އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތަކުގައި އިއުލާނުކޮށްފައިވާ ކާފިއު އުވާލައިފި އެވެ.
އައްޑޫގެ ގުޅިފައިވާ ރަށްތަކުގައި ކާފިއު އުވާލާފައިވާކަން އިއުލާނު ކޮށްފައިވަނީ މިހާރު އައްޑޫ އިމަޖެންސީ އޮޕަރޭޝަނުން ކުރިއަށް ގެންދާ ނޫސްވެރިންގެ ބައްދަލުވުމުގައި އެ ސިޓީގެ މޭޔަރު އަބްދުﷲ ސޯދިގުއެވެ.
މޭޔަރު ވިދާޅުވީ، ގުޅިފައިވާ ރަށްތަކުގައި އިއުލާނު ކޮށްފައިވާ ކާފިއު އުވާލި ނަމަވެސް، ހުޅުމީދޫގައި ކުރިއެކޭ އެއްގޮތަށް ކާފިއު ހިންގޭނެ ކަމަށެވެ.
އައްޑޫގައި އިއުލާނު ކޮށްފައިވާ ކާފިއު އުވާލިކަން މިރޭ ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އިއުލާނު ކުރާނެ ކަމަށް މޭޔަރު ވިދާޅުވިއެވެ. އެގޮތުން އެޗްޕީއޭއިން އިއުލާނު ކޮށްފައިވާ ކާފިއު މުއްދަތު ހަމަވާނީ މިރޭ 00:00 އަށް ކަމަށް މޭޔަރު ވިދާޅުވިއެވެ.
މޭޔަރު ވިދާޅުވީ، ހުޅުމީދޫ ފިޔަވައި އައްޑޫގެ ގުޅިފައިވާ ރަށްތަކުގެ ކާފިއު އުވާލަން ނިންމާފައިވަނީ މުޖުތަމައު ތެރެއިން ބަލި ނުފެންނާތީ އެކަމަށް ބަލައި ކަމަށެވެ. އެހެން ނަމަވެސް ހުޅުމީދޫގެ މުޖުތަމައު ތެރޭގައި ބަލި އޮތުމުން އެރަށުގައި އިއުލާނު ކޮށްފައިވާ ފިޔަވަޅުތަކަށް ލިޔެއް ނުދޭ ކަމަށް މޭޔަރު ވިދާޅުވިއެވެ.
ކާފިއު އުވާލި ނަމަވެސް، މިވަގުތަކީ ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ބަލައި، އެއްވެ އުޅުމާއި ޕާޓީ ބާއްވަން އެފަދަ ކަންކަން ކުރަން ރަނގަޅު ވަގުތެއް ނޫން ކަމަށް މޭޔަރު ވިދާޅުވިއެވެ. އަދި ބޭރުގައި އުޅޭ ވަގުތު މާސްކު އެޅުމަށްވެސް މޭޔަރު ވަނީ އިލްތިމާސް ކޮށްފައެވެ.
އައްޑޫއިން މިވަގުތު 76 މީހަކު ކޮވިޑް-19 އަށް ފައްސިވެފައިވާއިރު، އޭގެ ތެރެއިން 38 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ. އަދި މިވަގުތު މި ބައްޔަށް ފަރުވާ ދެމުން އަންނަނީވެސް 38 މީހަކަށެވެ.