އެންވަޔަރަމަންޓް މިނިސްޓްރީން ކުރިއަަށް ގެންދާ މަޝްރޫއަކަށް އާންމުންގެ ހިޔާލު ހޯދަން ނިންމައިފިއެވެ.

މިނިސްޓްރީން އިއްޔެ ނެރުނު ބަޔާނެއްގައި ވަނީ އެ ރައިސް މަޝްރޫއުގެ ދަށުން ގާއިމު ކުރާ ސޯލަ ޕީވީ ބެޓަރީ ހައިބްރިޑް ނިޒާމާ ގުޅޭ ގޮތުން އާންމުންގެ ހިޔާލު ހޯދުމަށް ނިންމާފައިވާ ކަމަށެވެ.

މިނިސްޓްރީން ހިންގާ އެކްސެލަރޭޓިން ރިނިއުވަބަލް އެނަޖީ އިންޓަގްރޭޝަން އެންޑް ސަސްޓެއިނަބަލް އެނަޖީ "އެރައިސް" މަޝްރޫއުގެ ދަށުން ލ. އަތޮޅުގެ ރަށްތަކުގައި ގާއިމްކުރާ ސޯލަ ޕީވީ ބެޓަރީ ހައިބްރިޑް ނިޒާމާއި ގުޅޭގޮތުން އާއްމުންގެ ހިޔާލު ހޯދާ އިރު މި ސާވޭ ކުރިއަށްދާނީ މާޗް ހަތެއްގެ ނިޔަލަށެވެ.

ހިޔާލު ހޯދުމުގެ ސާވޭ ކުރިއަށްގެންދާ ރަށްތަކަކީ:

1. ލ. ގަން

2. ލ. އިސްދޫ

3. ލ. ކަލައިދޫ

4. ލ. ހިތަދޫ

5. ލ. ކުނަހަންދޫ

6. ލ. މާބައިދޫ

7. ލ. މާމެންދޫ

8. ލ. މާވަށް

މި ރަށްތަކުގެ އިތުރުން ލ. ފޮނަދޫ އަދި ދަނބިދޫގައި ސޯލަރ ހަކަތައިގެ ނިޒާމު ގާއިމުކުރަން ހަމަޖެހިފައިވާ ސަރަހައްދުތައް ޔަގީން ވުމުން މި ދެ ރަށުގައިވެސް ސާވޭ ކުރިއަށްގެންދާނެ ކަމަށް އެ މިނިސްޓްރީން ވަނީ ވިދާޅުވެފައެވެ.

ވޯލްޑް ބޭންކުގެ އެހީގައި ކުރިއަށް ގެންދާ އެރައިސް މަޝްރޫއުގެ ސާވޭގައި މައިގަނޑު އެއް ބޭނުމަކީ ލ. އަތޮޅުގެ ރަށްތަކުގައި ގާއިމްކުރާ ސޯލަ ޕީވީ ބެޓަރީ ހައިބްރިޑް ނިޒާމާއި އަދި އެނިޒާމު ގާއިމުކުރުމަށް ކަނޑައަޅާފައިވާ ސަރަހައްދުތަކާއި ބެހޭގޮތުން އެރަށްތަކުގެ ރަށްވެހިން ދެކޭގޮތާއި އަދި އެ ރައްޔިތުންގެ ހިޔާލާ އެއް ގޮތަށް މަޝްރޫއު ރާވައި ހިންގުން ކަމަށް އެ މިނިސްޓްރީން ވަނީ ވިދާޅުވެފައެވެ.

''އެކްސަލަރޭޓިންގ ރިނިއުވަބަލް އެނަޖީ އިންޓެގްރޭޝަން އެންޑް ސަސްޓެއިނަބަލް އެނަޖީ މަޝްރޫއުގެ މައިގަނޑު ބޭނުމަކީ ރާއްޖޭގައި ބޭނުން ކުރެވޭ އިއާދަކުރަނިވި ހަކަތައިގެ ނިސްބަތް އިތުރުކޮށް، ރަށްތަކުގެ ކަރަންޓު ވިއުގަތައް ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމެވެ.'' އެ މިނިސްޓްރީން ވިދާޅުވިއެވެ.

މަޝްރޫއަށް ވޯލްޑްބޭންކުގެ އިންޓަނޭޝަނަލް ޑިވެލޮޕްމަންޓް އޭޖެންސީ (އައިޑާ) އިން 12.4 މިލިއަން ޑޮލަރުގެ ހިލޭ އެހީ ވަނީ ހަމަޖެހިފައި ކަމަށާއި އަދި ކްލީން ޓެކްނޮލޮޖީފަންޑް (ސީޓީއެފް) އިން 23 މިލިއަން ޑޮލަރުގެ ލޯނުވެސް ވަނީ ހަމަޖެހިފައި ކަމަށް މިނިސްޓްރީން ވަނީ ވިދާޅުވެފައެވެ.

ހަމަ މި މަޝްރޫއަށް ސީ.ޓީ.އެފުން ވަނީ ހަތް މިލިއަން ޑޮލަރުގެ ހިލޭ އެހީވެސް ހަމަޖައްސައިފައެވެ. އެރައިޒް މަޝްރޫއަށް އޭޝިއަން އިންފްރާސްޓްރަކްޗަރ އިންވެސްޓްމަންޓް ބޭންކް (އޭއައިއައިބީ) އިން 20 މިލިއަން ޑޮލަރުގެ ވަނީ ހަމަޖެހިފައެވެ. އަދި މަޝްރޫއުގެ 45 މިލިއަން ޑޮލަރުގެ ހަމަޖެހެނީ ހަކަތައިގެ ދާއިރާގެ ޕްރައިވެޓް އިންވެސްޓްމަންޓް ތަކުންނެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޖަނާޒާ

    އެންވަޔަރަމަންޓް މިނިސްޓްރީން ގެ އެއްކަލަ ނިދާފައި ވިލާޖަގަހައިގައި ފިލާ އޮންނަވާ މިނިސްޓަރަށްވެސް އިންތިޚާބު އައީ ދޯ ! މީނަ ވަކިކުރަން ގޮވާލަން!

  2. ފައުޒީ

    ކީއްކުރަން ހޯދާ ޚިޔާލެއްތަ.؟ ތިޔަކަމުން ރައްޔިތުންގެ ކަރަންޓު ބިލް 50% އަގު ހެޔޮނުވަންޏާ ތިކަން ކުރިޔަސް ނުކުރިޔަސް ރައްޔިތުމީހާއަށް އޮތީ ކޮން ފައިދާއެއް. ކަލޭމެން ކޮންމެވެސް މީހަކައް ފައިދާހުރި ވިޔަފާރިއެއް ކޮއްލަދޭން ބޭރުގެ ބަޔަކު އަތުން ދަރަންޏައް ލޯނުނަގައިގެން ރައްޔިތުންގެ ބިލައް ކުރާނީ ކޮންއަސަރެއް. ؟