ކޮވިޑް-19 ގެ ބަލިމަޑުކަމާ ގުޅިގެން މާލެ ސަރަހައްދު ފުރަބަންދު ކުރި ކަމުގައިވީ ނަމަވެސް އިދިކޮޅު ކޯލިޝަނުން ކުރާ މުޒާހަރާތައް ކުރިއަށްް ގެންދާނެ ކަމަށް ރައްޔިތުންގެ މަޖިލިހުގެ ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު ހުސެއިން މުހައްމަދު ލަތީފް (ސެމްބެ) ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ ރަށްތަކާއި މާލޭގައި ވެސް ކޮވިޑް-19 ގެ ބަލިމަޑުކަން ވަރަށް ބޮޑަށް ފެތުރިގެން އަންނަ އިރު، މާލޭގެ ހާލަތު މިހާރު އޮތީ ފުރަބަންދު ކުރާ ހާލަތެއްގައި ކަމަށް ހެލްތު މިނިސްޓަރު އަހުމަދު ނަސީމް ވިދާޅުވުމާއި ގުޅިގެން މެމްބަރު ހުސެއިން މުހައްމަދު ވިދާޅުވީ ކޮވިޑްގެ ބަލިމަޑުކަން މަތިކޮށް ސަރުކާރުން ދަނީ ރައްޔިތުންގެ ލޮލުގައި އަނދުން އަޅުވަމުން ކަމަށެވެ.

"ވަގުތަށް" ދެއްވި އިންޓަވިއުއެއްގައި ހުސެއިން މުހައްމަދު ލަތީފް ވިދާޅުވީ ހިޔާލް ފާޅުކުރުމުގެ މިނިވަންކަމާއި މަގުތައް މައްޗަށް ނުކުތުމުގެ މިނިވަންކަން ސަރުކާރުން "ފޭރިގެން"ފައިވާ ކަމަށެވެ. އަދި ވެރިކަމަށް އައުމުގެ ކުރިން އެމްޑީޕީއިން ވަކާލާތު ކުރި ކަންކަމަށް ސަމާލުކަން ދޭމަންޒަރު ފެނިގެން ނުދާ ކަމަށް އޭނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވި ގޮތުގައި މިއަދު ފެނިގެން ދަނީ ކޮވިޑާ އެކު ގައުމު ވިއްކާލައި، ދަރުވާލާފައިވާ ތަނެވެ. އަދި މިކަންކަމާ ދެކޮޅަށް ނިކުންނާނެ ކަމަށް ވިދާޅުވިއެވެ.

"މާލެ ލޮކްޑައުން ކުރިޔަސް މާދަމާވެސް މަގުތަކަށް ނިކުންނާނަން. ގައުމު ވިއްކާލާފައި، ހެޔޮވަރު ވަރަކަށް ދިރުވާލާފައި ބަހަނާ ނުދައްކަވާ. އިދިކޮޅު މުޒާހަރާތަކެއް ނުހުއްޓުވޭނެ. ވެެރިކަން ވެއްޓިދާނެތީ މިހާރު އެދަނީ މި މުޒާހަރާތައް ކުރިއަށް ގެންދިއުމަށް ހުރަސް އަޅަމުން، ފުލުހުން ނެރިގެން." ހުސައިން މުހައްމަދު ލަތީފް ވިދާޅުވިއެވެ.

ޓުއާ އެޖެންސީތަކާއި ޓުއާ އޮޕަރޭޓަރުންގެ ޚާއްސަ ގާނޫނު އެކުލާވާލުމަށް މަޖިލީހުގައި ބުރސްފަތި ދުވަހު ބޭއްވުނު ބައްދަލުވުމުގައި މިނިސްޓަރު ނަސީމް ވިދާޅުވީ މާލޭގެ ހާލަތު ފުރަބަންދު ކުރަން ޖެހޭ ހާލަތެއްގައި އޮތް ނަމަވެސް ވީހާވެސް ބޮޑަކަށް މަސައްކަތް ކުރަމުން ދަނީ ފުރަބަންދަކަށް ނުގޮސް ހިފެހެއްޓުމަށް ކަމަށެވެ.

މިދިޔަ އަހަރުގެ މާޗް ހަތް ވަނަ ދުވަހުން ފެށިގެން މާލޭގައި ކޮވިޑް-19 ފެތުރެން ފެށި ފަހުން، ސަރުކާރުން ވަނީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅައިފައެވެ. އަދި މާލޭގައި ކޮވިޑް-19 ފެތުރެން ފެށުމާ އެކު، މާލެ ފުރަބަންދަކަށް ދިޔައީ އޭޕްރީލް 15 ވަނަ ދުވަހުއެވެ. އެ ދުވަސްކޮޅު މާލޭގައި ވަރަށް ބޮޑަށް ކޮވިޑް-19 ފެތުރުމުން ގޮސް، ކޮންމެވެސް ވަރަކަށް ކޮވިޑް-19 ކޮންޓްރޯލް ވާން ފެށީ ޖުލައި މަހުގެ މެދުތެރޭގައެވެ.

އަދި ނޮވެމްބަރު މަހާއި ޑިސެމްބަރު މަހާ ހަމައަށް ދިޔައިރު، ކޮވިޑް ޖެހޭ މީހުންގެ އަދަދު ވަރަށް ބޮޑަށް މަދުވިއެވެ. އެހެންވެ، ފުރަބަންދަށް ބޮޑެތި ލުއިތަކެއް ދިނުމާ އެކު، ފެނިގެން ދިޔައީ ކޮވިޑް-19 ގެ ވޭދަނަތައް އިތުރުވެގެން ދިޔަ ތަނެވެ. އެގޮތުން މިހރު ވަނީ ބަލި ކޮންޓްރޯލް ކުރުމަށް އެޅިފައިވާ ފިޔަވަޅުތައް އިތުރަސް ވަރުގަދަކޮށް ފުރަބަންދަކަށް ދާން ޖެހެދނެ ކަމުގެ އިންޒާރު ދީފައެވެ.