ކޮވިޑް-19 އިން ރައްކާތެރިވުމަށް ރާއްޖޭގައި ދޭން ފެށި ވެކްސިން އިތުރު 7،446 މީހަކަށް މިއަދު ދީފިއެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވިދާޅުވީ، މިއަދު ރާއްޖެއިިން 7،446 މީހެއްގެ ގަޔަށް ވެކްސިން ޖަހާފައިވާ ކަމަށެވެ. މީގެ ތެެރެއިން މާލެ ސަރަހައްދުން 4،825 މީހެއްގެ ގަޔަށް ވެކްސިން ޖަހަފައިވާއިރު، ރަށްތަކުން 2،621 މީހެއްގެ ގަޔަށް ވެކްސިން ޖަހާފައި ވެއެވެ.

އެޗްޕީއޭގެ ތަފާސްހިސާބުތައް ދައްކާގޮތުން މިހާތަަނަށް 98.311 މީހެއްގެ ގަޔަަށް ވަނީ ވެކްސިން ޖަހާފައެވެ. މީގެ ތެރެއިން 69،725 މީހަަކަށް ވެކްސިން ދީފައި ވަނީ މާލެ ސަރަހައްދުގައެވެ. އަދި 28،586 މީހަކަށް ވެކްސިން ދީފައި ވަނީ އަތޮޅު ތެރޭގެ ރަށްތަކުގައެވެ.

ރާއްޖޭގައި މިހާރު ދެމުންގެންދަނީ އިންޑިއާ އިން ހަދިޔާ ކުރި އޮކްސްފޯޑް-އެސްޓްރަޒެނެކާގެ ކޮވިޑް-19 ވެކްސިނެއް ކަމަށްވާ "ކޮވިޝީލްޑް" އެވެ. މިވެކްސިންގެ އިތުރުން ރާއްޖެއަށް މިހާރު ވަނީ އެމެރިކާގެ ފައިޒާ އާއި ޖަރުމަންވިލާތުގެ ބައޯއެންޓެކް ގުޅިގެން އުފެއްދި ވެކްސިންވެސް ގެނެސްފައެވެ. އެހެން ނަމަވެސް މި ވެކްސިން ބޭނުން ކުރުމުގެ ހުއްދަ އަދި ލިބިފައެއް ނުވެއެވެ.

ކޮވިޝީލްޑް ވެކްސިން ރާއްޖޭގައި ދޭން ފަށާފައިވަނީ މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން ހުއްދަ ދީގެން، މިމަހުގެ އެއް ވަނަ ދުވަހުއެވެ.

ރާއްޖޭގެ ގިނަ މުއައްސަސާތަކުގައި މަސައްކަތް ކުރާ މުވައްޒަފުންނަށް މިވަގުތު ވެކްސިން ދީފައިވާއިރު، ރާއްޖޭގެ އެކި ހިސާބުތަކުގައި މިވަގުތު އަންނަނީ ހަލުވި ކަމާއި އެކީ ވެކްސިން ދެމުންނެވެ.