އިލެކްޝަންސް ކޮމިޝަނުގެ ރައީސަކަށް އަހުމަދު ޝަރީފު ހުންނަވައިގެން ރިޔާސީ އިންތިހާބު ރަނގަޅަށް ދާނެ ކަމުގެ 100 ޕަސެންޓް ޔަގީންކަން އެބައޮތް ކަމަށް މަޖިލީހުގެ މެޖޯރިޓީ ލީޑަރު އަދި ވިލިމާލޭ ދާއިރާގެ މެމްބަރު އަހުމަދު ނިހާން ހުސައިން މަނިކު ވިދާޅުވެއްޖެއެވެ.

ރޭ ހޮޓެލް ޖެންގެ ބޭރުގައި ހުންނަވައި ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަމުން ނިހާން ވިދާޅުވީ، އިލެކްޝަންސް ކޮމިޝަނުގެ ރައީސަކަށް ފުވާދު ތައުފީގު ހުރުން އެމްޑީޕީ މީހުންނަށް ރަނގަޅު ނަމަ އެމަގާމުގައި އަހުމަދު ޝަރީފު ހުރުން ޕީޕީއެމްއަށް ވެސް ރަނގަޅުވާނެ ކަމަށެވެ.

"މީގެ ކުރިން 2013 ވަނަ އިންތިހާބު ފުރަތަމަ ބުރު ބޭއްވި އިރު އިލެކްޝަންސްގެ ރައީސަކަށް ހުރީ ފުވާދު. ފުވާދު ތައުފީގަކީ 2007 ހިސާބުގައި އެމްޑީޕީގެ އިސްކޮށް އުޅުއްވި މެމްބަރެއް. އެއީ އެމްޑީޕީ އުފެއްދުމުގައި އިސްކޮށް އުޅުއްވި އެކްޓިވިސްޓެއް " ނިހާން ވިދާޅުވިއެވެ.

ނިހާން ވިދާޅުވީ އޭރުގައި ފުވާދު ހުންނަވައިގެން ރަނގަޅަށް އިންސާފުވެރި ކަމާއެކު އެކަން ކުރެވޭނެ ކަން އެމްޑީޕީއަށް ޔަގީން ކަށަވަރު ވެއްޖެއްޔާ ޝަރީފު ހުންނަވައިގެން އިންތިހާބުގެ ކަންކަން ރަނގަޅަށް ދާނެ ކަމަށް ޕީޕީއެމް އިން ގަބޫލުކުރާ ކަމަށެވެ.

" ޝަރީފަކީ އިލެކްޝަންސް ކޮމިޝަނުގެ ރައީސްގެ މަގާމަށް ގާބިލު ބޭފުޅެއް. ފުވާދު ތައުފީގު އީސީގެ ރައީސް ކަމަށް ހުންނެވި އިރު ރަނގަޅުވި އެމްޑީޕީ މީހުން މިހާރު ޝަރީފާ ބެހޭގޮތުން ވާހަކަ ދެއްކުން ހުއްޓާލަން ޖެހޭ " ނިހާން ވިދާޅުވިއެވެ.

މޮޅުވަންދެން އިންތިހާބު އިންސާފުވެރި ނުވާނެކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން ވާހަކަދައްކާނެ ކަމަށާއި އެކަމަކު މޮޅުވެއްޖެއްޔާ އެވަރުގެ އިންސާފުވެރި އިންތިހާބެއް ނޯންނާނެ ކަމަށް ނިހާން ވިދާޅުވިއެވެ.

ނިހާނު އިތުރަށް ވިދާޅުވީ އެމްޑީޕީން ކުރީގެ ރައީސް މުހައްމަދު ނަޝީދު ބައިވެރިކޮށްގެން ބޭއްވި ޕްރައިމެރީއަކީ ގާނޫނާ ހިލާފު ޕްރައިމެރީއެއް ކަމަށާއި ނަޝީދަށް އިންތިހާބުގައި ވާދަ ކުރެވޭނަމަ އެކި ކުށްކުށުގައި ޖަލަށް ލާފައިތިބި މީހުންނަށްވެސް އިންތިހާބުގައި ވާދަ ކުރެވެން ޖެހޭނެ ކަމަށެވެ.

" އެމްޑީޕީއަކީ ހަމައެކަނި ނަޝީދު ލާހޫރާ އެނބުރެން ޖެހޭ، އޭނަ ހުއްޓި ހުރެ ތަވާފުކުރުވަން ޖެހޭ ޕާޓީއެއް ނޫން. އެވެސް ޑިމޮކްރެޓިކް ވިސްނުންތަކެއްގައި ބަޔަކު އުފައްދާފައި އޮތް ޕާޓީއެއް،" ނިހާން ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. މުޙައްމަދު

    އީސީގެ ރައީސަކަށް ޝަރީފު ހުރުމާއި ހަމަ ނަށީދުގެ ވެރިކަމުގަ ހެލްތު ގެ ސްޓޭޓް މިނިސްޓަރަކަށް ނަށީދު ޢައްޔަން ކުރައްވާފަހުރި އަޙްމަދު ފަޔާޒް ހަސަން ގެންގޮސް އީސީގެ ނައިބު ރައީސަކަށް ލާފަ ހުރުމާއި އެއްވެސް ތަފާތެއް ނެތް.

  2. މާރިޔާ

    100ޕަސެންޓް ރަގަޅުވާހަކައެއް