ސިޔާސީ ޕާޓީތައް އެކުގައި މަސައްކަތް ކުރުމުގެ ގޮތުން ކޯލިޝަން އެއްބަސްވުން ގާއިމްކޮށް އެފަދަ އެއްބަސްވުންތަކުގެ ދަށުން ސަރުކާރުގެ ކެބިނެޓް އެކުލަވާލަން އެއްވެސް ގާނޫނީ ހުރަހެއް ނެތް ކަމަށް ބަންޑާރަ ނައިބު އިބްރާހިމް ރިފްއަތް އިއްޔެ ވިދާޅުވެއްޖެއެވެ.

ސަރުކާރު ކޯލިޝަންގައި ހިމެނޭ ހަތަރު ޕާޓީއެއް މެދުގައި ސަރުކާރު ކެބިނެޓް އެކުލަވާލަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ނިންމަވައި ކުރިއަށް ގެންދަވާ އިރު، އެއީ ގާނޫނީ ގޮތުން ސައްހަ ކަމެއްތޯ ބެލުމަށް ސަރުކާރުގެ މަސްއޫލިއްޔަތު އަދާ ކުރާ މިންވަރު ބަލާ ކޮމިޓީ އަށް ޑީއާރުޕީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލިހުގެ ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ވަނީ ހުށަހަޅުއްވައިފައެވެ.

ޖާބިރު ހުށަހެޅުއްވި އެ މައްސަލަ ދިރާސާ ކުރުމަށް ކޮމިޓީއަށް ބަންޑާރަ ނައިބު ރިފްއަތް ހާޒިރުކުރުމަށް ނިންމާފައި އޮތުމުން އިއްޔެ ބޭއްވި ކޮމިޓީ ބައްދަލުވުމަށް ރިފްއަތު ހާޒިރުކޮށް ސުވާލުކޮށްފައިވެއެވެ.

ޖާބިރުގެ ސުވާލުގެ ޖަވާބުގައި ރިފްއަތު ވިދާޅުވީ ގާނޫނުއަސާސީގައި ވަޒީރުންގެ މަޖިލީސް ނުވަތަ ސަރުކާރުގެ ކެބިނެޓް ކަނޑައަޅާފައިވާ ޝަރުތުތަކާ ސިފަތައް ހަމަވާ ފަރާތްތައް ވަޒީރުންގެ ގޮތުގައި އައްޔަން ކުރެވޭނެ ކަމަށެވެ. އަދި ވަޒީރުން އައްޔަން ކުރުމަކީ ރައީސްގެ އިޚްތިޔާރުގައި އޮންނަ ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ. އެހެންކަމުން އެ އިޚުތިޔާރު ބޭނުން ކުރެއްވުމުގައި ކޯލިޝަން އެއްބަސްވުމަކަށް ރައީސް އަމަލު ކުރެއްވުމަކީ ގާނޫނީ ގޮތުން ހުރަހެއް އޮތް ކަމެއް ކަމަކަށް ގަބޫލު ނުކުރައްވާ ކަމަށް ރިފްއަތު ވިދާޅުވިއެވެ.

"ގާނޫނީ ގޮތުން އަޅުގަނޑަކަށް ނުފެނޭ އޭގަ މައްސަލައެއް އޮތް ކަމަކަށް، ރައީސްގެ އިޚްތިޔާރުގަ އޮންނަ ކަމެއް އެއީ، އެ އިޚްތިޔާރު ބޭނުން ކުރެއްވުމުގައި އެހެން ޕާޓީތަކާ އެކު ވެފައި އޮންނަ ކޯލިޝަން އެއްބަސްވުމަކަށް ރައީސްއަށް އިހްތިރާމް ކުރެވިދާނެ،" ރިފްއަތު ވިދާޅުވިއެވެ.

މިހާރު އަމަލު ކުރަމުންދާ ފެހި ގާނޫނުއަސާސީގެ ފަހުން މިހާތަނަށް ބޭއްވި ކޮންމެ އިންތިޚާބެއް ކެންޑިޑޭޓަކު ކާމިޔާބުކޮށްފައިވަނީ ގިނަ ޕާޓީ ހިމެނޭ ކޯލިޝަނެއް ގާއިމް ކޮށްގެނެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރު ހިންގާ ކޯލިޝަންގައި އެމަނިކުފާނު ނިސްބަތްވާ އެމްޑީޕީގެ އިތުރުން ޖުމްހޫރީ ޕާޓީއާއި، އަދާލަތު ޕާޓީއާއި، ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް އިސްވެ ހުންނަވައި އުފެއްދެވި އެމްއާރުއެމް ވެސް ހިމެނެއެވެ.