ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިޚާބުގައި ވާދަކުރާ ކެންޑިޑޭޓުންނަށް ދަތުރުފަތުރު ފަދަ ފުރުސަތުތައް ހަމަހަމަކޮށް ލިބޭނެ ގޮތަކަށް އިންތިޚާބުގެ ގައިޑްލައިން އެކުލަވާލުމަށް އެދިވަޑައިގެން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ ޑިރެކްޓަރު ޖެނެރަލް މައިމޫނާ އަބޫބަކުރަށް އިލެކްޝަންސް ކޮމިޝަން (އީސީ) ގެ ރައީސް އަހުމަދު ޝަރީފް ސިޓީއެއް ފޮނުއްވައިފިއެވެ.

ގާނޫނުގައި ބަޔާން ކޮށްފައިވާ ގޮތުގެ މަތިން މިހާރު ތިބި ކައުންސިލަރުންގެ ދައުރު ހަމަވެ، އާ އިންތިޚާބު މިދިޔަ އަހަރު ބާއްވަން ޖެހެއެވެ. އެކަމަކު މިދިޔަ އަހަރުގެ އޭޕްރީލް މަހަށް ތާވަލުކުރި އިންތިޚާބު ފަސްކުރަން ޖެހުނީ ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ހާލަތު ކުރިމަތިވުމުގެ ސަބަބުންނެވެ. މި އިންތިގާލީ މުއްދަތުގައި އަމަލު ކުރާނެ ޚާއްސަ ގާނޫނެއް އެކުލަވާލާފައިވާއިރު އެ ގާނޫނުގައިވާ ގޮތުން އިންތިޚާބުގެ އުސޫލެއް އެޗްޕީއޭއިން ކަނޑައަޅަން ޖެހެއެވެ.

އެޗްޕީއޭއިން ކަނޑައަޅާފައިވާ އުސޫލާ މެދު ހުރި ކަންބޮޑުވުންތައް ފާހަގަކޮށް ފޮނުވާފައިވާ ސިޓީގައިވާ ގޮތުން އިލެކްޝަންސް ކޮމްޕްލެއިންޓްސް ބިއުރޯއަށް ހުށަހެޅުނު ޝަކުވާއަކާ ގުޅިގެން އެ ކޮމިޝަނުން ކުރި ތަހުގީގުގައި ފާހަގަކުރެވުނު އެއް ކަމަކީ އެޗްޕީއޭއިން އަޅާފައިވާ ބައެއް ފިޔަވަޅުތަކުގެ ސަބަބުން އިންތިޚާބަށް ކުރިމަތިލާފައިވާ ކެންޑިޑޭޓުންނަށް ދަތުރުފަތުރު ކުރުމުގެ ހުއްދަ ދިނުމުގައި ތަފާތު ކުރުންތަކެއް ހުރި ކަމެވެ.

އިންތިޚާބުތަކުގެ އާންމު ގާނޫނުގައި ބަޔާން ކޮށްފައިވާ ގޮތުގެ މަތިން ކޮންމެ ކެންޑިޑޭޓަކަށް ވެސް ތާއީދު ހޯދުމަށް މަސައްކަތް ކުރުމުގެ ހައްގު ކަށަވަރު ވެފައި އޮންނަން ޖެހޭ ނަމަވެސް އިންތިޚާބަށް ތާއީދު ހޯދުމަށް ދަތުރުފަރުތު ކުރުމަށް ހުއްދަ ލިބުމުގައި އަމިއްލަ ބައެއް ކެންޑިޑޭޓުންނަށާއި އިދިކޮޅު ފަރާތްތަކަށް ދަތިތަކެއް ހުރިކަމަށް ކޮމިޝަނަށް ފާހަގަކުރެވިފައިވާ ކަމަށް އެ ސިޓީގައިވެއެވެ.

މި ސަރުކާރުގެ އިސްވެރިންނާއި، ސަރުކާރު ޙިއްސާވާ ކުންފުނިތަކުގެ ވެރިން، ރަސްމީ ދަތުރުތަކުގައި ރަށްރަށަށް ވަޑައިގެން، އިންތިޚާބަށް ކުރިމަތިލާފައިވާ ބައެއް ކެންޑިޑޭޓުންނަށް ތާއީދު ހޯދުމަށް މަސައްކަތް ކުރާ ކަން ވެސް އީސީއަށް ފާހަގަކުރެވިފައިވާ ކަމަށެވެ.

ކައުންސިލް އިންތިޚާބާއި އަންހެނުންގެ ކޮމިޓީތަކުގެ އިންތިޚާބުގައި ވާދަކުރައްވާ ހުރިހާ ސިޔާސީ ޕާޓީތަކުގެ ކެންޑިޑޭޓުންނާއި ޕާޓީތަކުގެ ލީޑާޝިޕްއާއި އަމިއްލަ ކެންޑިޑޭޓުންނާއި އެ ކެންޑިޑޭޓުންނަށް ތާއީދު ހޯދުމުގައި ބައިވެރިވާ އެންމެހާ ފަރާތްތަކަށް ކެމްޕެއިން ކުރުމުގައި ހަމަހަމަ ފުރުސަތުތައް ލިބިދޭ ގޮތަށް އުސޫލު ބަދަލު ކުރުމަށް އެ ސިޓީގައި އެދިވަޑައިގެންފައިވެއެވެ.

ސަރުކާރާއި ދައުލަތުގެ އެކި ވުޒާރާތަކާއި އިދާރާތަކާއި މުއައްސަސާތަކުގެ އިސް ބޭފުޅުންނާއި މުވައްޒަފުން ދައުލަތުގެ އެކި ކަންކަމުގައި ދަތުރު ކުރުމަށް އެޗްޕީއޭއިން ޚާއްސަ ހުއްދައެއް ދޫކުރެއެވެ. އެ ހުއްދައިގެ ދަށުން ކަރަންޓީނު ވުމެއް ނެތި އެ ބޭފުޅުންނަށް ދަތުރު ކުރެވެއެވެ. މިކަމުގެ ސަބަބުން ހަމަހަމަ ފުރުސަތު ގެއްލޭ ކަމުގެ ޝަކުވާ އިދިކޮޅު ޕީޕީއެމްއާއި ޕީއެންސީއިން ކުރާތާ ދުވަސްތަކެއް ވެއްޖެއެވެ.

އޭގެ ދުވަސްތަކެއް ފަހުން އެމްޑީޕީގެ ބައެއް އިސް ބޭފުޅުން ވެސް ވަނީ އުސޫލު އޮތީ އެފަދަ ގޮތަކަށް ކަމަށް ގަބޫލު ކުރައްވާ ކަމަށް ވިދާޅުވެފައެވެ. އެހެންވިޔަސް އެމްޑީޕީއިން އެފަދަ ފުރުސަތެއް ބޭނުން ނުކުރައްވާނެ ކަމަށް އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެފައިވެއެވެ.