ރައްޔިތުންގެ މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒުގެ މައްޗަށް ގާނޫނު ތަންފީޒު ކުރާ މުވައްޒަފަކަށް ގަސްދުގައި ހުރަސް އެޅުމުގެ ދައުވާ ސާބިތުވެ އިއްވާފައިވާ ޖަލު ހުކުމް ދިވެހިރާއްޖޭގެ ސްޕްރީމް ކޯޓުގައި އިސްތިއުނާފް ކުރަން ހުށަހަޅައިފިއެވެ.

މިދިޔަ އަހަރުގެ މާރިޗު މަހުގެ ތެރޭގައި ޢަބްދުﷲ ރިޔާޒުގެ މައްޗަށް ގާނޫނު ތަންފީޒު ކުރާ މުވައްޒަފަކަށް ގަސްދުގައި ހުރަސް އެޅުމުގެ ދައުވާ ދައުލަތުން އުފުލާފައިވަނީ ފުލުހުންގެ ތަހުގީގަށް އޭނާގެ ފޯނުގެ ޕިން ޖަހައި ނުދިން މައްސަލާގައެވެ.

މި މައްސަލައިގައި ކްރިމިނަލް ކޯޓުން ހުކުމް ކުރީ ގާނޫނު ތަންފީޒު ކުރާ މުވައްޒަފަކަށް ގަސްދުގައި ހުރަސް އެޅުމުގެ ދައުވާ ރިޔާޒުގެ މައްޗަށް ސާބިތު ނުވާ ކަމަށެވެ. ނަމަވެސް ކްރިމިނަލް ކޯޓުގެ ހުކުމް ދައުލަތުން ހައި ކޯޓުގައި އިސްތިއުނާފު ކުރުމުން ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމެވީ ރިޔާޒުގެ މައްޗަށް މި ކުށް ސާބިތުވާތީ ހަތަރު މަހާއި 24 ދުވަހަށް ޖަލަށް ލުމަށެވެ.

މާފުށީ ޖަލުގެ ސްޕެޝަލް ޕްރޮޓެކްޝަން ޔުނިޓްގައި ބަންދުކޮށްފައި ހުންނެވި ކިނބިދޫ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒުގެ މައްޗަށް 2018 ފެބުރުވަރީ 1 ވަނަ ދުވަހުގެ ސްޕްރީމް ކޯޓުގެ ކޯޓު އަމުރާއި ގުޅިގެން ރަސްމީ ހައިސިއްޔަތުން ކުރަންޖެހޭ ކަމަކަށް ނުފޫޒު ފޯރުވުމުގެ ދައުވާ އުފުލާފައިވާއިރު، އެ މައްސަލައިގެ ޝަރީއަތް ނިމެންދެއް ބަންދު ކުރުމަށް ކޯޓުން ވަނީ އަމުރު ކޮށްފައެވެ.

މީގެ އިތުރުން އެކެއް ފެބުރުވަރީގެ އަމުރާއި ގުޅިގެން ރިޔާޒުގެ މައްޗަށް ނިރުބަވެރިކަމުގެ އަމަލެއް ކުރަން އުޅުމުގެ ދައުވާވެސް އުފުލާފައިވެއެވެ.