ތ. ވޭމަންޑޫގައި އާ އިންޖީނުގެއެއް އިމާރާތްކުރުމުގެ މަސައްކަތް ފަށާނެކަން ފެނަކައިން އިއުލާންކޮށްފިއެެވެ.

އެރަށު އިންޖީނު ގޭގައި ހިނގި އަލިފާނުގެެ ހާދިސާގައި އިންޖީނުގެ އަނދާ ހުލިވުމުން، އާ އިންޖީނުގެ އިމާރާތް ކުރުމުގެ މަސައްކަތް ފަސްކުރުމެއް ނެތި ކުރިއަށް ގެންދާނެކަމަށް ފެނަކައިން ވަނީ ވިދާޅުވެފައެވެ. .

ފެެނަކައިން ނެރުނު ނޫސް ބަޔާނެއްގައި ވިދާޅުވެފައި ވަނީ، ވޭމަންޑޫ އިންޖީނުގޭގައި ހިނގައިދިޔަ ހިތާމަވެރި އަލިފާނުގެ ހާދިސާއާ ގުޅިގެން، އެވަގުތުން ފެށިގެން އެކަމުން އަރައިގަތުމަށް، ފޫހިކަމެއް ވަރުބަލިކަމެއް ނެތި، ހިތްވަރާއި އިޚްލާޞްތެރި ކަމާއެކު، އެ ކުންފުނީގެ މުވައްޒަފުންނާ ބައިވެރިވެފައިވާކަމަށެވެ.

އަދި އެރަށު ކުދިބޮޑު އެންމެހައި ލޮބުވެތި ރައްޔިތުން ދައްކުވައި ދެއްވާފައިވަނީ، ލާމަސީލު ނަމޫނާއެއް ކަމަށާއި، ކުންފުނީގެ ތާރީޚުގައި، މިފަދަ ބޮޑު ޙާދިސާއަކުން އެންމެ އަވަސް މިނުގައި އަރައިގަނެ، ރައްޔިތުންނަށް ޚިދުމަތް އިޢާދަ ކޮށްދެވިފައިވަނީ، އެ ނަމޫނާއާއި ކެތްތެރިކަމާއި، އެކުވެރިކަމާއި، އެއްބައިވަންތަކަމުން، އެކެއް އަނެކެއްގެ ކިބައިން ހިތްވަރު ލިބިގެން ކުރެވުނު ފުރިހަމަ މަސައްކަތުގެ ނަތީޖާއިންކަމަށް ފެނަކައިން ވަނީ ވިދާޅުވެފައެވެ.

"އެހެންކަމުން، އެކަމަށްޓަކާ ވޭމަންޑޫގެ ކުދިބޮޑު އެންމެހައި ލޮބުވެތި ރައްޔިތުންނަށް ކުންފުނީގެ މެނޭޖްމަންޓާއި އެންމެހައި މުވައްޒަފުން އަދި އަޅުގަނޑުގެ އަމިއްލަ ނަމުގައި ނުހަނު އިޚްލާޞްތެރި ކަމާއެކު ޝުކުރު ދަންނަވަން. އަދި ރައްޔިތުން ކުންފުންޏާމެދު ބެހެއްޓެވި ގާތްކަމާއި، މަސައްކަތް ކުރުމަށް ކުންފުނިން ރަށަށްދިޔަ އެންމެހައި މުވައްޒަފުންނަށް ދެއްވި ފުރިހަމަ މެހެމާންދާރީގެ އަގު ވަޒަންކޮށް، އެކަމަށްޓަކައިވެސް ވޭމަންޑޫގެ ލޮބުވެތި ރައްޔިތުންނަށް ޝުކުރު ދަންނަވަން." ފެނަކައިން ވަނީ ވިދާޅުވެފައެވެ.

އަދި މި ޙާދިސާއާ ގުޅިގެން، ރައްޔިތުންނަށް އަވަސް މަގުން ޚިދުމަތް އިޢާދަކޮށްދިނުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުމަށް، ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް، ކެނޑިނޭޅި ދެއްވަމުން ގެންދެވި އަގުހުރި އިރުޝާދާއި ލަފާފުޅުތަކަށްޓަކައި އެމަނިކުފާނަށްވެސް ނުހަނު އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވާކަމަށް ފެނަކަ އިން ވިދާޅުވިއެވެ.

އަދިި މި ޙާދިސާ ހިނގި ވަގުތުން ފެށިގެން ކަންކަން ގާތުން ބައްލަވައި ކުންފުނީގެ ޓީމާއެކު ރަށަށް ދަތުރު ކުރައްވައި، ކުރެވުނު މަސައްކަތްތައް ބައްލަވައިލެއްވުމަށް އެންވަޔަރަންމަންޓް މިނިސްޓަރ ޑރ ޙުސައިން ރަޝީދު ޙަސަން ބައިވެރިވެވަޑައިގެން ދެއްވި ދެއްވުމަކީ މަސައްކަތްތަށް ކުުރިއަށް އަށް ގެންދިއުމަށް ލިބުނު އިތުރު ހިތްވަރެއް ކަމަށް ފެނަކައިން ވަނީ ވިދާޅުވެފައެވެ.

"ކުރިޔަށް އޮތްތަނުގައި މިފަދަ ޙާދިސާއެއް މެދުވެރިވިޔަ ނުދިނުމަށް، އަދި ދިމާވާ ޙާދިސާތަކުން ލިބޭ ގެއްލުން ކުޑަކުރުމަށް ކުރަންޖެހޭ އެންމެހައި މަސައްކަތްތަކާއި، ރައްޔިތުންނަށް ދެމެހެއްޓެނިވި ގޮތެއްގައި ރައްކާތެރިކަމާއި އިތުބާރާއެކު ޚިދުމަތް ފޯރުކޮށްދެވޭކަން ކަށަވަރުކޮށް، އާ އިންޖީނުގެއެއް ޢިމާރާތް ކުރުމުގެ މަސައްކަތް، ފަސްކުރުމެއް ނެތި މި ކުންފުނިން ކުރިއަށް ގެންދާނެކަމުގެ ޔަޤީންކަން މި ފުރުޞަތުގައި ވޭމަންޑޫގެ ލޮބުވެތި ރައްޔިތުންނަށް އަރުވަން." ފެނަކައިން ވަނީ ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ކާފަ

    ތީ އެމީހުންނަށް ނުވެގެން އުޅުނުކަމަކީ

  2. Anonymous

    ވޭމަންޑޫ އިންޖީނު އެނދީމަ ކުރިން އެތާހުތި ބާއިންޖީނު އަލުންގެނެސް އާ އެއްޗެއއް ކަމަށް ހީވާގޮތަށް އުޅުނު ބަޔަކު ކުރާނީ ހުސް ފޭކު ކަންކަން.