ހުސް ވައުދުން އެކަނި އައްޑޫ ތަރައްޤީވާނަމަ ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީއަށް މިހާރު އެކަން ކުރެވުނީސް ކަމަށް ކުރީގެ ނާއިބު ރައީސް އަދި އިދިކޮޅު ކޯލިޝަންގެ އެޑްވައިޒަރު ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެއެވެ.

އިންތިހާބާއި ކައިރިވާ ވަރަކަށް އައްޑޫގެ އެކި ހިސާބުތައް ތަރައްގީ ކުރާނެ ވާހަކައަކީ މިއީ އަބަދުވެސް އިވެމުން އަންނަ ވައުދުތަކެވެ. އެގޮތުން މިހާރުވެސް އައްޑޫގެ ތަރައްގީގެ ޕްރޮޖެކްޓްތަކުގެ ވާހަކަވެސް ދެކެވެން ވަނީ ފަށާފައެވެ.

މިފަދަ ވައުދުތަކެއްގެ ވާހަކަތައް ދައްކަމުންދާ ދަނޑިވަޅެއްގައި ޑރ. ޖަމީލް ކުރެއްވި ޓުވިޓެއްގައި ވިދާޅުވީ، ވައުދުން އެކަނި އައްޑޫ ތަރައްގީވާނަމަ އެމްޑީޕީ އަށް މިހާރު އޮންނާނީ އެކަން ކުރެވިފައި ކަމަށެވެ. އަދި ޖަމީލް ވަނީ އައްޑޫ ރައްޔިތުންގެ ވިސްނުން އެހާ ކޮށި ކަމަށް އެމްޑީޕީން އަދިވެސް ދެކެނީތޯ ސުވާލު ކުރައްވާފައެވެ.

ޖަމީލް ވިދާޅުވީ، އައްޑޫގެ ތަރައްޤީއަށް ސަރުކާރުން ގެންގުޅޭ ޕްލޭނަކީ ކާށިދޫއިން ކޮޕީ ކޮށްފައިވާ އެއްޗެއްތޯ ނުވަތަ ފިލިޕިންސް އިން ކޮޕީ ކޮށްފައިވާ ޕްލޭނެއްތޯވެސް ސުވާލު ކުރައްވާފައެވެ. އަދި އެފަދަ ގޮތަކަށް އެއްވެސް ރައްޔިތަކު ނިކަމެތިކޮށް ނުލުމަށް ޖަމީލް ވަނީ ގޮވާލާފައެވެ.

"ދިވެހި އެއްވެސް ރައްޔިތަކު ތިހާ ނިކަމެތި ކޮށްލާކަށް ނުވާނެ. އިންތިޚާބު ބޯމަތިވުމުން ރަންގަނޑަކަށް، އިންތިޚާބު ނިމުނުހާ އަވަހަކަށް ހިލަގަނޑަކަށް. މި ފަލްސަފާ ރައްޔިތުންނަށް މިހާރު މާ ބޮޑަށްވެސް އެނގޭ!" ޖަމީލް ވިދާޅުވިއެވެ.

އައްޑޫގައި މިހާރު ކުރިއަށް ގެންދިއުމަށް ހަމެޖެހިފައިވާ މަޝްރޫއުތަކުގައި އިންޑިއާގެ އެގްޒިމް ބޭންކާއި އެކު ސޮއިކޮށްފައިވަނީ މިމަހުގެ 21 ވަނަ ދުވަހުއެވެ.

މި އެއްބަސްވުމުގެ ދަށުން އައްޑޫގެ ފެން ހިންދުމުގެ މަޝްރޫއުގެ ތެރެއިން ފޭދޫ ފިޔަވައި އެހެން ހުރިހާ ރަށެއްގައި (ހިތަދޫ، މަރަދޫ، މަރަދޫފޭދޫ، ހުޅުދޫ އަދި މީދޫ) ޖުމްލަ 103 ކިލޯމީޓަރުގެ ފެން ހިންދާ ނިޒާމް ގާއިމުކުރުމަށް ވަނީ ހަމަޖެހިފައެވެ.

މީގެއިތުރުން މި ރަށްތައް ހިމެނޭގޮތަށް 40 ކިލޯ މީޓަރުގެ މަގުގައި ތާރު އެޅައި 60 ކިލޯމީޓަރުގެ މަގުގައި ސިމެންތި އެޅުމެއް ވަނީ ނިންމާފައެވެ. މީގެއިތުރުންވެސް މަގުބައްތި، ސީސީޓީވީ ކެމަރާ އަދި އެހެނިހެން ޓްރެފިކް ރައްކާތެރިކަމުގެ ފިޔަވަޅުތައް ޤާއިމްކުރެވޭނެކަމަށްވެސް ސަރުކާރުން ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ހެހެހ

    އައްޑޫ މިހުން ކިތައްމެ ދެރަވިޔަސް އައްޑޫ ތަރައްގީއެއް ނުވާނެ. ރާއްޖޭގެ ނިސްބަތުންބަލާއިރު ރާބޯމީހުން ގިނައީ އައްޑޫގައި. ރާ ފާޅުގައި ބޮވެން އޮތީ އެމްޑީޕީ ލާދީނީ ފިކުރަށް ބާރުދީގެން. އެހެންވީމަ މިފަހަރުވެސް އައްޑޫ މީހުން ވޯޓުދޭނީ ރާފުޅިއަށް.