މާލެ ސަރަހައްދުގައި 25 އަހަރުން މަތީގެ މީހުންނަށް މާދަމާ އިން ފެށިގެން ކޮވިޑް-19 އިން ރައްކާތެރިވުމަށް ދޭ ވެކްސިން ދޭން ފަށާނެ ކަމަށް ހެލްތް އެމާޖެންސީ އޮޕަރޭޝަން ސެންޓަރ (އެޗްއީއޯސީ)ން ވިދާޅުވެއްޖެ އެވެ.

އެޗްއީއޯސީން މިގޮތަށް ވިދާޅުވެފައި ވަނީ މިހާރު ކުރިއަށްގެންދާ ނޫސްވެރިންގެ ބައްދަލުވުމެއްގައެެވެ.

އެޗްއީއޯސީން ވިދާޅުވީ، 25 އަހަރުން މަތީގެ މީހުންނަށް އިތުރުން، ދިގުމުއްދަތަކަށް ބޭސްކުރާ އުމުރުން 18 އަހަރާއި 25 އަހަރާއި ދެމެދުގެ އެންމެންނަށްވެސް ވެކްސިން ދިނުމުގެ ކަންކަން ކުރިއަށްގެންދާނެ ކަމަށެވެ.

މާލެ އިން ކޮވިޑް-19 ވެކްސިން ދިނުން ކުރިއަށް ގެންދާނީ ސޯޝަލް ސެންޓަރާއި އިސްލާމީ މަރުކަޒު ގައެވެ. ވިލިމާލެ އިން ވިލިމާލޭ ޒުވާނުންގެ މަރުކަޒުގައި އަދި ހުޅުމާލެ އިން ހުޅުމާލޭ ވެކްސިނޭޝަން ސެންޓަރު (ކުރީގެ ފްލޫ ކްލިނިކް) ގައި ވެކްސިން ދިނުން ކުރިއަށް ދާނެއެވެ. މިސެންޓަރުތަކަށް ޒިޔާރަތް ކުރުމުން ވެކްސިން ޖެހުމުގެ އިންތިޒާމްތައް ހަމަޖެހޭނެއެވެ.

ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)ގެ ތަފާސް ހިސާބުތަކަށް ބަލާއިރު، މިހާތަނަށް ރާއްޖެއިން ވެކްސިން ދިން މީހުންގެ އަދަދު ވަނީ 85،110 އަށް އަރާފައެވެ.

ރާއްޖޭގައި މިހާރު ދެމުން ގެންދަނީ އިންޑިއާގެ ކުންފުންޏަކާއި އެސްޓްރަޒެނެކާ ގުޅިގެން އުފައްދާފައިވާ ކޮވިޑޝީލްޑް ވެކްސިނެވެ. މި ވެކްސިން ރާއްޖޭގައި ބޭނުން ކުރުމުގެ ހުއްދަ މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) ދީފައިވަނީ މިދިޔަ މަހުގެ 28 ވަނަ ދުވަހުއެވެ

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އިންސާފް

    މާލޭގައިރި ދިރިއުޅޭ މީހުންގަޔަށް ވެކުސިން ޖެހީމާ ނިމުނީތޯ؟ދުވެހި ރަތްޔިތު މީހާއަށް ނުދީވެސް ގަވައިދާ ހިލާފަށް އުޅޭ ބޭރުމީހުންނަށްވެސް ޖަހަނީ.ކޮބާ އަހަރުމެންގެ ޙައްގު؟