އިންޑިއާގެ އެގްޒިމް ބޭންކުުގެ އެހީގައި އައްޑޫގެ މަގުތަކުގައި ފެންހިންދުމުގެ ނިޒާމް ގާއިމް ކުރުމާއި މަގު ހެދުމުގެ މަޝްރޫގައި ކޮންޓްރެކްޓަރާ ހަވާލުކޮށް ސޮއިކޮށްފިއެވެ.

މި މަޝްރޫއު ހަވާލުކޮށްފައި ވަނީ، އެފްކޯންސް އިންފްރާސްޓްރަކްޗަރ ލިމިޓެޑާއެވެ. މި މަޝްރޫގައި އެކުންފުންނާއި އެކު ޕްލޭނިން މިނިސްޓްރީން ސޮއިކޮށްފައި ވަނީ މިއަދު އެވެ.

މި މަޝްރޫޢުގެ ދަށުން ކުރުމަށް ހަމަޖެހިފައިވާ މައިގަނޑު މަސައްކަތްތަކުގެ ތެރޭގައި ސްޓޯމް ވޯޓަރ ޑްރެއިނޭޖް ގާއިމްކުރުމުގެ މަސައްކަތް ހިމެނެވެ. އައްޑޫ ސިޓީގައި ފެންބޮޑުވުމުގެ މައްސަލަ އަށް ހައްލެއް ހޯދުމުގެ ގޮތުން އައްޑޫ ސިޓީ ފޭދޫ ފިޔަވައި އެހެން ހުރިހާ ރަށެއްގައި (ހިތަދޫ، މަރަދޫ، މަރަދޫފޭދޫ، ހުޅުދޫ އަދި މީދޫ) ފެން ހިންދާ ނިޒާމް ޤާއިމުކުމަށް ވަނީ ނިންމާފައެވެ.

މިގޮތުން، ޤާއިމް ކުރެވޭ ފެންހިންދާ ނިޒާމުގެ ޖުމްލަ ދިގުމިނަކީ ގާތްގަނޑަކަށް 103 ކިލޯމީޓަރެވެ.

މަގު ހެދުމުގެ މަޝްރޫޢުގެ ދަށުން އައްޑޫ ސިޓީ ހިތަދޫ، މަރަދޫ، މަރަދޫފޭދު، ފޭދޫ، ހުޅުދޫ އަދި މީދޫ ހިމެނޭގޮތަށް ޖުމްލަ 40 ކިލޯމީޓަރުގެ މަގުގައި ތާރު އެޅިގެންދާނެއެވެ. އަދި ތާރުއެޅުމަށް ކަނޑައެޅިފައިވާ މަގުތަކުގެ އިތުރުން ގާތްގަނޑަކަށް 60 ކިލޯމީޓަރުގެ މަގުގައި ސިމެންތި ސްޓެބިލައިޒްޑް ބޭސް (ސީ.އެސް.ބީ) ލެޔަރ އެޅުމަށް ވަނީ ހަމަޖެހިފައިވެއެވެ. މި ސީ.އެސްބީ ލޭޔަރގެ މަޤްސަދަކީ ޤާއިމްކުރެވޭ ފެންހިންދާ ނިޒާމުގެ ތެރެއަށް ވެލި އެޅި ދިމާވެދާނެ މައްސަލަތަކުން ރައްކާތެރިވުމެވެ.

މިހާރު ތާރުއަޅާފައިވާ މަގުތަކުގެ ތެރެއިން ޖުމްލަ 3.4 ކިލޯމީޓަރު މަގުގެ ރީސަރފޭސިންގ މަސައްކަތް ކުރުމަށް
ހަމަޖެހިފައިވާކަމަށާއި، ތަރައްޤީކުރެވޭ މަގުތަކުގައި މަގުބައްތި، ސީސީޓީވީ ކެމަރާ އަދި އެހެނިހެން ޓްރެފިކް ރައްކާތެރިކަމުގެ ފިޔަވަޅުތައް ޤާއިމްކުރެވޭނެ ކަމަށް ޕްލޭނިން މިނިސްޓްރީން ވަނީ ވިިދާޅުވެފައެވެ.

ހަންކެޑެ ހިމެނޭ ސަރަޙައްދުގައި މިހާރު ބޭނުންކުރަމުންދާ ލިންކް ރޯޑުގެ ހުޅަނގުން ހަންކެނޑެއަށް ނާރާ ގޮތަށް ހިތަދޫ ގައުކެޑިއާއި މަރަދޫއާއި ގުޅާލުމަށްޓަކައި 1.463 ކިލޯމީޓަރުގެ އައު 4 ލެންގެ ޑީޓުއަރ ލިންކް ރޯޑެއް މަޝްރޫޢުގެ ދަށުން ޤާއިމްކުރެވޭނެއެވެ.

މި އެއްބަސްވުމުގައި މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން ސޮއި ކުރެއްވީ ޑިރެކްޓަރ ޖެނެރަލް ފާތިމަތު ޝާނާ ފާރޫޤް އަދި އެފްކޯންސް އިންފްރާސްޓްރަކްޗަރ ލިމިޓެޑްގެ ފަރާތުން ސޮއި ކުރެއްވީ އެކުންފުނީގެ ޑިރެކްޓަރ އޮފް އޮޕަރޭޝަންސް ރަވީ ޕްރަކާޝްއެވެ.

މި ކޮންޓްރެކްޓު ހަވާލުކޮށްފައި ވަނީ 730 ދުވަހުގެ މުއްދަތެއްގެެ ތެރޭގައި ނިންމާ ގޮތަށެވެ. އެގްޒިމް ބޭންކުން 77 މިލިއަން ޑޮލަރ މި މަޝްރޫއަށް ހޭދަކުރާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ކޮވިޑް

    މައުސޫމް ދިން ޕައުންޑު ތަކުން ތިކަން ނުކުރީ ކީއްވެތޯ؟ ގްބޯ ހައްދަން ވިޔަސް ތީ ބޮޑުވަރު ، ނަން ވާނީ މައުމޫން ކަޑަޖެހުން މިހާރު މިސަރުކާރާ މައުމޫނާ ކޮބާ ބާ ތަފާތަކީ؟

  2. ިބޯކިބާ

    ތިމަޝްރޫއުގަ ސޮއިނުކުރާ ދުވަހެއްނުދޭ.