ކޮވިޑް-19 އަށް ވެކްސިން ދިން ފަހުން ރާއްޖޭގައި މިހާތަނަށް 19 މީހަކަށް ހޮސްޕިޓަލްގައި ފަރުވާދޭން ޖެހުނު ކަމަށް ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕް އޮން އިމިއުނިޝަންގެ ޗެއާޕާސަން ޑރ.އަހުމަދު ފައިސަލް ވިދާޅުވެއްޖެއެވެ.

އެޗްއީއޯސީ އިން ބާއްވަމުން ގެންދާ ނޫސްވެރިންގެ ބައްދަލުވުމެއްގައި ޑރ.ފައިސަލް ވިދާޅުވީ ރާއްޖޭގައި ވެކްސިން ޖެހި އެއްވެސް މީހެއްގެ ހާލު ސީރިއަސް ވުމުގެ މައްސަލައެއް މިހާތަނަށް ކުރިމަތިނުވާ ކަމަށެވެ. މިހާތަނަށް ވެކްސިން ދިން މީހުންގެ ތެރެއިން ހޮސްޕިޓަލްގައި ބައެއް މީހުންނަށް ފަރުވާދޭން ޖެހުނީ އަނބުރައިގަތުން ފަދަ ކަންކަން ދިމާވެގެން ކަމަށް ޑރ.ފައިސަލް ވިދާޅުވިއެވެ.

ފައިސަލް ވިދާޅުވީ ކޮވިޑް ވެކްސިން ދިނުމުގެ ސަބަބުން ވެކްސިންގައި ހިމެނޭ "ވައިރަސް" އެހެން މީހެއްގެ ގަޔަށް ވާސިލްވުމުގެ ފުރުސަތެއް ނެތް ކަމަށެވެ.

ރާއްޖެއިން ކޮވިޑް ވެކްސިން ޖެހި މީހުންގެ އަދަދު މިހާރު ލައްކައަކަށް ވުރެ ގިނައެވެ.

ޑރ.ފައިސަލް ވިދާޅުވީ ވެކްސިންގެ ފުރަތަމަ ޑޯޒް މިހާރު ގިނަ ބަޔަކަށް ދެވިފައި ވީނަމަވެސް "އަދި މިއީ އުފާފާޅުކުރަންވީ ވަގުތެއް ނޫން." ކަމަށެވެ. އޭނާ ވިދާޅުވީ ވެކްސިންގެ ފުރަތަމަ ޑޯޒް ދިނުމަށް ފަހު ދިފާއީ ނިޒާމް ބައްޔާއި ދެކޮޅަށް މަސައްކަތް ކުރަން ދެހަފްތާ ދުވަހުގެ މުއްދަތެއް ނަގާ ކަމަށެވެ. އަދި ބަލިން ރައްކާތެރިވުމުގެ %80 ފުރުސަތެއް އޮންނަނީ ދެވަނަ ޑޯޒް ފުރިހަމަ ކުރުމުންކަން ވެސް ޑރ.ފައިސަލް ފާހަގަ ކުރެއްވެވިއެވެ.

ކޮވިޑް-19 ވެކްސިން ރާއްޖޭގައި ޖަހަން ފެށީ ފެބްރުއަރީ މަހުގެ 01 ވަނަ ދުވަހު އެވެ. މިހާތަނަށް ވެކްސިން ޖެހި މީހުންގެ އަދަދު ލައްކައަކަށްވުރެ ގިނަވެފައި ވީނަމަވެސް އަދި ރާއްޖޭގެ ހާލަތު ރަނގަޅުވަމުން އަންނަ މަންޒަރެއް ނުފެނެއެވެ. ކޮވިޑް ވެކްސިންގެ ދެވަނަ ޑޯޒް ރާއްޖޭގައި ދޭން ފަށާނީ އަންނަ އޭޕްރީލް މަހު އެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޖ

    އަހަރެން ވެސް ވަރަށް ބަލިވި. އެކަމަކު ނުދަން ހޮސްޕިޓަލަކަށް. ދިޔަނަމަ އެޑްމިޓް ކުރީސް ކަންނޭގެ.