އަވައްޓެރި އިންޑިއާއިން ރާއްޖެއަށް ފޯރުކޮށްްދެމުން ދަނީ ޤާނޫނަށް ފެތޭ ދެފުށް ފެންނަ އެހީތަކެއް ކަމަށް ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.

ޝާހިދު މިހެން ވިދާޅުވެފައި ވަނީ އޭޝިއާ އިކޮނޮމިކް ޑައިލޮގްގެ "ޕަރސްޕެކްޓިވްސް އޮން އިންޑިއާސް އިންޓަނޭޝަނަލް ޑިވެލޮޕްމެންޓް ކޯޕަރޭޝަން" ބައްދަލުވުމުގައި ވާޗުއަލްކޮށް މިއަދު ބައިވެރިވެވަޑައިގެން ވަނީ ތަރައްޤީގައި އިންޑިއާއާއެކު ކުރެވޭ މަސައްކަތްތަކާ ބެހޭ ގޮތުން ވާހަކަ ދައްކަމުންނެވެ.

އިންޑިއާގެ ކުރީގެ ފޮރިން ސެކްރެޓަރީ ވިޖޭ ގޮކާލް ރިޔާސަތު ބެލެހެއްޓެވި މި ބައްދަލުވުމުގައި މިނިސްޓަރ ޝާހިދުގެ އިތުރުން ބޫޓާންގެ ޚާރިޖީ ވަޒީރާއި އިންޑިއާގެ އެކްސްޓަރނަލް އެފެއާޒް މިނިސްޓްރީގެ އިކޮނޮމިކް ރިލޭޝަންސް ސެކްރެޓަރީ ބައިވެރިވެވަޑައިގަތެވެ.

މިބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ޝާހިދު ވަނީ މި ސަރުކާރު 2018 ވަނަ އަހަރު ވެރިކަމާ ހަވާލުވިފަހުން އިންޑިއާއިން ރާއްޖޭގެ ތަރައްގީއަށް ވެދެމުންދާ އެހީތަކަށް އަލިއަޅުވާލައްވާފައެވެ. އިންޑިއާއިން ދެއްވާ އެހީތައް މިނިސްޓަރ ޝާހިދު ސިފަކުރެއްވީ ދިވެހި ގާނޫނުތަކަށް ފެތޭ، ދެފުށް ފެންނަ އަދި ދިވެހިންގެ ބޭނުންތަކަށް ފެތޭ ގޮތަށް ފޯރުކޮށްދޭ އެހީތެރިކަމެއްގެ ގޮތުގައެވެ. ވަކިން ޚާއްސަކޮށް އިންޑިއާގެ އެހީގައި ކުރިއަށްގެންދާ ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމަންޓް ޕްރޮޖެކްޓްތައް މިނިސްޓަރ ފާހަގަކުރެއްވިއެވެ.

އިންޑިއާގެ "ނެއިބަރހޫޑް ފަސްޓް" އަދި "ސަގަރް" ސިޔާސަތުތަކަށް އަލިއަޅުވާލައްވަމުން، އިންޑިއާ ކަނޑުގެ ސަރަހައްދުގައި ސުލްހަ ދެމެހެއްޓުމުގައި އިންޑިއާގެ މުހިންމު ދައުރު މިނިސްޓަރ ޝާހިދުވަނީ ފާހަގަކުރައްވާފައެވެ. މޫސުމީ ބަދަލުތަކާއި ދެކޮޅަށް ބައިނަލްއަގުވާމީ ފެންވަރުގައި ކުރެވޭ މަޝްވަރާތަކުގައި އިންޓަނޭޝަނަލް ސޯލަރ އެލަޔަންސް އަދި ކޯލިޝަން ފޮރ ޑިޒާސްޓަރ ރެޒިލިއެންޓް އިންފްރާސްޓްރަކްޗަރ ފަދަ ބައިނަލްއަގުވާމީ ޕްލެޓްފޯމްތައް މެދުވެރިކޮށް އިންޑިއާއިން އިސް ރޯލެއް އަދާކުރުމަށް ދިވެހިރާއްޖެއިން ބޭނުންވާކަމަށް މިނިސްޓަރ ފާހަގަކުރެއްވިއެވެ.

އޭޝިއާ އިކޮނޮމިކް ޑައިލޮގްއަކީ އިންޑިއާގެ މިނިސްޓްރީ އޮފް އެކްސްޓަރނަލް އެފެއާޒްގެ ޖިއޯ-އިކޮނޮމިކްސް ކޮންފަރެންސްއެކެވެ. އަދި 2021 ގެ އޭޝީއާ އިކޮނޮމިކް ޑައިލޮގް ބާއްވަނީ އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީއާއި ޕޫނޭ އިންޓަނޭޝަނަލް ސެންޓަރާއި ގުޅިގެންނެވެ.

މިއީ މިޑައިލޮގް ބާއްވާ ފަސްވަނަ ފަހަރެވެ. އަދި ޕޫނޭ އިންޓަނޭޝަނަލްއިން އިންތިޒާމުކުރާ ދެވަނަ ފަހަރެވެ. މިބައްދަލުވުމުގެ އެންމެ މުހިންމު ބޭނުމަކީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯޑީގެ ޚާރިޖީ ސިޔާސަތާއި އިންޑިއާ ސަރުކާރުން "ނެއިބަރހުޑް ފަސްޓް" ސިޔާސަތުގެ ދަށުން ހިންގޭ ސިޔާސީ އަދި އިގްތިސާދީ ކަންކަމުގެ މައްޗަށް އަލިއަޅުވާލައި މަޝްވަރާކުރުމެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. މަސްކޮޅު

    ކީއްވެބާ ރަތްޔަތުންނައް ހާމަނުކޮއް ފޮރުވައިގެން ތި ތިއްބެވީ!

  2. ޒާ

    ތިޔަކަން ބަލާފަ ޝާހިދު ޖަލަށް ލާނީ އަންނަވެރިކަމުގަ. ތިކަން ޝާހިދު ބުނެދޭކަށް ނުޖެހޭ

  3. ބޯޑުދޮންބެ

    އެކަން މިހާރު ހަމަވަމުން އެދަނީ އިއްޔެގެ ނޫހުގައޮއް އަޓިކަލް އެއް ފެނުމުން ޕާކިސްތާނުން ނެރުނު ކަމައް ބުނާ ރިޕޯޓުން އަޑެއް ކިއިއްޔާ ރެނދެއްލާނޭ ބުނާ މިސާލަކުން

  4. ޖަނާޒާ

    ހިބަރު ވަދުގެ ދެފުށް ފެންނަފަދައިން ދެއްތޮ!

  5. ދެފުއްކެހެރި

    ދެފުށެއް ނުދައްކަ ރައއޔިތުނއނަކަށް. ނަށީދަށް އެކަނި ދައްކަނީ. ޢޭގެ އެްފުށުގަ އޮތީ އޭނަގެ ވެރިކަން ދިފާއުކޮށްދޭނެ ވާހަކަ. ޢަނެއްފުށުގައޮތީ ގައުމު ވިއްވާލި ވާހަކަ.