ބުދަ ދުވަހު ހިނގި އަލިފާނުގެ ހާދިސާގައި އިންޖީނުތައް އަނދައިގެން ދިއުމުން ކަރަންޓް ކެނޑިފައި އޮތް ތ.އަތޮޅު ވޭމަންޑުއަށް ކަރަންޓް ދީފިއެވެ.

ވޭމަންޑުއަށް ކަރަންޓް ދީފައި ވަނީ މިރޭ 23:40 ކަންހާއިރުއެވެ.

ވޭމަންޑުއަށް ކަރަންޓް ދީފައި ވަނީ ބުދަ ދުވަހު މެންދުރު ފަހުން ފެށިގެން އެރަށަށް ކަރަންޓް ފޯރުކޮށްދިނުމަށް ފެނަކަ ކޯޕަރޭޝަންގެ މުވައްޒަފުން މެދުކެނޑުމެއްނެތި މަސައްކަތް ކޮށްގެންނެވެ. މިމައްސައްކަތުގައި އެކުންފުނީގެ މެނޭޖިން ޑިރެކްޓަރ އަހުމަދު ސައީދު ވެސް އަމަލީ ގޮތުން ބައިވެރިވެ ވަޑައިގެންނެވިއެވެ.

ވޭމަންޑުއަށް ކަރަންޓް ދިނީ ގުރައިދޫންނާއި ދިޔަމިގިލިން ގެންދިޔަ ދެޖަނަރޭޓަރެއް ބޭނުން ކޮށްގެންނެވެ.

ފެނަކަ އިން ބުނީ 33 ގަޑިއިރުގެ ތެރޭގައި ވޭމަންޑުއަށް ކަރަންޓް ދެވުނީ މުރާލި މުވައްޒަފުން ކުރި ނަމޫނާ މަސައްކަތުން ކަމަށެވެ.

ވޭމަންޑޫގައި ކަރަންޓުގެ ޚިދުމަތް ދެމުން އައިސްފައިވަނީ 600 ކިލޯވޮޓާއި، 500 ކިލޯވޮޓާއި، 450 ކިލޯވޮޓުގެ 3 ޖަނަރޭޓަރު ބޭނުންކޮށްގެންނެވެ. މި ޙާދިސާގައި އެރަށުގައި ބޭނުންކުރަމުންއައި 3 ޖަނަރޭޓަރުވެސް ބޭނުން ނުކުރެވޭވަރަށްވަނީ ހަލާކުވެފައެވެ. އަދި މި ޙާދިސާގައި އިންޖީނުގެއަށާއި ކަރަންޓް ފޯރުކޮށްދިނުމަށް ބޭނުންކުރާ ޕެނަލް ބޯޑުތަކަށްވެސް ބޮޑެތި ގެއްލުންތަކެއްވަނީ ވެފައެވެ.