ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ އުސޫލުތަކާ ހިލާފަށް މުވައްޒަފަކު ކޮވިޑް-19 އަށް ފައްސިވެއްޖެ ނަމަ، އިހުމާލުވީ މުވައްޒަފަކަށް ފިޔަވަޅު އަޅާނެކަމަށް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) މުވައްޒަފުންނަށް އިއްޔެ އަންގައިފިއެވެ.

ސްޓެލްކޯ އިން އެގޮތަށް ބުނީ މުވައްޒަފުންނަށް އިއްޔެ ފޮނުވި ސާކިއުލާއެއްގައެވެ.

ސްޓެލްކޯގެ އޮފިޝަލަކު ވަނީ އެފަދަ މެމޯއެއް ނެރުނު ކަން "ވަގުތު" އަށް ކަށަވަރުކޮށް ދެއްވައިފައެވެ.އެ މެމޯއަކީ މުވައްޒަފެއްގެ އިހުމާލުން ކޮވިޑް-19 ޖެހިއްޖެ ނަމަ ފިޔަވަޅު އަޅާނެ ކަމަށް ބުނާ މެމޯއެކެވެ. މިއީ އެފަދަ ފުރަތަމަ މެމޯ ނޫން ކަމަށް ވެސް އޮފިޝަލް ވިދާޅުވިއެެވެ.

"އެ މެމޯގެ މަގްސަދަކީ އެއްވެސް ހާލެއްގައި ބަޔަކަށް ބިރު ދެއްކުމެއް ނޫން. ބަލި ޖެހިދާނެ ކިތަންމެ ބަލައިގެން އުޅުނަސް. ނަމަވެސް ރައްކާތެރިކަމުގެ ފިޔަވަޅުތައް ނާޅާ އުޅެނިކޮށް އެފަދަ ކަމެއް ދިމާވީމަ އެއްފަހަރާ ގިނަ ބަޔަކު ޕޮޒިޓިވް ވެއްޖެއްޔާ ވަރަށް އުނދަގޫވާނެ ޚިދުމަތް ދޭން. އެހެންވީމަ ސަމާލުވުން މީގެ މަގްސަދަކީ. އަސްލު އެއްފަހަރާ ހުރިހާ އިންޖިނިއަރުން ޕޮޒިޓިވް ވެއްޖެއްޔާ ދެން ޚިދުމަތް ދޭނީ ކިހިނެތް؟" އޭނާ ވިދާޅުވިއެވެ.

އެ ސާކިއުލާގައި ބުނެފައި ވަނީ މުވައްޒަފުން ކޮވިޑް-19 އަށް ސަމާލުކަން ނުދިނުމުގެ ސަބަބުން ކުންފުނީގެ މަސައްކަތްތައް ހުއްޓުމަކަށް އައިސްފި ނަމަ، 24 ގަޑިއިރު ރައްޔިތުންނަށް ޚިދުމަތް ފޯރުކޮށްދިނުމަށް ދަތިވެދާނެތީވެ، އެޗްޕީއޭގެ އުސޫލުތަކަށް އަމަލުކުރުމަށް، ތަކުރާރުކޮށް ނަސޭހަތްތެރިވެފައިވާނެ ކަމަށެވެ.

ނަމަވެސް ބައެއް މުވައްޒަފުން މާސްކު އެޅުމާއި ގައިދުރުކަން ބެހެއްޓުން ފަދަ ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ސަމާލުކަން ނުދޭކަން ފާހަގަކުރެވޭ ކަމަށާއި އުސޫލާ ޚިލާފަށް އުޅެނިކޮށް ކޮވިޑް-19 އަށް ފައްސިވުމުގެ ސަބަބުން އެހެން މުވައްޒަފުން ކަރަންޓީން ވާން ޖެހިއްޖެ ނަމަ، މިކަމުގައި އިހުމާލުވާ ފަރާތްތަކަށް ފިޔަވަޅު އަޅާނެ ކަމަށް އެ އުސޫލުގައި ވަނީ ބުނެފައެވެ.

މީގެ އިތުުރުން ކޮވިޑް-19 ގެ އަލާމާތްތައް ފެންނަ ނަމަ އެޗްއާރު އަދި ފުލޫ މެނޭޖަރަށް އެންގުމަށްފަހު ޓެސްޓް ހަދައި ނުވަތަ ޑައިރެކްޓް ކޮންޓެކްޓް ވެއްޖެ ނަމަ ފުލޫ މެނޭޖަރަށް ލަސްނުކޮށް އެންގުމަށް އެ ސާކިއުލާގައި ވަނީ އިރުޝާދު ދީފައެވެ.

އަދި މުވައްޒަފުން އޮފީހުގަޔާއި އޮފީހުން ބޭރުގައި އުޅޭއިރު ރައްކާތެރިވެ ސަލާމަތްވެ ތިބުމަށްޓަކައި އެޗްޕީއޭގެ ގައިޑްލައިނާއި އެއްގޮތަށް އަމަލުތައް ބެހެއްޓުމަށް ސްޓެލްކޯއިން ވަނީ ނަސޭހަތްތެރިވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

 1. ދިވެހި ރައްޔިތެއް

  ކޮވިޑަށްވުރެ ސްޓެލްކޯގެ އުނދަގޫ މާބޮޑުވެއްޖެ. އިންޖީނުގެ ގަދައަޑާ ކަޅުދުމުން ދިރިއުޅެން ދަތިވެ އަނިޔާއަކަށް ވެއްޖެ. ނޫސްވެރިން މިކަހަލަ ކަންކަން ބައްލަވާ ރިޕޯޓުކުރުން ވަރަށް މުހިއްމު.

  7
  2
 2. އެމަންޖެ

  ކަލޭމެންގެ ކަރަންޓުގެ ހިދުމަތް ރަނގަޅުކޮއްބަލަ މިހަފުތާވެސް 3 ދުވަހު ކަރަންޓު ކެނޑިއްޖެ ، ދުނިޔޭގެ ފެންވަރުގެ ސެޓުފިކެޓް ހޯދިޔަކަސް ނުވާނެ.

  7
  2
 3. ފަޒީލް

  އެހެންވީމަ އުސޫލާ ހިލާފު ނުވެވެސް ކޮވިޑް ޖެހެވޭނެ ގޮތެއް އޮންނަށް ވާނެ.

  5
  1
 4. ާއައްޕަ

  މުގުނީ ކަލޭ 1 ލައްކައައްވުރެ ގިނަ ރުފިޔާ ފެންކޮޅަކާވެސް ނުލާ ކޮންމެ މަހަކު ތި ދިރުވާލަނީ ސްޓާފުން މަސައްކަތައް އެއްވެސް ކަހަލަ ޕޮރޮޓެކްޝަނެއް ނެތި ނެރެގެން ސްޓާފުންނައް ކޮންކަމެއްބާ ރައްކާތެރިކަމައް އަޅާދީފައި ވަނީ؟

 5. ކެނެރީ

  ސޮޓެލަްކޯގެ ވެރިން ބައިސާނުކަނޑާ މުވއްޒަފުންނަށް ބޭނުންވާ ކަންކަން ހަމަޖައްސައިދީބަލަ އިރުއޮއްސި 6 ގެފަހުން ޑިއުޓީ މުވައްޒަފުން ބޭރަށްދާން ، ފުލުހުންގެ ހުއްދަހޯދައިދޭށޭ ކިޔާތާ ކިހާދުވަހެއް ވީކަމެއްހަމަ ހަރާމް ފާޑުފާޑުގެ ސާރކިއުލާ ނެރެނެރެ ތިބެނީ މުވައްޒަފުންނަށް ޕުރޮމޯސަން ނުދޭ ވެރިން ފޮނިއަނގަތަޅަނީ