ރާއްޖޭގެ ޚާރިޖީ ސިޔާސަތުގެ ހަމަހަމަކަން ގެއްލި، ސިޔާދަތީ ބާރުތައް ދަނީ ގެއްލެމުން ކަމަށް ރައްޔިތުންގެ މަޖިލިހުގެ މައިނޯރިޓީ ލީޑަރު އަދި އޭދަފުށީ ދާއިރާގެ ޕީޕީއެމްގެ މެމްބަރު އަހުމަދު ސަލީމް (ރެޑްވޭވް ސަލީމް) މިއަދު ވިދާޅުވެއްޖެއެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް، މި މަހުގެ ހަތަރު ވަނަ ދުވަހު އިއްވެވި ރިޔާސީ ބަޔާނަށް ދެއްވި ޖަވާބުގައި ސަލީމް ވަނީ ސަރުކާރުން ގެންގުޅޭ ޚާރިޖީ ސިޔާސަތުތަކާ މެދު ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކުރައްވއަިފައެވެ.

ސަލީމް ސަރުކާރުގެ ޚާރިޖީ ސިޔާސަތުތަކަށް ފާޑު ވިދާޅުވީ އުތުރު ތިލަފަޅުގައި ކޯސްޓްގާޑުގެ އުޅަނދުތައް ބެހެއްޓޭ ގޮތަށް ބަނދަރެއް ނުވަތަ ޑޮކްޔާޑެއް ހަދަން އިންޑިއާއާ އެކު އެއްބަސްވުމެއްގައި ސޮއިކުރި އެއްބަސްވުން ހާމަނުކޮށްގެން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔާ ދަނޑިވަޅެއްގައެވެ.

ސަލީމް ވިދާޅުވީ ބޭރުގެ ވަކި ބަޔަކު ރާއްޖޭގެ ކަންކަމުގައި ބަސް ބުނަމުންދާ އިރު، ބޭރުގެ އަސްކަރިއްޔާއިން ރާއްޖޭގައި ތިބުމުން ރާއްޖޭގެ ސިޔާދަތަށް އުނިކަން އަންނަ ކަމަށެވެ. ވަކި ފަރާތެއްގެ ނަމެއް ސަލީމްގެ ވާހަކައިގައި ފާހަގަނުކުރެއްވި ނަމަވެސް ސަލީމްގެ އެވާހަކަތައް އިޝާރާތްކުރެއްވި އިންޑިއާ ސިފައިން ރާއްޖޭގައި ތިބި ތިބޭތީ ކަމަށް ބެލެއެވެ.

މީގެ އިތުރުން ރާއްޖޭގެެ ހައިޑްރޯގްރެފީ ކުރަހަން ބޭރުގެ ބަޔަަކަށް ދިނުމަކީ ގައުމިއްޔަތުގެ ވިންދު ޖަހާ ބަޔަކު ކުރާނެ ކަމެއް ނޫން ކަމަށް ވެސް ސަލީމް ވިދާޅުވިއެވެ. ރާއްޖޭގެ ފަޅުތަކާއި، ވިލާ، ގިރިތަކާައި ފަޅުތައް ބޭރުބަޔަކު ބޭނުން ކުލައެއް ޖައްސަން ދޫކުރުމަކީ ބަލައިގަނެވޭ ކަމެއް ނޫން ކަމަށް އޭނާ ވިދާޅުވިއެވެ.

" ޚަރިޖީ ސިޔާސަތުގެ ބެލެންސް ގެއްލި، ދިވެހިންގެ ސިޔާދަތީ ބާރުތައް ދަނީ އެއް ދުވަހުން އަނެއް ދުވަހަށް ގެއްލެމުން. ސިޔާދަތީ ބާރުތައް އެއްކޮށް ގެއްލިއްޖެ ނަމަ ދިވެހިރާއްޖެ އަޅުވެތިވެދާނެ. ދިވެހިންގެ މި ކަނޑުގާ ދިވެހި ކާބަފައިން ވާރުތަކޮށްދިން ބާރުވެރިކަން ދިވެހިންގެ އަތަކު މިއަދަކު ނެތް. ދިވެހިރާއްޖޭގެ ކަންކަމުގައި އިހުބަސް ވެސް އަދި ފަހުބަސްވެސް ބުނާނީ ދިވެހިން. ދިވެހިންގެ ކަންކަމުގައި އެހެންބަޔަކު އިހު ބަސް ބުނުމަކީ ގައުމުގެ ސިޔާސަތު ގެއްލިފައިވާ ކަމުގެ ހެއްކެއް. ދިވެހި ކަނޑުތަކުގެ ވަތުބަތާނަ އެހެން ބަޔަކަށް ދެއްކުމަކީ އަމިއްލަ އަށް އޮރިއާންވުން ފަދަ ކަމެއް" ސަލީމް ވިދާޅުވިއެވެ.

ސަލީމް މިފަދަ ކަންބޮޑުވުންތަކެއް ހާމަކުރައްވާފައި ވާއިރު އުތުރު ތިލަފަޅުގައި ކޯސްޓްގާޑުގެ އުޅަނދުތައް ބެހެއްޓޭ ގޮތަށް ބަނދަރެއް ނުވަތަ ޑޮކްޔާޑެއް ހަދަން އިންޑިއާއާ އެކު ދާދި ފަހުން ދިވެހި ސަރުކާރުން ގާއިމް ކުރި އެއްބަސްވުމާ ގުޅިގެން ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލައެއް ވެސް ވަނީ ހުށަހަޅާފައެވެ.