ޏ. ފުވައްމުލައް ސިޓީގައި ބާރަށް ދުއްވާފައި ދިޔަ ކާރެއް ކޮންޓްރޯލް ނުވެ ގޮސް ހިނގި ނުރައްކާތެރި އެކްސިޑެންޓްގައި ޒަހަމްވި ދެ ޒުވާނުންގެ ތެރެއިން އެކަކު ނިޔާވެއްޖެއެވެ.

ނިޔާވެފައި ވަނީ އެ ކާރުގައި އިން މުތީއު ނަމަކަށް ކިޔާ ޒުވާނާ އެވެ. އޭނާ ހޮސްޕިޓަަލަށް ގެންދިޔަ އިރުވެސް އޮތީ ނިޔާވެފައެވެ.

މި އެކްސިޑެންޓް ހިނގާފައި ވަނީ މީގެ އިރުކޮޅެއް ކުރިންނެވެ. އެކްސިޑެންޓް ހިނގިިރު ކާރުގައި ދެ މީހަކު ތިއްބެވެ.

އެ ސިޓީގެ ނައިބު ތުއްތު މަގުގައި މި އެކްސިޑެންޓް ހިނގިއިރު، މި އެކްސިޑެންޓް ހިނގާފައި ވަނީ ކާރު ކޮންޓްރޯލް ނުވެ ގޮސް ގަހަކަށް އަރައިގެންނެވެ.

މި އެކްސިޑެންޓް ހިނގިއިރު، ފުރަތަމަ މަސައްކަތް ކުރަން ޖެހުނީ ކާރުގައި ތިބި ދެ މީހުން ތާށިވެފައި ތިބުމުން ދެ މީހުން ސަލާމަތް ކުރުމަށެވެ. އެކަަމަށް ވިއްސަކަށް މިނެޓު ހޭދަވިއެވެ.

"ވަގުތު"އަށް އެނގިފައިވާ ގޮތުން، ކާރުން ނެގި އާމިލް ނަމަކަށް ކިޔާ ޒުވާނާގެ ފުރާނަ ސަލާމަތް ކުރެވޭތޯ ހޮސްޕިޓަލުން ދަނީ މަސައްކަތް ކުރަމުންނެވެ. އަދި އާމިލް ނިޔާވެއްޖެ ކަމަށް ބައެއް ފަރާތްތަކުން ބުނި ނަމަވެސް، އޭނާ ނިޔާވި ކަމަށް އަދި ހޮސްޕިޓަލުން ނިންމާފައެއް ނުވެއެވެ.