ޤާނޫނު އަސާސީއާއި ޤާނޫނުތަކާއި ހިލާފުވުމުން ހައްޔަރު ނުކުރެވޭނެ އެއްވެސް ބޭފުޅަކު ނުހުންނާނެކަމަށް ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސްގެ ނާއިބު ރައީސް އަދި ފޮނަދޫ ދާއިރާގެ މެންބަރު އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ.

ޕީޕީއެމްގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އަދުރޭ ވިދާޅުވީ، އުއްތަމަ ފަނޑިޔާރު އަލްއުސްތާޛު ޢަބްދުﷲ ސަޢީދާއި، ފަނޑިޔާރު އޮނަރަބަލް އަލްއުސްތާޛު ޢަލީ ޙަމީދު މުޙައްމަދު އަދި ކުރީގެ ރައީސް އަލްއުސްތާޛު މައުމޫން އަބްދުލްޤައްޔޫމް ފަދަ ބޭފުޅުން ހައްޔަރުކޮށްފައިވާތީ އިދިކޮޅު ފަރާތްތަކުން ވަރަށް ކަންބޮޑުވެލައްވާ ކަމަށާއި، އެހެންނަމަވެސް އެބޭފުޅުން ހައްޔަރު ކުރެވިފައިވަނީ، ޤާނޫނު އަސާސީއާއި ޤާނޫނުތަކާ ހިލާފުވެގެން ކަމަށެވެ.

"ހައްޔަރު ނުކުރެވޭނެ އެއްވެސް ބޭފުޅަކު ނުހުންނާނެ، ޤާނޫނު އަސާސީއާއި ޤާނޫނާ ހިލާފުވެގެން އެބޭފުޅުން ހައްޔަރު ކުރީ، އެބޭފުޅުން ހަމަ ގޭގައި ތިއްބައި ހައްޔަރު ކުރީކީ ނޫން." އަދުރޭ ވިދާޅުވިއެވެ.

"ސްޕްރީމް ކޯޓުގެ އުއްތަމަ ފަނޑިޔާރުކަން ލިބުނީމަ ނޫނީ ކުރީގެ ރައީސްކަން ބޭފުޅަކު ކުރެއްވީމަ ދެން އެބޭފުޅަކު މި ޤައުމުގައި ބޭނުންހާ ގޮތަކަށް އުޅުނަސް ހައްޔަރު ކުރާނެ ޖާގަ ނޯންނާނެތޯ؟" ވިދާޅުވެ، އެފަދަ ބޭފުޅުން ހައްޔަރު ނުކުރެވޭނެކަމަށް ބުނަމުންދާ އިދިކޮޅު ފަރާތްތަކަށް އަދުރޭ ވަނީ ސުވާލެއް ކުރިމަތި ކުރުވާފައެވެ.

ދިވެހިރާއްޖޭގެ ޤާނޫނު އަސާސީ ބައްޓަން ކުރެވިފައިވަނީ، އެފަދަ ބޭފުޅުން ހައްޔަރު ނުކުރެވޭނެ ގޮތަށް ނޫންކަމަށާއި، އަބްދުﷲ ސައީދާއި، ޢަލީ ހަމީދާއި، އުއްތަމަ ފަނޑިޔާރު އަދި ކުރީގެ ރައީސް މައުމޫނު ހައްޔަރުކުރެވިފައިވަނީ ހިނގާދިޔަ ބަޣާވާތުގެ ތެރޭގައި އެބޭފުޅުން ބައިވެރިވެ ރިޝަވަތު ދީގެން ދިވެހިރާއްޖޭގައި ޤާނޫނީ ގޮތުން އުފެދިފައިވާ ސަރުކާރު ވައްޓާލަން މަސައްކަތް ކޮށްފައިވާތީ ޤާނޫނީ އިމުގެ ތެރެއިން ކަމަށްވެސް އަދުރޭ ވިދާޅުވިއެވެ.

އެމްޑީޕީގެ ވެރިކަމުގައި ސްޕްރީމް ކޯޓުގައި ތަޅު އަޅުވައި، ޖުޑިޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) ހައިޖެކްޓްކޮށް، ސްޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ޣާޒީ ހިފާހައްޔަރުކުރިއިރު ޤާނޫނު އަސާސީގެ ދިފާއުގައި ވަކާލާތު ނުކުރެއްވި ބޭފުޅުން، މިހާރު ޤާނޫނު އަސާސީ އޭ ކިޔައިގެން ވާހަކަފުޅު ދައްކަވަން ލަދުގަންނަން ޖެހޭނެކަމަށާއި، މި ސަރުކާރުން ޤާނޫނު އަސާސީއާއި ޤާނޫނާ ހިލާފަށް އެއްވެސް ފަރާތެއް ހިފާ ހައްޔަރުކޮށް އަދަބު ނުދޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

މިސަރުކާރުން މިހާތަނަށް އައިއިރު ކޯޓު އަމުރަކާ ނުލައި އެއްވެސް ފަރާތެއް ހިފައި ހައްޔަރު ކޮށްފައި ނުވާނެ ކަމަށާއި، އެހެންނަމަވެސް ަބްދުﷲ ސައީދާއި، ޢަލީ ހަމީދާއި، އުއްތަމަ ފަނޑިޔާރު އަދި ކުރީގެ ރައީސް މައުމޫނު ހައްޔަރުކުރެވިފައިވަނީ ޤާނޫނީ އިމުގެ ތެރެއިން ރައީސުލް ޖުމްހޫރިއްޔާއަށް ލިބިދީފައިވާ ބާރުގެ ދަށުން ކުއްލި ހާލަތު އިއުލާނުކުރައްވައި، އެ ހާލަތުގައި ބައެއް ހައްޤުތައް ހިފެހެއްޓިފައިވާއިރު ކޯޓު އަމުރެއް ބޭނުންނުވާ ހާލަތަކެއްގައިކަން ހުދު އެބޭފުޅުންނަށްވެސް އެނގިވަޑައިގަންނަވާއިރު، ހަޤީގަތް އޮޅުވާލަން އިދިކޮޅު ފަރާތްތަކުން މަސައްކަތް ނުކުރެއްވުމަށް އަދުރޭ ގޮވާލެއްވިއެވެ.

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

  1. އެކަމަކު

    ބަނަފުސާ އެކަމަކު މައުމޫނު ހަމަ ގޭގައި އޮއްވައި ގެންދެވީ!

  2. މިއާ ޚަލީފާ

    އަދުރޭ، ކަލޭވެސް ޖަލުގެ ގޮޅީގެރަހަދެކޭނެކަމީ ޝައްކެއްވެސްނެތް ކަމެއް.

  3. ދަތްދުރޭ

    އަޅެފަހެ މީދެން ކާކު ގައުމަށް ހުތުރު އަރުވަން ކޮންމެ ދެގަޑިޔަކުން ބާޒާރުމަތީ ބަހުރުވައިން މި ދިވެހި ގައުމުގ ނަމުގައި ބަޔާން ނެރެން؟

  4. ޟައިމުއްދޭ

    ނަސީދު ކުރިޔަޔަސް ޔާމީން ކުރިއަސް ގޯސްކަމެއްވާނީ ގޯސްކަމަކަށް

  5. ޝާހީ

    ރައީސް ޔާމީނުވެސް ދެއްތޯ؟ ފުލުހުންނާއި ސިފައިންނަށް އަޑުއިވޭނެކަމަށް އުއްމީދުކުރަން. ގާނޫނުގެ އަލިފު އެނގޭ މީހަކަށްވެސް އެބައެނގޭ ރައީސް ޔާމީނު ގާނޫނު އަސާސީއާއި ކަނޑައެޅިގެން ހިލާފުވެވަޑައިގެންފައި މިހާރު ހުންނެވިކަން. ދެން އަބްދުއް ރަހީމު ރީތިކޮށް ބުނަންވީ ދޯ ޔާމީނު ހައްޔަރުކުރާށޭ! ވަގުތުގެ ކުދިންނަށް ހަޖަމް ވަންޏާ ކޮމެންޓް ޕޯސްޓްކޮށްލާ. ހަޖަމު ނުވަންޏާ އަބްދުއް ރަހީމް އަށް މި މެސެޖް ފޯވަރޑް ކޮށްލާ

  6. Anonymous

    ޔޭސް ސަރ. މިވަގުތު އޮތީ ތިގޮތް. އެކަމަކު ވަގުތު އޭގެ މިޒާޖު ބަދަލްކުރާނީ ކޮންވަގުތަކު ކަން އެގޭތޯ؟ ކުރީގައުޅުއްވި ގޮތަކަށް ނޫން ދެއްތޯ މިހާރު ތިއުޅުއްވަނީކީ.

  7. ާަަސަރާ

    ޤޮތްކުޑަވީމަކުރާނެ

  8. Anonymous

    ޢަދުރޭ ހައްޔަރު ކުރަން ގޮވާލަން މިހާރު އެންމެ ދެކޭ ހިތްވާ ދުވަހަކީ އަދުރޭ ހައްޔަރު ކުރާތަން އިންޝާﷲ

  9. ކިކީ

    މީނަ ވާނެ ހައްޔަރުކުރަން ވެރިކަން ވެއްޓޭދުވަހަކުން

  10. ބަރުގޮނު

    ވާހަކަ ރަގަޅު. ޢަޖާބަކީ ހަމަ އަދުރޭމެންނަށް ތިކަން ޤަބޫލު ނުކުރެވޭކަން... މަތީ ގަޑިން ޖެހީމާ ކަލޯމެންނަށްވެސް ވާންވީ ގޮތެއްވާނެ.

  11. ސީޑީ

    އަދުރޭ، ކަލޭވެސް ޖަލުގެ ގޮޅީގެރަހަދެކޭނެކަމީ ޝައްކެއްވެސްނެތް ކަމެއް. ވަރަށް ސަލާމް