ދައުރުން ބޭރުން މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ކުއްލި ނުރައްކަލުގެ ޙާލަތާއި ގުޅޭ ޤަރާރު ފާސްކުރަން ވޯޓަކަށް އަހާފައި ނުވާ ކަމަށާއި، އެހެންނަމަވެސް ޣައިރު ޤާނޫނީ ވޯޓެއް ނަގާފައިވާކަމަށްބުނެ އިދިކޮޅު ފަރާތްތަކުން މިކަންވެސް ރައްޔިތުންނަށް އޮޅުވާލަމުންދާކަމަށް ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް އިން ވިދާޅުވެއްޖެއެވެ.

ޕީޕީއެމްގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ޕާޓީގެ ނާއިބު ރައީސް އަދި ފޮނާދޫ ދާއިރާގެ މެންބަރު އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވީ، މިއަދު ހެނދުނު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ކުއްލި ނުރައްކަލުގެ ޙާލަތާއި ގުޅޭ ޤަރާރު ފާސްކުރަން ވޯޓަކަށް އަހާފައި ނުވާ ކަމަށާއި، މަޖިލީހަށް ހުށަހެޅޭ ކަންކަން ކޮމެޓީތަކަށް ފޮނުވުމުގެ ބާރާއި އިހްތިޔާރަކީ މަޖިލީހަށް ލިބިގެންވާ ބާރެއް ކަމަށް އަދި ކޮމެޓީއަށް މައްސަލަ ދިޔައީ އެބާރުގެ ދަށުން ކަމަށެވެ. އަދި ކޮމެޓީއަށް މައްސަލަތަ ފޮނުވަން މަޖިލީހުގެ ތަޅުމުގައި 43 މެންބަރުން ތިބެން ނުޖެހޭ ކަމަށްވެސް އަދުރޭ ވިދާޅުވިއެވެ.

މަޖިލީހުގައި ޣައިރު ޤާނޫނީ ވޯޓެއް ނަގާފައިވާކަމަށް ވިދާޅުވެ އޮޅުވާލައިގެން ރައްޔިތުންނަށް މައުލޫމާތު ދެއްވާ ފަރާތްތަކަށް މިއަދު މަޖިލީހުގެ ހަތަރު ފާރުގެ އެތެރޭގައި ހިނގީ ކޮން ބާވަތެއްގެ ކޮން ކަމެއް ކަންވެސް އެނގިވަޑައި ނުގަންނަވާ ކަމަށާއި އެކަހަލަ ކަންކަން ނުކުރެއްވުމަށް ޕީޕީއެމްގެ ޕީޖީ ލީޑަރު ނިހާން ހުސައިން މަނިކުވެސް ގޮވާލެއްވިއެވެ.

"އެހާލަތުގައި ތިއްބަވައިގެން ޤާނޫނު އަސާސީއަށާއި، ޤާނޫނު އަސާސީން އުފެދިފައިހުރި މުއައްސަސާތަކަށާއި، އަދި އެމީހުން އިންތިހާބު ކޮށްފައި އެތަނަށް ފޮނުވި ރައްޔިތުންނަށް މަލާމަތްކުރުމަކީ ކޮށްގެން ހެޔޮވާވާނެވަރުގެ ކަމެއް ނޫން." ނިހާން ވިދާޅުވިއެވެ.

މައްޗަންގޮޅި އުތުރު ދާއިރާގެ މެމްބަރު މާރިޔާ އަހުމަދު ދީދީ އާއި ހިތަދޫ މެދު ދާއިރާގެ މެމްބަރު ބްރިގޭޑިއާ ޖެނެރަލް ރިޓަޔާޑް އިބްރާހީމް މުހައްމަދު ދީދީ އަދި ތޮއްޑޫ ދާއިރާގެ މެންބަރު އިބްރާހިމް ހަސަން، މި މައްސަލައިގެ ކޮމެޓީގެ މަރުހަލާގައި ބައިވެރިވެފައިވާކަމަށާއި އެހެންކަމުން އިދިކޮޅު ފަރާތްތަކުން މި ޤަރާރުގެ މަސައްކަތުގައި ބައިވެރިވެ ވަޑައިނަންނަވަމޭ ވިދާޅުވާނެ ޖާގަ ނެތްކަމަށްވެސް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި ހުޅުހެންވޭރު ދާއިރާގެ މެންބަރު ރީކޯ މޫސާ މަނިކު ވިދާޅުވިއެވެ.

ޤާނޫނަކީ އިދިކޮޅު ފަރާތްތަކުން ބޭނުންފުޅުވާ ގޮތަކަށް މާނަކުރަން އޮންނަ އެއްޗެއް ނޫން ކަމަށާއި، ޤާނޫނު އަސާސީއާއި ޤާނޫނު އަސާސީގެ ދަށުން ބާރު ލިބިގެން ހަދާފައިވާ ޤަވާއިދުތަކަކީ އެންމެންނަށްވެސް ފެންނަންހުރި، ސާފުކަން ބޮޑު ގޮތެއްގައި އެނގެންހުރި ކަންތައްތައް ކަމަށްވީއިރު، ރައްޔިތުންނަށް އޮޅުވާލުމަށް ވާހަކަ ދެއްކުމުގެ ފުރުޞަތު އެއްވެސް ބޭފުޅަކަށް ނޯންނާނެކަމަށްވެސް ޕީޕީއެމް އިން ވަނީ ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ފާތުން

    ދޮގު ހަދާ ބަޔަކަށް ހީވާނީ އަބަދުވެސް ދޮގޭ. ބަލަ ރައްޔިތުންގެ ތެރޭގައި ނެތޭ މިހާރު ތި ޕީޕީއެމް މީހުން ތި ދައްކާ ވާހަކަ ގަބޫލުކުރާ 100 މީހުންވެސް. ކޮންމެސް ބިރުވެރި ކަމެއްގައި ހުރި މީހުން އެކަނި ތިޕާޓީގައި ތިބީ. ރައްޔިތުންގެ ލޯތްބެއްނެތް ބައެއްތީ

  2. އަބްދުއްލާ

    ކުއްލި ނުރައްކަލުގެ ގަރާރު ފާސްކުރުމަކަށް 43 މެމްބަރުން ބޭނުމެއްނުވާނެ. 43 ބޭނުންވާނީ ޓެކްސް ފާސްކުރާ ޖަލްސާއަށްއެކަނި . އެއީ ގަރާރުގެ މުއްދަތު ނިމޭފަހުން ފާސްކުރާ ގަރާރަކުން އޭގެ ފަހުން ރައްޔިތުން އުފުލަންޖެހޭ ތަކުލީފެއް ނޯންނާނެތީ އޭގެ ބަދަލުގާ ޓެކްސް ނެގޭނީ ފުރަތަމަވެސް މަޖިލީހުން ފާސް ކުރުމުން ކަމުގާވާތީ

  3. ރައްޔިތުން

    .ގަރާރުގެ މުއްދަތު ހަމަވެއްޖެ. .ފާސްނުކޮށް. .ފެށުމުގަވެސް އުނިއެއްޗެއްކަން ކަށަވަރުވެ ދިޔައީ ހުރިހާ މީހުން ހިފައި ހައްޔަރު ކުރީ ނުހައްގުން. .ކަމެއް އޮޅުން ފިލުވަން މި ކަމުން ދަނެގަނޭ