ގެއްލިގެެން ނުވަތަ ވަގަށް ނަގައިގެން ނުވަތަ އެެހެން ސަބަބަކާ ހުރެ ކެންސަލް ކުރުމަށް ރިޕޯޓުކުރާ ޕާސްޕޯޓާއި އެހެން ދަތުރުކުރުމަށް ދޭ ލިއުންތަކުގެ މައުލޫމާތު އިންޓަޕޯލާއި ހިއްސާކުރަން މޯލްޑިވްސް އިމިގްރޭޝަނުން ނިންމައިފިއެވެ.

މިއަދު އިމިގްރޭޝަނުން ނެެރުނު ނޫސްބަޔާނެއްގައި ވިދާޅުވެެފައި ވަނީ، ގެއްލިގެެން ނުވަތަ ވަގަށް ނަގައިގެން ނުވަތަ އެެހެން ސަބަބަކާ ހުރެ ކެންސަލް ކުރުމަށް ރިޕޯޓުކުރާ ޕާސްޕޯޓާއި އެހެން ދަތުރުކުރުމަށް ދޭ ލިއުންތަކުގެ މައުލޫމާތު އިންޓަޕޯލާއި ހިއްސާކުރަން ޖެހޭ ކަމަށާއި،އއެގޮތުން މިފަދަ ލިއުމެއް ގެއްލިއްޖެ ނަމަ މާދަމާއިން ފެށިގެން ގެއްލޭ ނުވަތަ ވަގަށް ނަގާ ލިއުމުގެ މައުލޫމާތު "ސްޓޯލަން އެެންޑް ލޮސްޓް ޑޭޓާބޭސް"ގައި ހިމަނަމުން އަންނާނެ ކަމަށެވެ.

އެގޮތުން މިގޮތަށް ކެންސަލް ކުރެވޭ ޕާސްޕޯޓެއް ނުވަތަ ލިއެކިއުމެއް ފަހުން ފެެނިއްޖެ ހާލަތެއްގައިވެސް ރާއްޖެއިން ބޭރުގެެ އެއްވެސް ތަނެއްގައި ބޭނުން ނުކުރެވޭނެ ކަމަށް އިމިގްރޭޝަނުން ވަނީ ވިދާޅުވެފައެވެ.

އެ އިންޓަޕޯލުގައި ޕާސްޕޯޓު ނުވަތަ ދަތުރުކުރާ އެެހެން ލިއުމުގެ މައުލޫމާތު ހިމެނޭ ހިސާބުން އިންޓަޕޯލުގައި ހިމެނޭ 194 ގައުމަކަށް އެކަން އެނގޭނެއެވެ/ އެ ހިސާބުން އެ ލިއުމެެއް ބޭނުންކޮށްގެން އެހެން ފަރާތަކުން ދަތުރުކުރާ ނަމަ އެ ހުރިހާ ގައުމެެެއްގެ އިމިގްރޭޝަނުންވެސް ދަތުރުކުރާ ފަރާތެއް ހުއްޓުވާނެވެ.

އަދި މިގޮތަށް ގެއްލުމަށްފަހު އަލުން ފެންނަ ލިއުމެއް ނުވަތަ ޕާސްޕޯޓެެއް ބޭނުންކޮށްގެން، އިތުރަށް ދަތުރުކުރުމަށް މަސައްކަތް ނުކޮށް އެ ޕާސްޕޯޓު އިމިގްރޭޝަނަށް ހަވާލުކުރުމަށް އެ އިދާރާއިން ވަނީ އެދިފައެވެ.

މި ނިޒާމުގެ ސަބަބުން ބައިނަލްއަގުވާމީ ދުނިޔޭގައި ދިވެހި ޕާސްޕޯޓުގެ އިތުބާރު ބޮޑުވާނެ ކަމަށް އިމގްރޭޝަނުން ވަނީ ވިދާޅުވެފައެވެ. އަދި މިއީ ރާއްޖޭގެ ބޯޑަރ ސެކިއުރިޓީވެސް އިތުރަށް ހަރުދަނާވާނެ ކަމެއް ކަމަށް އިމިގްރޭޝަނުން ވަނީ ފަހަގަކޮށްފައެވެ.