އިދިކޮޅު އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި އުޅުނު ކައުންސިލަރުންގެ މައްސަލަ ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ) އިން ބަލަން ފަށައިފިއެވެ.

ޕްރައިމަރީގައި ކައުންސިލަރުން ބައިވެރިވި ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް ބުނެ އެލްޖީއޭއިން ބައެއް ކައުންސިލްތަކަށް ސިޓީ ފޮނުވާފާއިރު އެ އޮތޯރިޓީން ވަނީ އެކަން ހިނގައިދިޔަ ގޮތުގެ ލިޔެކިޔުން ފޮނުވައިދިނުމަށް އެދިފައެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރީ ކުރީގެ ރައީސް މުހައްމަދު ނަޝީދެވެ. އެމަނިކުފާނަކީ ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމަށް ކުރިމަތިލުމުގެ ޝަރުތު ހަމަނުވާ ބޭފުޅަކަށް ވާތީ އެމަނިކުފާނު ބައިވެރިކޮށްގެން ރިޔާސީ ޕްރައިމަރީ ކުރިއަށް ނުގެންދަން އިލެކްޝަންސް ކޮމިޝަނުން އޮތީ ކުރިން ވެސް އެމްޑީޕީ އަށް އަންގާފައެވެ.

އަދި ޕްރައިމަރީ ކުރިއަށް ނުގެންދަން ސިވިލް ކޯޓުން އަމުރެއް ވެސް ކުރިއެވެ. އެއަމުރުގެ ދަށުން ފުލުހުން ވަނީ އެމްޑީޕީގެ ވޯޓް ފޮށިތައް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.

ނަމަވެސް އެމްޑީޕީ އިން ބުނީ 43922 ވޯޓް ލިބުނު ކަމަށެވެ. ޕްރައިމަރީގައި ވޯޓް ލުން ކުރިއަށް ގެންދިޔަ ގޮތައް ވަނީ ވަރަށް ބޮޑަށް ފާޑުކިޔުން އަމާޒުވެފައެވެ. އަދި ވޯޓްގެ ނަތީޖާ އޮޅުވާލާ، ވޯޓްލީ ހަޤީޤީ އަދަދަށްވުރެ މާގިނަ މީހުން ވޯޓްލި ކަމަށް ނަތީޖާ އިން ދައްކާ ކަމަށް ބުނެ ވެސް ބައެއް ފަރާތްތަކުން ދަނީ ފާޑުކިޔަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ރައްޔިތުން

    ރަށެއްގައި އެމް.ޑީ.ޕީ ކައުންސިލަރަކު ހުރިނަމަ އެހުރިހާ މީހުން ތިޔަ ކަމުގައި އުޅުނު ފިޔަވަޅުއަޅާ ކަމުގައި ވާނަމަ އެންމެން ހަމަހަމަ ކުރަންޖެހޭނެ