މަހަށްވުރެ ޕްލާސްޓިކް ގިނަވެ ކަނޑުމަތީގެ ހުރިހާ ނަސްލެއްގެ ދޫނީގެ ކެއުމުގެ ތެރޭގައި ކުންޏަށް އުކަލެވޭ ޕްލާސްޓިކް ހިމެނިދާނެ ކަމުގެ އިންޒާރުވެސް ލިބިފައި ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އެކަން އެހެން ވެއްޖެނަމަ އެއީ ރާއްޖެ ފަދަ ޖަޒީރާ ގައުމަކަށް ލިބޭނެ ވަރަށް ބޮޑު ގެއްލުމެއް ކަމަށް މިނިސްޓަރ ވިދާޅުވެފައިވެއެވެ.

އޮފީސް މާހައުލާއި އަމިއްލަ ދިރިއުޅުމުގައި ވެސް ތިމާވެއްޓާ ރައްޓެހި ގޮތަކަށް އަމަލު ކުރުމަކީ ރާއްޖޭގެ ރީތި ވެށީގެ ހައްގުގައިވެސް މުހިންމު ކަމެއް ކަމަށް މިނިސްޓަރ ވިދާޅުވެފައިވެއެވެ.