ރާއްޖޭގައި ޑޮލަރުގެ ކަޅު ބާޒާރެއް އުފެދިގެން ރައްޔިތުންނަށާއި ދިވެހި އިގްތިސާދަށް އެތައް ގެއްލުމެއް ލިބެމުން އަންނަ އިރު، ސަރުކާރުގެ މާލީ ސިޔާސަތެއް އޮތް ކަމަކަށް ނުބެލެވޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މައިނޯރިޓީ ލީޑަރު، ޕީޕީއެމްގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އަހުމަދު ސަލީމް (ރެޑްވޭވް ސަލީމް) އިއްޔެ ވިދާޅުވެއްޖެއެވެ.

މި އަހަރަށް ރައްޔިތުންގެ މަޖިލިސް ހުޅުވުމުގެ ޖަލްސާގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އިއްވެވި ރިޔާސީ ބަޔާނުގެ ޖަވާބުގައި ސަލީމް ވިދާޅުވީ ރާއްޖޭގައި ޑޮލަރުގެ ކަޅު ބާޒާރެއް އުފެދުމަކީ ރާއްޖޭގެ އިގްތިސާދަށް ކުރިމަތިވެފައިވާ ވަރަށް ހައްސާސް މައްސަލައެއް ކަމަށެވެ.

ވިޔަފާރިތަކަށާއި އާންމުންގެ ބޭނުންތަކަށް ޑޮލަރު ލިބުމުގައި ދަތިތަކެއް އެބަ ހުރި ކަމަށާއި އޭގެ ސަބަބުން އެންމެ ބޮޑު އެއް ގެއްލުމެއް ލިބޭ ބަޔަކީ ބޭރުގައި ކިޔަވަމުންދާ ދިވެހި ދަރިވަރުން ކަމަށް އޭނާ ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުގައި އޭދަފުށި ދާއިރާ ތަމްސީލް ކުރައްވާ މެންބަރު އަހުމަދު ސަލީމް ވިދާޅުވީ މި މައްސަލަ ހައްލު ކުރުމަށް ދިވެހިންގެ އަތުގައި ހުރި ޑޮލަރު ހޯދުމުން މައްސަލައަށް ވަކި ހައްލެއް ނުހޯދޭނެ ކަމަށެވެ. އެކަމަށްޓަކައި ދިވެހި ރުފިޔާގެ އަގު ހިފަހައްޓައި ރާއްޖެއަށް ވަންނަ ބޭރުގެ ފައިސާ ރާއްޖޭގެ އިގްތިސާދުގައި ދައުރު ކުރުވުމަށް ޓަކައި ފިޔަވަޅުތަކެއް އަޅަން ޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.

"ދިވެހި ރުފިޔާގެ އަގު ހިފަހައްޓައި ރާއްޖެއަށް ވަންނަ ބޭރުގެ ފައިސާ ރާއްޖޭގެ އިގްތިސާދުގެ ތެރޭގައި ދައުރު ކުރުވުމަށް ޓަކައި އަޅަން ޖެހޭ ފިޔަވަޅުތައް ސަރުކާރުން ބުނެ ނުދެވުމަކީ ސަރުކާރުގެ މާލީ ސިޔާސަތެއް ނެތް ކަން ހާމަވާ ކަމެއް، އިގްތިސާދު ސިންދާފާތު ކުރަން ޖެހޭ ކަމަށް ރިޔާސީ ބަޔާނުގައި ވިދާޅިވި ނަމަވެސް އެ ކަން ކުރާނެ ގޮތެއް، ކުރާނީ ކޮން މަގަކުން ކަމެއް ވިދާޅެއް ނުވޭ." ސަލީމް ވިދާޅުވިއެވެ.

ކޮވިޑް-19 ގެ ބަލިމަޑުކަން ކުރިމަތިވެގެން މުޅި ދުނިޔޭގެ އިގްތިސާދު ހުއްޓި ކުރިމަތިވެފައިވާ އިގްތިސާދީ ތަދުމަޑުކަމުގެ ސަބަބުން ރާއްޖޭގެ އިގްތިސާދަށް ވަންނަ ބޭރުގެ ފައިސާ މަދުވެ ޑޮލަރު ލިބުމުގައި ދަތިތަކެއް ކުރިމަތިވެފައިވެއެވެ. ޑޮލަރުގެ ކަޅު ބާޒާރެއް ވެސް އުފެދިފައިވާއިރު ޑޮލަރުގެ އަގު ވަރަށް ބޮޑަށް މަތިވެގެން ދިޔައެވެ. މިހާރު ވެސް 17 ރުފިޔާއާއި 15 ރުފިޔާއާ ދެމެދު ޑޮލަރުގެ އަގު އުޅެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އަލްޖިބްރާ

    ހާދަ ލަދުހަޔާތް މަދުމީހެކޭ ! ތިބުނާ ކަޅުބާޒާރެއް އުފެދުނީ ދެންމެތަ ؟ ކަލޭމެން ޑޮލަރުމަތީގަ ނަާޗަރަންގީ ކުޅުނުއިރުވެސް ތިބުނާ ބާޒާރު މިރާއްޖޭގާ އޮތް ! އޭރު އަގަހުޅުވަން ނޭގުނީ ކަލެއަށްލިބޭ ބައިވަރު މަދުވާނެތީ ދޯ ؟