ނ. ވެލިދޫގައި ހޯމް ކަރަންޓީނުގައި ހުރި މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ.

އެރަށުގައި ހޯމް ކަރަންޓީނުގައި ހުރި މީހަކު ފައްސިވެފައިވާކަން އެރަށު ކައުންސިލްގެ ނައިބު ރައީސް އަހުމަދު ޖައުފަރު ވަނީ "ވަގުތު" އަށް ކަށަވަރު ކޮށްދީފައެވެ. އެހެން ނަމަވެސް އެކަމާއި ބެހޭ އިތުރު މައުލޫމާތެއް ޖައުފަރު ނުދެއްވައެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އޭނާ ފައްސިވެފައިވަނީ ކަރަންޓީނުގެ 10 ދުވަހުގެ މުއްދަތަ ނިންމައި ހެދި ޓެސްޓުންނެވެ. އަދި މީހާރު އޭނާ ވަނީ ވަކިން ތަނަކަށް ބަދަލު ކޮށްފައެވެ.

ވެލިދޫ ކައުންސިލްގެ ރައީސް އަސްމާ ހުސައިން "ވަގުތު" އަށް ވިދާޅުވީ، ފައްސިވެފައިވާ މީހާ އެރަށް ގޮސްފައިވަނީ މިމަހުގެ 12 ވަނަ ދުވަހު ކަމަށާއި އޭނާއާއި އެކީ އިތުރު ދެ މީހަކު ކަރަންޓީނުގައި ތިބި ކަމަށެވެ.

އެމީހާ ފައްސިވުމުން މިވަގުތު ދެން ތިބި ދެ މީހުންގެ ސުންކު ނަގާފައިވާ ކަމަށާއި އަސްމާ ވިދާޅުވިއެވެ.

އަސްމާ ވިދާޅުވީ، ފައްސިވެފައިވާ މީހާއާއި ވާހަކަ ދެއްކުމުން އޭނާ އާއި އިތުރު ބަޔަކާއި ދިމާ ނުވާ ކަމަށް ބުނެފައިވާ ކަމަށާއި އެހެން ކަމުން ކޮންޓްކްޓް ޓްރޭސިން ހެދުމުގެ ކަންކަން ކުރިއަށް ނުގެންދާ ކަމަށެވެ.

ރާއްޖެ އިން ފައްސިވި މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ 18930 އަށް އަރާފައެވެ. މިހާރު ވެސް 2512 މީހަކު ރާއްޖޭގައި ކޮވިޑް ޖެހިފައި އެބަތިއްބެވެ. އޭގެތެރެއިން 162 މީހުންނަށް ހޮސްޕިޓަލްގައި އަންނަނީ ފަރުވާ ދެމުންނެވެ.