ޔުއެފާ ޔޫރޮޕާ ލީގުގެ ދެވަނަ ބުރުގެ ދެ ދެވަނަ ލެގުގައި އޮސްޓްރިއާގެ ވޮލްފްސްބާގާ ފަސޭހަކަމާއެކު ބަލިކޮށް މުބާރާތުގެ ގަދަ 16 އަށް އިނގިރޭސި ކުލަބް ޓޮޓެންހަމް ހޮޓްސްޕާސް ދަތުރުކޮށްފިއެވެ.

ޓޮޓެންހަމްގެ ދަނޑުގައި ކުޅުނު ދެވަނަ ލެގުގެ މެޗުން ޓޮޓެންހަމް މޮޅުވީ 4-0 ގެ ނަތީޖާއަކުންނެވެ. މިދިޔަ ހަފުތާގައި ކުޅުނު ދެވަނަ ބުރުގެ ފުރަތަމަ ލެގުން ޓޮޓެންހަމް ވަނީ ރަށުން ބޭރުގައި 4-1 ގެ ނަތީޖާއަކުން މޮޅުވެފައެވެ. އެހެންކަމުން ގަދަ 16 ގެ ޖާގައެއް ޓޮޓެންހަމުން ހޯދީ 8-1 ގެ އެގްރިގޭޓް ނަތީޖާއަކުންނެވެ.

މިއީ 2015-16 ސީޒަނަށްފަހު ޔޫރޮޕާ ލީގުގެ ގަދަ 16 އަށް ޓޮޓެންހަމް ދަތުރުކުރި ފުރަތަމަ ފަހަރެވެ. މުބާރާތުގެ ތަށި ނަގާނެކަމަށް އެންމެ ބޮޑަށް ބެލެވޭ އެއް ޓީމަކީވެސް ޓޮޓެންހަމް އެވެ.

ބުދަ ދުވަހުގެރޭ ކުޅުނު މެޗު ފަށައިގެން 10 ވަނަ މިނެޓުގައި އެ ޓީމުން ވަނީ ލީޑު ނަގާފައެވެ. މި ލަނޑު އެ ޓީމަށް ޑެލޭ އަލީއެވެ. އަދި ދެވަނަ ހާފު ފަށައިގެން ފަސްވަނަ މިނެޓުގައި ކާލޯސް ވިނީޝިއަސް ޓޮޓެންހަމަށް ލީޑު ފުޅާކޮށްދިނެވެ.

ޓޮޓެންހަމްގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި އެ ޓީމުން ކާމިޔާބުކުރި ތިންވަނަ ލަނޑު 73 ވަނަ މިނެޓުގައި ޖަހައިދީފައިވަނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި ގެރެތް ބޭލް އެވެ. މި ލަނޑު ޖެހިތާ ދިހަ މިނެޓުފަހުން ޓޮޓެންހަމްގެ ހަތަރުވަނަ ލަނޑު ކާމިޔާބުކޮށްދިނީ ވިނީޝިއުސް އެވެ.

ޔުއެފާ ޔުރޮޕާ ލީގުގެ ގަދަ 16 ގެ މެޗުތައް ކުޅުމަށް ހަމަޖެހިފައިވަނީ އަންނަ މާޗު މަހުގެ ތެރޭގައެވެ.

ކިޔުންތެރިންގެ ހިޔާލު