ބައިނަލްއަގްވާމީ މަޝްރަހުގެ އެންމެ ބޮޑު އެއް ސްކޯލާޝިޕް ކަމުގައިވާ ކޮމަންވެލްތުގެ ސްކޯލާޝިޕަށް ޝައުގުވެރިވާ ފަރާތްތަކުން، އެފަރާތުގެ ވަނަވަރު ހުށަހެޅުމުގެ ފުރުސަތު ހުޅުވައިލައިފިއެވެ.

ކޮމަންވެލްތުގެ ސްކޯލާޝިޕްގެ ދަށުން އިނގިރޭސި ވިލާތުގައި ހިލޭ ކިޔެވުމުގެ ފުރުސަތު ލިބިގެން ދާނެއެވެ. ބައިނަލް އަގްވާމީ އެހެން ސްކޯލާޝިޕްތަކަަށް ނަން ހުށައަޅާއިރު ނަގާ އެޕްލިކޭޝަން ފީއެއްވެސް މިސްކޯލާޝިޕަށް ހުށަހަޅާއިރު ނުނަގާނެ ކަމަށް ކޮމަންވެލްތުން ބުނެއެވެ.

ކޮމަންވެލްތު ސްކޯލާޝިޕްގެ ދަށުން މިހާރުވެސް 28،500 އަށް ވުރެ ގިނަ ކުދިން ކިޔަވަމުން ދާ ކަމަށް އެ ޖަމިއްޔާއިން ބުނެއެވެ. މި ހުރިހާ ދަރިވަރުންނެއްވެސް ކިޔަވަމުން ދަނީ ކޮމަންވެލްތު ސްކޯލާޝިޕްގެ ދަށުން އިނގިރޭސި ވިލާތުގެ ސަރުކާރުގެ އެހީތެރިކަމާއި އެކުއެވެ.

މި އަހަރުވެސް 700 އަށް ވުރެ ގިނަ ދާއިރާތަކަށް ކުރިމަތިލުމުގެ ފުރުސަތު ކޮމަންވެލްތުން ވަނީ ހުޅުވާލާފައެވެ. މި ސްކޯލާޝިޕްގެ ދަށުން އިނގިރޭސި ވިލާތަށް ދިއުމުގެ ދެކޮޅު ޓިކެޓު ލިބެއެވެ. އަދި ކިޔެވުމުގެ ހުރިހާ ހަރަދެއް އިނގިރޭސި ވިލާތުގެ ސަރުކާރުން ބަލަހައްޓާއިރު، ޕޮކެޓް މަނީގެ ގޮތުގައި ކިޔަވަމުންދާ ކޮންމެ ދަރިވަރަަކަށް ލިބެއެވެ.

ކޮމަންވެލްތުގެ މެމްބަރު ކަމުގައި ރާއްޖެ އޮންނަތާ 34 އަހަރު ފަހުން އެ ޖަމިއްޔާ އިން ވަކިވީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި 2016 ވަނަ އަހަރުއެވެ. އެހެން ނަމަވެސް ހަތަރު އަހަރުގެ މެދުކެނޑުމަކަށް ފަހު، ނިމި ދިޔަ އަހަރު ރާއްޖެ ވަނީ އަނެއްކާވެސް ކޮމަންވެލްތާއި ގުޅިފައެވެ. ރާއްޖެ އަކީ މިހާރު ކޮމަންވެލްތުގެ 54 ވަނަ މެމްބަރު ގައުމެވެ. ރާއްޖެ ކޮމަންވެލްތާ އަލުން ގުޅުމުން ކޮމަންވެލްތު ސްކޮލަޝިޕްތަކަށް ދިވެހިންނަށް ކުރިމަތިލެވޭ ގޮތަށް ވަނީ ހަމަޖައްސާފައެވެ.