ތ.އަތޮޅު ވޭމަންޑޫ އިންޖީން ގޭގައި އިއްޔެ ހިނގި އަލިފާނުގެ ހާދިސާ އާއި ގުޅިގެން އެރަށުން ކަރަންޓް ކެނޑިފައި އޮތް މައްސަލަ އަށް ހައްލު ގެނެސް މިރޭ ކަރަންޓުދެވޭނެ ކަމަށް ފެނެކަ ކޯޕަރޭޝަނުން ވިދާޅުވެއްޖެއެވެ.

އެ ކުންފުނިން ވިދާޅުވީ ވޭމަންޑޫ ފެނަކަ އިންޖީނުގޭގައި އަލިފާނުގެ ހާދިސާއެއް ހިނގައި އެރަށުގެ ކަރަންޓުގެ ޚިދުމަތް މެދުކެނޑިފައިވުމާ ގުޅިގެން، ތ.ގުރައިދޫއިން 360ކވ ޖެންސެޓެއް މިއަދު ހެނދުނުގެ ވަގުތެއްގައިވަނީ ވޭމަންޑޫއަށް ގެންގޮސްފައިވާ ކަމަށެވެ. ކަރަންޓުގެ ޚިދުމަތް މިރޭގެ ވަގުތެއްގައި އިޔާދަކުރެވިގެންދާނެކަމުގެ ޔަޤީންކަން ފެނަކައިގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ސަޢީދު މުޙައްމަދު ދެއްވާފައިވާ ކަމަށް ވެސް އެ ކުންފުނީގެ އޮފިޝަލަކު ވިދާޅުވިއެވެ.

ވޭމަންޑޫގައި ހިނގި އަލިފާނުގެ ހާދިސާ އާއި ގުޅިގެން އެރަށުން ކަރަންޓް ކެނޑުމާއިއެކު ސައީދު ވަނީ އިއްޔެ ވޭމަންޑުއަށް ވަޑައިގަންނަވާފައެވެ. އޭނާ އަދިވެސް ހުންނެވީ ވޭމަންޑޫގައެވެ. ކަރަންޓުގެ ޚިދުމަތް އަލުން ދިނުމަށް ކުރާ މަސައްކަތްތައް އޭނާ ދަނީ ވަރަށް ގާތުން ބައްލަވާލައްވަމުންނެވެ.

ސައީދު ވަނީ ވޭމަންޑުއަށް ދިމާވި މައްސަލަ ހައްލު ކުރުމަށް ބޭނުންވާ އިރުޝާދުތަކާއި އެއްބާރުލުން ރައީސް ޞާލިހް ވެސް ދެއްވަމުން ގެންދަވާ ކަމަށް ފަހަގަކުރައްވާފައެވެ. އަދި ރައްޔިތުން ކެއްތެރިކަމާއިއެކު ފެނަކަ ކޯޕަރޭޝަނަށް އެއްބާރުލުން ދެއްވުމަށް ސައީދު އެދިވަޑައިގެންނެވިއެވެ.

މިހާތަނަށް އައި އިރު ވޭމަންޑޫ އިންޖީން ގޭގައި އަލިފާނުގެ ހާދިސާ ހިނގަން މެދުވެރިވި ސަބަބު ސާފުވެފައި ނުވެެއެވެ. އަލިފާނުގެ ހާދިސާ ހިނގަން މެދުވެރިވި ސަބަބު ދެނެގަތުމަށް މިހާރު މަސައްކަތް ކުރަމުން ގެންދާ ކަމަށް ފެނަކަ އިން ބުނެއެވެ.