ޏ. ފުވައްމުލަކުގައި ގަވައިދާ ހިލާފަށް ކާބޯތަކެތީގެ ހިދުމަތް ދިނުމާ ގުޅިގެން ބައެއް ރެސްޓޯރަންޓުތައް ޖޫރިމަނާކޮށްފިއެވެ.

ފުވައްމުލަކު ކައުންސިލުން ބުނީ ކާބޯތަކެތީގެ ހިދުމަތްދޭ ތަންތަނުން ހިދުމަތް ދިނުން މަނާކޮށްފައި ވަނިކޮށް ހިދުމަތް ދިނުމުގެ ސަބަބުން އިއްޔެ ތިން ތަނެއް ޖޫރިމަނާކޮށްފައިވާ ކަމަށެވެ. އަދި އޭގެ ކުރިން އެއް ތަނެއް ޖޫރިމަނާކޮށްފައިވާ ކަމަށް ކައުންސިލުން ބުންޏެވެ.

ފުވައްމުލަކުން ކޮވިޑް-19 އަށް ފައްސިވި މީހުންގެ އަދަދު މިހާރު ވަނީ 40 އަށް އަރައިފައެވެ. އެ ރަށުން ބައްޔަށް ފައްސިވި މީހުންގެ ތެރެއިން ހަތް މީހުން ބަލިން ރަނގަޅުވި އިރު، މިހާރު އެ ސިޓީގައި ފަރުވާދެމުން އަންނަނީ 31 މީހުންނަށެވެ.

ފުވައްމުލަކުން މިހާތަނަށް 4،000 އަށް ވުރެ ގިނަ ސުންކު ވަނީ ނަގައިފައެވެ.

ފުވައްމުލަކުން ކޮވިޑް-19ގެ ވޭދަނަތައް އިތުރުވަމުން އަންނާތީ ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ވަނީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެސިޓީގައި އަޅާފައެވެ. އޭގެ ތެރޭގައި ރޭގަނޑު 20:00 ފަތިހު 4:00 އަށް ބޭރުގައި އުޅުން މަނާކޮށް، އޮފީސްތަކާއި ސްކޫލްތަކުގެ އިތުރުން ފިހާރަ/ ރެސްޓޯރެންޓްތައްވެސް ވަނީ ބަންދު ކޮށްފައެވެ.