އިދިކޮޅު ފަރާތްތަކުން އިއްޔެ މާލޭގައި ކުރިއަށްގެންދިޔަ މުޒާހަރާގައި ފުލުހުން އަނިޔާކުރި ކަމަށް ބުނެ ހަގީގަތާ ހިލާފު ފޮޓޯއެއް ދައުރުކޮށްފިއެވެ.

މުޒާހަރާގައި ފުލުހުން އަނިޔާކުރި ކަމަށް ބުނެ މީހެއްގެ މޫނުމައްޗަށް ބޮޑެތި ޒަހަމްތަކެއް ދީފައިވާ ފޮޓޯއެއް މީސްމީޑިއާގައި އާންމުކޮށްފައި ވަނީ ޕީޕީއެމްގެ އެކްޓިވިސްޓުންތަކެކެވެ. ޕީޕީއެމް އެކްޓިވިސްޓުން އެ ފޮޓޯ ދައުރު ކުރުމަށް ފަހު ބުނެފައި ވަނީ އެއީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދުގެ އޯޑަރަށް އާންމު ރައްޔިތުންނަށް ކުރާ އަނިޔާ ކަމަށެވެ.

މިއީ ހަގީގަތާ ހިލާފު ފޮޓޯއެއް ކަން ޕޮލިސް ކޮމިޝަނަރު ހަމީދު ވަނީ އަންގަވައިފައެވެ. އަދި ދޮގު މައުލޫމާތު ނުފެތުރުމަށާއި މި ފޮޓޯ ދައުރުނުކުރުމަށް ސީޕީ ހަމީދު އިލްތިމާސް ކުރައްވާފައިވެއެވެ.

އިދިކޮޅު ފަރާތްތަކުން އިއްޔެ ބާއްވަން ތައްޔާރުވަމުން ދިޔަ އެއްވުން ގާނޫނާއި ގަވައިދުތަކާ ހިލާފު ކަމަށް ބުނެ ފުލުހުން މުޒާހަރާ ރޫޅާލީ، އެއްވުން ފެށުމުގެ ގާތްގަނޑަކަށް ގަޑިއިރެއްހާ އިރު ކުރިންނެވެ. ފުލުހުން އެންމެ ފުރަތަމަ ވެސް ޕީޕީއެމް އޮފީސް ކައިރި ބަންދުކޮށް އެ ސަރަހައްދަށް އެއްވަމުން ދިޔަ މީހުން ފޮނުވާލިއެވެ. އެކަމަކު، މުޒާހަރާ ފެށެން ކައިރިވި ވަރަކަށް އެ ސަރަހައްދަށް ޖަމާވި މީހުންގެ އަދަދު ދިޔައީ ގިނަވަމުންނެވެ.

އަދި މުޒާހަރާގެ ބައިވެރިންތަކެއް މަގުތަކަށް ވެސް ނުކުތެވެ. އެކަމަކު، މަޖީދީ މަގުން ގިނަ އަދަދެއްގެ މުޒާހަރާގެ ބައިވެރިން ހައްޔަރުކުރިއެވެ.

މުޒާހަރާގެ ކުރިން ފުލުހުން ނެރުނު ބަޔާނެއްގައި ވަނީ ރާއްޖޭގައި ކޮވިޑް-19 ފެތުރުން ކޮންޓްރޯލްކޮށް އާންމު ސިއްހަތު ރާއްކާތެރި ކުރުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ފެބްރުއަރީ 13 ވަނަ ދުވަހުން ފެށިގެން ވަކި ގޮތެއް އަންގަން ދެން މާލެ ސަރަހައްދުގައި އެއްފަހަރާ 10 މީހުންނަށް ވުރެ ގިނަ މީހުން މަގުމައްޗާއި އާންމު ތަންތަނަށް އެއްވެ ނޫޅުމަށް އަންގާފައިވާ ކަމަށެވެ.

ކޮވިޑް-19 ފެތުރުން އިންތިހާ އަށް އިތުރުވެފައިވާ މި ދަނޑިވަޅަކީ އެންމެހައި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން އިސްކޮށް މި ބަލިމަޑުކަމުން އަރައިގަތުމަށް އެކުގައި މަސައްކަތް ކުރަން ޖެހޭ ވަގުތު ކަމަށް ވެސް ފުލުހުންގެ ބަޔާނުގައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ޙަސަން

    މީގެން މި އެގެނީ ހަމަ އިހުލާސްތެރި އެކަޓިވިސްޓެއް އެއްވެސް ޕާޓީއެއްގައި ނެތްކަން. ޢަޑުއަރާނީ އެހެން ޕާޓީ ތަކުގެ މީހުންނޭ މިކަހަލަ ކަންތައް ކުރާނީ.

    30
    10
  2. ކކ

    ޕޮލިހުން ނުކުރާނެ އެމީހުން ތިބޭނީ ނަސޭހަތް ތެރިވެދީދީ .

    16
    16
  3. ތޭވީސް އިބްރާހީމް

    ޙަޤީޤަތާ ޚިލާފް ފޮޓޯއެއްކަމަށްބުނެ ނޫހުގައި މިފޮޓޯ ޢާއްމުކުރިއިރު ޙާޤީޤީ ފޮޓޯއެއްވެސް ލީނަމަ އޯކޭވީސް!

    18
    5
  4. NBC

    ދެން ޙަޤީޤީ ފޮޓޯ ޢާއްމުކޮއްބަލަ

    1
    1
  5. ރާފިޢު

    އެމްޑީޕީއިން ލާރިދޭގެން ކުރުވި ކަމެއް

    1
    1