ލޯކަލް ކައުންސިލް އިންތިހާބުގައި ޕީޕީއެމްގެ ފަރާތުން ތ. ކަނޑޫދޫ ކައުންސިލްގެ ގޮނޑިއަކަށް ވާދަ ކުރައްވާ ކެންޑިޑޭޓެއްގެ ކެންޑިޑެސީ ބާތިލް ކުރީ ގާނޫނާ ހިލާފަށް ކަނޑައަޅައި، އޭނާ އަށް އިންތިހާބުގައި ބައިވެރިވެވޭ ގޮތަށް ސުޕްރީމް ކޯޓުން މިއަދު އަމުރުކޮށްފިއެވެ.

ކަނޑޫދޫ ކައުންސިލްގެ ރައީސް ކަމަށް ކުރިމަތިލެއްވީ ޕީޕީއެމްގެ ކެންޑިޑޭޓު ހަސަން މޫސާއެވެ. އޭނާގެ ކެންޑިޑެސީ ބަލައިގަތުމަށް ފަހު ބާތިލްކޮށްފައި ވަނީ ވެސް އިލެކްޝަންސް ކޮމިޝަން (އީސީ) އިންނެވެ. އެހެންވެ، އެ މައްސަލަ ހަސަން މޫސާގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހެޅިއެވެ.

ހަސަން މޫސާގެ ކެންޑިޑެސީ އިލެކްޝަންސް ކޮމިޝަނުން މިދިޔަ މަހު ބާތިލްކުރީ ސާބިތު ދަރަންޏެއް އޮވެ، ހުކުމާ އެއްގޮތަށް ފައިސާ ނުދައްކާތީ ކަމަށް ބުނެއެވެ. އޭނާގެ ކެންޑިޑެސީ ބާތިލް ކުރުމުން އެ ގޮނޑިއަށް ވާދަކުރި އެމްޑީޕީގެ ކެންޑިޑޭޓް ހޮވުނު ކަމަށް އޮތީ އިއުލާންކޮށްފައެވެ.

ސުޕްރީމް ކޯޓުގައި ބޭއްވި އަޑުއެހުމުގައި ހުކުމް އިއްވަވަމުން އުއްތަމަ ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާން ވިދާޅުވީ ހަސަން މޫސާގެ ކެންޑިޑެސީ ބާތިލްކުރީ އޭނާގެ ކެންޑިޑެސީ ބަލައިގަތް ކަން އެންގުމަށް ފަހު ކަމަށްވާ އިރު، އިންތިހާބަށް ކުރިމަތިލާތާ 48 ގަޑިއިރުގެ ތެރޭގައި ކެންޑިޑެސީ ބަލައިގަތުމާ މެދު ގޮތެއް ނިންމަން ޖެހޭނެ ކަމަށް އިންތިހާބުތަކާ ބެހޭ ގާނޫނުގައި ބުނެފައިވާ ކަމަށެވެ.

އެ މުއްދަތު ހަމަވުމަށް ފަހު މީހެއްގެ ކެންޑިޑެސީ އިލެކްޝަންސް ކޮމިޝަނަށް އަމިއްލައަށް ބާތިލް ނުކުރެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އިލެކްޝަންސް ކޮމިޝަނުން މީހެއްގެ ކެންޑިޑެސީ ބަލައިގަތުމަށް ފަހު އެ ކޮމިޝަނަށް ފަހުން ލިބޭ މައުލޫމާތެއްގެ މައްޗަށް ބިނާކޮށް މީހެއްގެ ކެންޑިޑެސީ ބާތިލް ކުރެވޭނީ ސުޕްރީމް ކޯޓުގެ ނިންމުމަކުން ކަމަށް އުއްތަމަ ފަނޑިޔާރު ވިދާޅުވިއެވެ.

އުއްތަމަ ފަނޑިޔާރު ވިދާޅުވީ ހަސަންގެ ކެންޑިޑެސީ ބާތިލްކޮށް، އިލެކްޝަންސް ކޮމިޝަނުން އޭނާއަށް އެންގީ ގާނޫނާ ހިލާފަށް އެންގުން ބާތިލްކުރާ ކަމަށެވެ.

އުއްތަމަ ފަނޑިޔާރުގެ އިތުރުން އެ މައްސަލަ ބެއްލެވި ބެންޗުގައި ދެން ތިއްބެވީ ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރާއި ފަނޑިޔާރު އައިޝާ ޝުޖޫން މުހައްމަދެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ދުންމާރި

    މިހާރު ދެން އޮންނާނީ ގޮޑި އެމްޑީޕީއަށް ކަށަވަރުވެފަ މިސަރުކާރުގެ އިލެކްޝަން ކޮމިޝަނަކީ މިހާ ނާތަހުޒީބު ނުކުޅެދުންތެރި ތަނެއްކަމަށް ހީވެސްނުކުރަން އަދިވެސް މީހުންގެ ޙައްޤުތަކަށް ބެލުމެއްނެތި މީޑިޔާގަ މޮޅުވާހަކަ ދެއްކީމަ ހުންނާނީ ތިމާމެންގެ ނާޤާބިލްކަށް ހާމަވެފަ

    23
  2. ޕްރޮފެސަރ އަދުރޭ

    މިހިރަގެން ފެންނަނީ މިނިވަން ސުޕްރިމްކޯޓް އައިކަމުގެ ނިޝާންތައް. އަދިވެސް މިކަހަލަ ކިތަންމެ ކިތަންމެ ކަމެއް ﷲ އިރާދަފުޅުން ފެންނާނެ. މިއީ މިިނިވަން ޖުޑިޝަރީއެއްއެއް މުހިންމުވާ އެއްސަބަބު. އިންސާފާއި ޙައްޤުތައް ޔަޤީންވެގެންދިއުން. ފުރާޅުގައި ޓިނާއި އިސްކުރުވެސް ހުންނާނެ. ކޯޓުގެ ފުރާޅު ސާފުކުރަންމެނުވީ ފުރާޅަކަށް ނާރާނެ. ފަޑިޔާރުންނަށް ނެތް އެއްވެސް ނުފޫޒެއް އަދި ބިރުވެރިކަމެއް. ވިސްނާށޭ ޤައުމު. ވިސްނާށޭ ޤައުމު.

    6
    15
  3. ޑޭޒީމާ ހިލްމީ

    ސްޕްރިމްކޯޓާ ކުޅެން ނުކެރިގެން އުޅެނީ ދަށު ކޯޓް ތަކުގެ ހުރީހާ ފަޑިޔާރުން ތިބީ ބިރުން ވިރި ވިރި ރަށްޓެހި ފަނޑިޔާރެއް ގާތުން....ވިސްނާށޭ ގައުމު އަހާލަ ބަލަ...އަބަދު ސުލޫކީ....ސްޕުރިމްކޯޓް ފުރާޅުން ޓިނެއް ނުނަގާ އެއީ އެމް އެންޑީ އެފުން ބަލަހައްޓާ ތަނެއް.....ހެ ހެ. މީޓިން ރޫމް ތެރޭ ފިލާ ތިބި މީހުން ނެރުނީ...ހެ ހެ....ނޭނގޭ ވާހަކަ ނުދައްކާ....

  4. ދަރަނި ދަންތުރަ

    އިންސާފުގާއިމުވެފައިވާ މިންވަރު އެނގޭނެ ރައީސް ޔާމީނުގެ މައްސަލަ އިސްތިއުނާފު ކުރަން ސްޕުރީމްކޯޓަށްލީމަ އެދުވަހަކަށް މި އިންތިޒާރުކުރަނީ