ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ސަރުކާރުގައި ތަރައްގީ ކުރަން ފެށި ހިޔާ ފްލެޓުތަކުގެ އެސްއެސް ރެއިލިން ޖެހުމުގެ މަސައްކަތް، ދިވެހި ކުންފުންޏެއް ކަމަށްވާ މެރިންޑޫ ކުންފުންޏާ ހަވާލުކޮށްފިއެވެ.

ރާއްޖޭގައި ފުޅާ ދާއިރާއެއްގައި މެޓަލް ފެބްރިކޭޝަންގެ މަސައްކަތްތައް ކުރާ ދިވެހި ކުންފުންޏާ މި މަސައްކަތް ހަވާލު ކުރީ ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިންނެވެ. މި މަސައްކަތް އެޗްޑީސީން އެ ކުންފުންޏާ ހަވާލުކޮށްފައި ވަނީ މި މަހުގެ ތެރޭގައެވެ.

ހިޔާ ފްލެޓުތަކުގެ 25 ބުރީގެ 15 ޓަވަރުގެ ތެރެއިން އަށް ޓަވަރެއްގެ އެސްއެސް ރެއިލިން ޖެހުމުގެ މަސައްކަތް މެރިންޑޫން މިހާރު ވަނީ ފަށައިފައެވެ.

މެރިންޑޫން ބުނި ގޮތުގައި އެޗްޑީސީއާ އެކު އެއްބަސްވެފައިވާ ގޮތަށް އަންނަ އޭޕްރީލް މަހު މަސައްކަތް ނިންމާލެވޭނެއެވެ.

ރާއްޖޭގައި މިހާތަނަށް ހިންގި ބޯހިޔާވަހިކަމުގެ އެންމެ ބޮޑު މަޝްރޫއުގެ އެސްއެސް ރެއިލިން މަސައްކަތް މެރިންޑޫން ބާރު ސްޕީޑްގައި ކުރަމުން އަންނަ އިރު އެ ކުންފުންޏަކީ ސޭންޑް ބާޖް ފަދަ އުޅަނދުތައް ބަނުމުގައި އެތައް ބައެއްގެ އިތުބާރު ހޯދާފައިވާ، މާކެޓް ލީޑިން ކުންފުންޏެކެވެ.

"ކޮވިޑާއި ގުޅިގެން މާލޭ ސަރަހައްދުގައި އަޅާފައި ހުރި ފިޔަވަޅުތަކާއި އެކުވެސް އަޅުގަނޑުމެން ޑެޑްލައިނުގައި ޕްރޮޖެކްޓް ކޮމްޕްލީޓް ކުރެވޭނެ. މިހާރު ވެސް ބާރަށް މަސައްކަތް ކުރިއަށް އެބަދޭ،" މެރިންޑޫގެ އޮފިޝަލަކު ވިދާޅުވިއެވެ.

މެރިންޑޫއަކީ ސޭންޑް ބާޖުގެ އިތުރުން، ލޭންޑިން ކްރާފްޓާއި އެ ނޫން ވެސް އެފަދަ ކަނޑު އުޅަނދުތައް ބަނުމުގައި މަޝްހޫރު ނަމެކެވެ. އަދި ތެޔޮ ތާނގީތައް ބަނުން ފަދަ މަސައްކަތްތަކުގައި ވެސް ތަޖުރިބާކާރު ކުންފުންޏެކެވެ. އަދި އެ ކުންފުނިން ވަނީ ތިލަފުށީގައި 10،000 އަކަފޫޓުގެ ބިމެއްގައި މިފަދަ މަސައްކަތްތަކަށް ބޭނުންވާ އެންމެ ފަހުގެ އިކުއިޕްމަންޓް ސެޓަޕެއް ގާއިމް ކޮށްފައެވެ.