ކޮވިޑް-19 އިން ރައްކާތެރިވުމަށް ވެކްސިން ޖެހުމުން ހާއްސަ ޑިސްކައުންޓެއް ލިބޭނެ އިންތިޒާމު ޕިއްޒާ ބޯނާ އިން ހަމަޖައްސައިފިއެވެ.

ޕިއްޒާ ބޯނާ އިން ވަނީ ވެކްސިން ޖެހިކަން އެނގޭ ކާޑު ދެއްކުމުން 10 އިންސައްތަ ޑިސްކައުންޓެއް ލިބޭނެ ކަން ހާމަކޮށްފައެވެ.

ވެކްސިން ޖެހުމަށް ފަހު، ސީހައުސް އަށް އައުމުން ޑިސްކައުންޓް ލިބޭ ގޮތަށް އެ ކެފޭ އިން ވަނީ ހަމަޖައްސައިފައެވެ.

ސީހައުސް ކެފޭ އިން އެގޮތަށް ބުނީ ޓުވިޓާގައި މީހަކު ކުރި ސުވާލެއްގެ ޖަވާބުގައެވެ. "ވައްޑޭ" ނަމުގައި ޓުވިޓާގައި ސުވާލު ކުރި މީހަކު ބުނީ ވެކްސިން ޖަހާ ކުދިންނަށް ކާޑް ދެއްކީމަ ޑިސްކައުންޓެއް ލިބިދާނެތޯއެވެ.

އޭގެ ޖަވާބުގައި ސީހައުސްގެ ރަސްމީ އެކައުންޓުން ކުރި ޓުވީޓެއްގައި ބުނީ ބުރާސްފަތި ނޫން ކޮންމެ ދުވަހަކު ވެކްސިން ޖެހިކަން އަންގައިދޭ ކާޑާ އެކު އެ ކެފޭ އަށް ގޮސް އޯޑަރު ކުރާ އެއްޗެހިން 15 އިންސައްތަ ޑިސްކައުންޓެއް ލިބޭނެ ކަމަށެވެ.

ޕިއްޒާ ބޯނާއިން ސީހައުސްއާ އެއްގޮތަށް ޑިސްކައުންޓް ދޭނެ ކަމަށް ބުނުމާ ގުޅިގެން މީހުން ދަނީ މަޝްހޫރު އެހެން ތަންތަން ޓެގްކޮށް އެފަދަ ޑިސްކައުންޓެއް ވެކްސިން ޖަހާ މީހުންނަށް ނެތްތޯ ސުވާލު ކުރަމުންނެވެ.

މިވަގުތު މި ވެކްސިން ދިން މީހުންގެ ޖުމްލަ އަދަދަކީ 80،159އެވެ. އޭގެ ތެރެއިން 59،077 މީހުންނަކީ މާލެ ސަރަހައްދުން ވެކްސިން ދީފައިވާ މީހުންނެވެ. އަތޮޅުތެރެއިން ދީފައިވަނީ 19،623 މީހަކަށެވެ. އަދި ރިސޯޓުތަކުން 1،459 މީހަކަށެވެ.