މާލެ ސަރަހައްދުގައި ދިރިއުޅޭ 20 އަހަރުން މަތީގެ އެންމެންނަށް ކޮވިޑް-19 ވެކްސިން ދޭން މާދަމާ ފަށާނެ ކަމަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ވިދާޅުވެއްޖެ އެވެ.

މާލޭގައި ކުރިން ވެކްސިން ދެމުން އައިސްފައިވަނީ 25 އަހަރުން މަތީގެ މީހުންނަށާއި 18 އަހަރުން މަތީގެ މީހުންގެ ތެރެއިން ބޮޑެތި ބަލިތަކަށް ފަރުވާ ކުރަމުންދާ މީހުންނަށެވެ.

މާލެ އިން ކޮވިޑް-19 ވެކްސިން ދިނުން ކުރިއަށް ގެންދާނީ ސޯޝަލް ސެންޓަރާއި އިސްލާމީ މަރުކަޒު ގައެވެ. ވިލިމާލެ އިން ވިލިމާލޭ ޒުވާނުންގެ މަރުކަޒުގައި އަދި ހުޅުމާލެ އިން ހުޅުމާލޭ ވެކްސިނޭޝަން ސެންޓަރު (ކުރީގެ ފްލޫ ކްލިނިކް) ގައި ވެކްސިން ދިނުން ކުރިއަށް ދާނެއެވެ. މިސެންޓަރުތަކަށް ޒިޔާރަތް ކުރުމުން ވެކްސިން ޖެހުމުގެ އިންތިޒާމްތައް ހަމަޖެހޭނެއެވެ.

އެޗްޕީއޭގެ ތަފާސް ހިސާބުތަކަށް ބަލާއިރު، މިހާތަނަށް ރާއްޖެއިން ވެކްސިން ދިން މީހުންގެ އަދަދު ވަނީ 105،000 އަށް އަރާފައެވެ. އޭގެ ތެރެއިން 72،872 މީހުންނަކީ މާލެ ސަރަހައްދުން ދީފައިވާ މީހުންނެވެ. އަދި 32،620 މީހަކީ އަތޮޅުތެރޭގެ ރަށްތަކުން ވެކްސިން ދީފައިވާ މީހުންނެވެ.

ރާއްޖޭގައި މިހާރު ދެމުން ގެންދަނީ އިންޑިއާގެ ކުންފުންޏަކާއި އެސްޓްރަޒެނެކާ ގުޅިގެން އުފައްދާފައިވާ ކޮވިޑޝީލްޑް ވެކްސިނެވެ. މި ވެކްސިން ރާއްޖޭގައި ބޭނުން ކުރުމުގެ ހުއްދަ މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) ދީފައިވަނީ މިދިޔަ މަހުގެ 28 ވަނަ ދުވަހުއެވެ. އަދި ވެކްސިން ރާއްޖޭގައި ދޭން ފަށާފައިވަނީ މިމަހުގެ އެއްވަނަ ދުވަހުން ފެށިގެންނެވެ.