ހުޅުމާލޭގެ ބިމުގެ ކަންކަމާއި ތަރައްގީގެ ކަންކަން ރާވައި ކުރިއަށް ގެންދިއުމުގެ މަސައްކަތް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ ބެލުމުގެ ދަށުގައި އޮތް އޮތުން ބަދަލު ކުރުމަށް މިނިސްޓަރު ކަމުގައި ހުންނެވި އިރު މަސައްކަތްތަކެއް ކުރެވުނު ކަމަށް ކުރީގެ ހައުސިން މިނިސްޓަރު އަދި މާލެ ސިޓީގެ މޭޔަރު ކަމަށް ވާދަކުރައްވާ އިދިކޮޅު ޕީޕީއެމްއާއި ޕީއެންސީގެ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މާލެ ކައިރީ އޮތް ބޮޑު ފަޅު ހިއްކައި ހުޅުމާލެ ތަރައްގީ ކުރަން ފެށީ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ވެރިކަމުގައެވެ. މައިގަނޑު ސިޔާސަތަކީ މާލެއިން ބިމުގެ ޖާގަ ދަތިވަމުންދާތީވެ މާލޭގެ ރަށްވެހިންނާއި މާލޭގައި ދިރިއުޅެމުންދާ އާއިލާތަކަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމުވެ. މައުމޫންގެ ވެރިކަމުގައި އެޗްޑީސީގެ ނަމުގައި ކުންފުންޏެއް އުފައްދައި އެ ކުންފުނީގެ ބެލުމުގެ ދަށުގައިވާ ތަނަކަށް ހުޅުމާލެ ހަމަޖެއްސިއެވެ.

މައުމޫން ވެރިކަމުގައި ކަނޑައެޅި އެ ސިޔާސަތުގެ ސަބަބުން ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރާއި ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދުގެ ވެރިކަމުގައި އާއި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ވެސް ތަންފީޒުކޮށްފައިވާއިރު މިހާރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ވެރިކަމުގައި ވެސް ދަނީ ތަންފީޒު ކުރަމުންނެވެ. އެކަމަކު ލާމަރުކަޒީ ގާނޫނަށް ރިއާޔަތްކޮށް އެއީ ސިޓީ ކައުންސިލްގެ މެންޑޭޓެއް ކަމުގައި ވިދާޅުވެ އެއީ ގާނޫނާ ޚިލާފް ވިސްނުމެއް ކަމުގައި ބައެއް ސިޔާސީ ބޭފުޅުން ވެސް ސިފަކުރައްވާތާ ދުވަސްތަކެއް ވެއްޖެއެވެ.

އެންމެ ފަހުން މިދިޔަ ހަތް އަހަރު ހައުސިން މިނިސްޓަރު ކަމުގައި ހުންނެވި ޑރ. މުއިއްޒު ވެސް ވަނީ އެ ކަން ބަދަލު ކުރަން ޖެހޭ ކަމަށް ވިދާޅުވެފައެވެ. މާލެ ސަރަހައްދުގައި ބޯހިޔާވަހިކަމުގެ ގިނަ މަޝްރޫއުތަކެއް ހިންގެވުނު މިނިސްޓަރު ވިދާޅުވި ގޮތުގައި އެޗްޑީސީގެ މިލްކެއްގެ ގޮތުގައި ހުޅުމާލެ އޮތުމަކީ ގެދޮރުވެރިކަން ދިނުމަށް އޮތް ހުރަހެއް ކަމުގައެވެ.

"ވަގުތު" އާ ވާހަކަ ދައްކަވަމުން މުއިއްޒު ވިދާޅުވީ އޭނާ މިނިސްޓަރު ކަމުގައި ހުންނެވިއިރު ވެސް އެ ސިޔާސަތަށް މާ ބޮޑަށް ތާއީދު ނުކުރައްވާ ކަމަށެވެ. އެކަން އެގޮތަށް އޮތުމުން ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންނަށް މުނިސިޕަލް ޚިދުމަތް ދިނުމުގައި ދަތިތަކެއް ކުރިމަތިވި ކަމަށް ވިދާޅުވިއެވެ.

ނަމަވެސް އެ ސިޔާސަތު ބަދަލު ކުރުމަކީ މިނިސްޓަރަށް ލިބިދީފައިވާ ބާރަކަށް ނުވާތީ އެކަން ނުވީ ކަމަށް މުއިއްޒު ވިދާޅުވިއެވެ.

މުއިއްޒު ވިދާޅުވި ގޮތުގައި އެޗްޑީސީގެ ދަށުގައި ހުޅުމާލެ ނެގުމަށް ގާނޫނަކާއި ގަވާއިދެއް ޑްރާފްޓް ކުރުމުގެ މަސައްކަތެއް ވެސް މިނިސްޓްރީއިން ފެށިއެވެ. އެކަމަކު އެ ގާނޫނާއި ގަވާއިދު ޑްރާފްޓް ކުރުމުގެ މަރުހަލާގައި އޮތްވައި ސަރުކާރު ބަދަލު ވެގެން ދިޔައީ ކަމަށް މުއިއްޒު ވިދާޅުވިއެވެ. މިހާރުގެ ސަރުކާރުގެ ސިޔާސަތުތަކުގެ ސަބަބުން އަންނަ ނަތީޖާއިން މިހާރު އެ ކަން ބަދަލު ކުރަން ޖެހިއްޖެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ޓައްޕު

    އަހަރެން މިޔުޅެނީ މިއަދު މުއިއްޒައް ކެމްޕޭން ކޮށްދިނުމުގައި އަވަދި ނެތި އެއީ ވަރައްސަޅިކަމެއް މުޅި މާލެ މުއިއްޒުވެފަ ވާތަން ދެކެން ބޭނުން

  2. ބެއްޔާ

    ހުސްފޭކް! ކަލޭމެންގެ ބާރު އޮތްވަރު އަހަރުމެންނަށް އިގޭ! މުޅިންވެސް ދޮގާ މަކަރާ!

  3. ޔާންޔާ

    މި މުއިޒު ަކީ ދެން ކާކުތަ ، ކޮންމެ ދުހަވަކު ހެޑްލައިން ނިއުސް އައް އަރަން .
    ފެއިލް ސަރުކާރެއް ، ކާކު ސަޕޯޓުކުރާމީހެއް ދެންމީ ، ވީކަމެއް ހަރާން . ހީވަނީ ވަރައް ކަންކަން ކުރެވުނޭ . ހަހަހަ . މަގޭގާތައް އަންނަނީ ހަމަ ހިނި ކޮންމެދުހުކު މީނާ މިއުޅޭފާޑުން.
    މާގޭ ހިއްބުނަނީ ، މީނާގެ މައްސަލަތަކެއް ، ކޮރަޕްސަން ހުރުމުން އެކަން ފޫބައްދަން ، މީޑިޔާ ތުރޫކޮޢް ރެވާސް އެޓެންސަން އަކުން މީނާގެ ބިތުފަންގި ބެލިޔަ ނުޑެން އުޅެނީހެން .
    މީނާ ގެ ވާހަކަ މީހަކު ނުދެއްކިޔަސް ކޮންމެދުހުކު މީނާގެ ހެޑްލައިން އެއް އިނުމުން ވަރައް ސާފު އެބަވެ .
    މީނާގެ ކަނކަން ބެލުމަ މިސަރުކާރައް ގޮވާލައް . އެއްގޮތަކައްވެސް މީނާ ގެ ކަންކަން ނުބަލަ ހުރުން އެއީ ުއްދިވެރިކަމެއް ނޫން . މީނާ މިއުޅެނީ ރިވާސް އެޓެންސަނަކުން ، މި މި ރިޔާސީ ދައުރުގައި ކަންކަން ހިނދާލުމަށް.

    7
    4