ރާއްޖޭގައި އުޅޭ ބިދޭސީންގެ ތެރެއިން ގަވާއިދާ ޚިލާފަށް އެތެރެވެގެން ސައްހަ އެއްވެސް ލިޔެކިޔުމެއް ނެތި އުޅެމުންދާ ބިދޭސީންނަށް ކޮވިޑް-19 ގެ ވެކްސިން ދޭން ފަށައިފިއެވެ.

ލިޔެކިޔުމެއް ނެތި ރާއްޖޭގައި އުޅެމުން އަންނަ ބިދޭސީންނަށް ވެކްސިން ދިނުމަށް ހުޅުވާލާފައިވަނީ މި މަހުގެ 20 ވަނަ ދުވަހުއެވެ.

ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން މިއަދު ބުނީ، މޯލްޑިވިއަން ރެޑްކްރެސެންޓް އާއި ގުޅިގެން މިއަދު ލިޔެކިޔުންތައް ނެތް ބިދޭސީންނަށް މާލޭ ސަރަހައްދުގައި ވެކްސިން ދޭން ފަށާފައިވާ ކަމަށެވެ.

ރާއްޖޭގައި ވެކްސިން ޖެހުމުގެ ޕްރޮގްރާމް ފެށިގެން ކުރިއަށް އަންނައިރު، ސަރުކާރުން ވަނީ ބިދޭސީންނަށް ވެސް ހިލޭ ވެކްސިން ޖަހައިދޭނެ ކަމަށް ބުނެފައެވެ.

ރާއްޖޭގައި މި ވަގުތު ދެމުން ގެންދަނީ އިންޑިއާއިން ތައްޔާރުކޮށްފައިވާ އޮކްފޯޑް-އެސްޓްރަޒެނެކާގެ "ކޮވިޝީލްޑް" ވެކްސިންއެވެ. މި ވެކްސިންގެ 200،000 ޑޯޒް ރާއްޖެއަށް ހަދިޔާކޮށްފައި ވަނީ އިންޑިއާ ސަރުކާރުގެ ފަރާތުންނެވެ. މި ވެކްސިން ރާއްޖޭގައި ބޭނުން ކުރުމުގެ ހުއްދަ ލިބި ޖަހަން ފަށާފައިވަނީ މިމަހުގެ އެއްވަނަ ދުވަހުއެވެ.

މިހާތަނަށް އެޗްޕީއޭގެ ތަފާސް ހިސާބުތަކުން ދައްކާގޮތުގައި ރާއްޖޭގައި 85،110 މީހަކު ވަނީ ވެކްސިން ޖަހާފައެވެ. އޭގެ ތެރެއިން 61،777 މީހުންނަކީ މާލެ ސަރަހައްދުން ވެކްސިން ދީފައިވާ ފަރާތްތަކެވެ. ބާކީ 23،333 މީހުންނަކީ އަތޮޅުތެރޭގެ ރަށްތަކުގައި ވެކްސިން ދިފައިވާ ފަރާތްތަކެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. އެމަންޖެ

    މަށެއް ނުޖަހާނަން.

  2. ސުވާލު

    އެފަދަ މީހުންނަށް ވެކްސިންދީފައި ކިހިނެއް ހަދާނީ؟ މާލެތެރެއަށް ދޫކޮށްލާނީތަ؟ ނުވަތަ އަނބުރާ ގައުމަށް ފޮނުވާލާނީތަ؟ އެހެން ގައުމުތަކުގައި، އެތަންތާނގައި ހެދިފައި ހުންނަ ގާނޫނުތަކާއި ގަވާޢިދުތަކާ ޚިލާފަށްއުޅޭ ބަޔަކަށް މިހާ ބޮޑެތި ޢިނާޔަތްތައް ލިބޭތަ؟

    12
    1
  3. ވިސްނާ

    ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީމީހާއަށް ސަރުކާރުން ދެނީ އިނާޔަތް. ގަވާއިދާ ޚިލާފުވާ ދިވެހިމީހާއަށް ސަރުކާރުން ދެނީ ޖޫރިމަނާ ސުލިޕެއް. ކޮބާ އިންސާފު؟

    15
    1