ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލަޖީ މިނިސްޓަރު މުހައްމަދު މަލީހު ޖަމާލްގެ އިތުބާރު ނެތް ކަމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ މާދަމާގެ ޖަލްސާ އަށް ތާވަލުކޮށްފިއެވެ.

ޖުމްހޫރީ ޕާޓީގެ ސްލޮޓުގައި މިނިސްޓަރުކަމުގައި ހުންނެވި މަލީހް މަގާމުން ވަކިކުރަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ދަންނަވަން ރައްޔިތުންގެ މަޖިލީހުގެ ސުޕަ މެޖޯރިޓީ އޮތް އެމަނިކުފާނު ނިސްބަތްވާ އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕުން މިދިޔަ ނޮވެމްބަރު މަހުގެ ތެރޭގައި ފާސް ކުރިއެވެ. އެ މައްސަލަ އެމްޑީޕީ ޕީޖީ ގްރޫޕަށް ހުށަހެޅުއްވީ ރައްޔިތުންގެ މަޖިލިހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް އަހުމަދު ނަސީމެވެ.

އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުން ފާސް ކުރި ގޮތާ އެއްގޮތަށް އެ މައްސަލަ ވަނީ ރައީސްގެ ސަމާލު ކަމަށް ވެސް ގެނެސްފައެވެ. އެކަމާ ގުޅިގެން ރައީސް ވަކި އެއްޗެއް ވިދާޅެއް ނުވެއެވެ. އެންމެ ފަހުން، އެ މައްސަލަ މަޖިލިހަަށް ވެއްދީ ޕީޖީ ލީޑަރު އަލީ އާޒިމެވެ.

މަޖިލިހަށް ހުށަހެޅި މައްސަލައިގައި 14 މެމްބަރުން ވަނީ ސޮއިކުރައްވައިފައެވެ.

އަދި މި މަހު 16 ގައި މަޖިލީހުން ވަނީ މަލީހު ޖަވާބުދާރީވުމަށް ނޯޓިސް ވެސް ފޮނުވައިފައެވެ. މަލީހު ވަނީ އެ ނޯޓިސްގައި ގާނޫނީ މައްސަލަ އުޅޭ ކަމަށާއި އަނބުރާ ފޮނުވާލާފައިވާ ކަމަށް ވިދާޅުވެފައެވެ. ނަމަވެސް މާދަމާ އޮންނަ މަޖިލީހުގެ ޖަލްސާގައި އެންމެ ފުރަތަމަ ތާވަލުކޮށްފައި ވަނީ އެ މައްސަލަ ކުރިއަށް ގެންދިއުމަށެވެ.

މަލީހުގެ އިތުބާރު ނެތް ކަމަށް ބުނެ މަޖިލިހަށް ހުށަހެޅި ލިޔުމުގައި ވަނީ ކޮމިއުނިކޭޝަން މިނިސްޓްރީން ހަދަން ޖެހޭ އެއްވެސް ގަވައިދެއް މަލީހު މަގާމުގައި ހުންނަވާތާ ދެ އަހަރުވީ އިރު ވެސް ހަދާފައިނުވާ ކަން ސާފުކޮށް އެނގޭ ކަމަށެވެ.

މި ގާނޫން ހެދުމަށް ލާޒިމް ކުރާ ގަވައިދުތަކަކީ ރާއްޖޭގެ ޓެލެކޮމް ސިނާއަތް ފުރިހަމަ އަށް ރެގިއުލޭޓްކޮށް ހިންގުމަށް ކޮންމެހެން ބޭނުންވާ ގަވައިދުތަކަކަށްވެފައި އެ ގަވައިދުތައް ނުހެދި ލަސްވެގެންދާ ކޮންމެ ދުވަހަކީ ދިވެހި ދައުލަތާއި ރައްޔިތުންނަށް އެތައް ގެއްލުންތަކެއް ކުރިމަތިކުރުވާ ކަމެއް ކަން ކަށަވަރުވާ ކަމަށް ވެސް މަލީހާ ދެކޮޅަށް ހުށަހެޅި މައްސަލައިގައިވެއެވެ.

ނަމަވެސް އެ ވާހަކަތައް މަލީހު ދޮގު ކުރައްވައެވެ.

މަލީހު ދާދި ފަހުން "ވަގުތަށް" ވިދާޅުވީ އޭނާ މަގާމުން ވަކި ކުރުމަށްޓަކައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ދަންނަވަން އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުން ނިންމުމަކީ އެމްޑީޕީން އަމިއްލަ ސަންދޯކަށް މޮހޮރު ޖެހުން ކަމަށެވެ. މަލީހު ވިދާޅުވީ އޭނާގެ މައްޗަށް އިތުބާރު ނެތް ކަމަށް ފާސް ކުރުން އެއީ އެމްޑީޕީގެ ވެރިކަމެއްގައި ގާނޫނުއަސާސީގެ 27 ވަނަ މާއްދާގެ އިތުބާރު ނެތް ކަމަށް ފާސް ކުރުން ކަމަށެވެ.

ގާނޫނުއަސާސީގައި އޮންނަ ގޮތުން ވަޒީރެއްގެ އިތުބާރު ނެތް ކަމުގެ ވޯޓު މަޖިލިހަށް ވެއްދޭނީ 10 މެމްބަރުންގެ ސޮއި ލިބިގެންނެވެ. ވަޒީރުގެ އިތުބާރު ނެތް ކަމަށް ފާސްވާނީ 44 މެންބަރުންގެ ވޯޓު ލިބިގެންނެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ފަހީމު

    ބޭރުކުރޭ! މިހާރުވެސް ލަސްވެއްޖެ

    7
    5
  2. ސލ

    ގުންޑާ އިނަށް މަލީހު ވަކިކުރަން ނުކެރޭނެ އެވެ ސަރުކާރު
    ބިނދި މަގުމަތިވެދާނެކަމުގެ ބިރު އއ އޮތީމަ އެވެ.

    12
    1
  3. ޙަފޯ

    ވިސްނާ ފިކުރުކުރާ ބަޔަކަށް އިބުރަތެއްވޭ.

    13
  4. ނަައީމް

    މަލީހުބޭރެއްނުކުރެވޭނެ ރައީސް އިބޫގެ ބާރުގަދައީ ނުވާނެ ތިކަމެއް

    13
    2
  5. Happy

    ބޭރުކުރޭ! ބޭކާރު މިނިސްޓަރެއް!!

    4
    2
  6. މަހަށްދޭބަލަ

    މަލީހު ވަކިކުރަން އެމްޑީޕީން ތްރީލައިން ވިޕެއް ނެރެފި ނަމަ އެއީ މަމެން އުފާ ކުރާ ކަމެކޭ މިއިން އެގިގެންދާ އެއްޗަކީ ތަމެން ވެރިކަމަށް ގެނައި އެންމެނާއި ތަމެން ނެކް ޓު ނެކް ޖައްސާ އެމެން ބޭރު އަރުވާލަނީ ކަމަށޭ ޝިދާތާ ބޭރުކޮށްފައި އެމިނިސްޓްރީ އަށް ގެނައި މިނިސްޓަރަށް ކެއްކޭ ޑޮންޑޮނެއް އެބަހުރިތޭ އެއީ ހުރި މިނިސްޓަރެއް ކަން ދަންނަ ދިވެހި ރައްޔިތަކު ވެސް ނޫޅެއޭ ތަމެން ދެން މަހަށް ދާންވީއޭ ތަމެން ދެން މަހަށް ދޭބަލަ މަހަށް މަހަށް މަހަށް ދޭބަލަ...

  7. ޢަހްމަދު އީސަ

    ސުޕަރ މެޖޯރިޓީ އޮވެގެން ވެސް މީހާކު ބެރުކުރަން ވެއްޖެއްޔާ ބިރުން ސީލެވިފަ މިތިބެނީ.