ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީގެ މިނިސްޓްރީގެ ދަށުން ހިންގާ ކޮމިއުނިކޭޝަން އޮތޯރިޓީ އޮފް މޯލްޑިވްސް (ކޭމް) ގެ އިދާރީ ކަންކަމާ ނުބެހޭނެ ކަމަށާއި އެކަންކަމުގެ ތެރެއަށް ގާނޫނު ލާޒިމް ނުކުރާ ހިނދަކު ނުވަންނަވާނެ ކަމަށް މިނިސްޓަރު މުހައްމަދު މަލީހް ޖަމާލް ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މަލީހުގެ އިތުބާރު ނެތްކަމަށް މަޖިލީހަށް ހުށައަޅާފައިވާ މައްސަލާގައި، ޖަވާބުދާރީވުމަށް ދެއްވި ފުރުސަތުގައި މަލީހު ވިދާޅުވީ ކޭމްގެ ގާނޫނާއި ޓެލެކޮމިޔުނިކޭޝަންގެ ގާނޫނުު އިސްލާހު ނުކުރާ ހިނދަކު ކިތަންމެ ގިނަ މެމްބަރުންނެއް އެދުނު ކަމުގައިވީ ނަމަވެސް އެ އިދާރީ ހިންގުމާއި ނުބެހޭނެ ކަމަށެވެ. އަދި އެކަން އެގޮތަށް ކޮށްފިނަމަ އެ ކުރެވެނީ ގާނޫނާއި ގަވާއިދާއި ހިލާފް އަމަލެއް ކަމުގައި ފާހަގަކުރެއްވިއެވެ.

"މި އިއްޒަތްތެރި މަޖިލީހުން ކޮމިޔުނިކޭޝަން އޮތޯރިޓީ އޮފް މޯލްޑިވްސްގެ ގާނޫނާ، ޓެލެކޮމިޔުނިކޭޝަންގެ ގާނޫނު އިސްލާހު ނުކުރާހާ ހިނދަކު، ބައެއް އިއްޒަތްތެރި މެމްބަރުން ކިތަންމެ ވަރަކަށް ވިދާޅުވި ނަމަވެސް އަޅުގަނޑު ކޭމްގެ އިދާރީ ހިންގުމަކާ ނުބެހޭނަން. އެކަން އެގޮތަށް ކޮށްފިނަމަ އެވާނީ ގާނޫންތަކާއި ހިލާފް އަލްޓްރާ ވައިލަންސްގެ އަމަލަކަށް. އެކަން އަޅުގަނޑު ނުކުރާނަން" މަލީހް ވިދާޅުވިއެވެ.

މަލީހް މިނިސްޓަރު ކަމުން ވަކިކުރުމަށް އެމްޑީޕީން ހުށައެޅި ގަރާރުގައި ވަނީ ސަރުކާރަށް ދެ އަހަރު ފުރޭއިރު، ޓެެލެކޮމިއުނިކޭޝަން ގާނޫނުގެ ދަށުން ހަދަން ޖެހޭ އެއްވެސް ގަވައިދެއް ނުހެދުމާއި ޓެލެކޮމް ސިނާއަތު ފުރިހަމައަށް ރެގިއުލޭޓްކޮށް ހިންގުމަށް ކޮންމެހެން ބޭނުންވާ ގަވައިދުތައް ނުހެދި ލަސްވެގެންދާ ކޮންމެ ދުވަހަކު ދައުލަތަށާއި ރައްޔިތުންނަށް ގެއްލުންވަމުންދާ ކަމަށެވެ. މި ގޮތުން ގާނޫނުގައި އޮންނަ ޓެލެކޮމް އޮތޯރިޓީގެ ޒިންމާތަކާއި އެ އޮތޯރިޓީ ހިންގުމާއި މުއާސަލާތީ ޚިދުމަތްތައް ރެގިއުލޭޓް ކުރުމުގައި އެ އޮތޯރިޓީ އޮންނަ މިނިސްޓްރީ ހިންގަވާ މިނިސްޓަރުގެ ޒިންމާ އެ މެންބަރުން ފާހަގަކުރައްވައެވެ.

ނަމަވެސް މަލީހް ވަނީ އެ ވާހަކަތައް ދޮގު ކުރައްވާފައެވެ. އަދި އޭނާ މަގާމުން ވަކިކުރުމަށް އެމްޑީޕީގ ބައެއްެ މެމްބަރުން ނިންމީ ސަރުކާރާއި މަޖިލީހުގެ ބައެއް މެންބަރުންނާ ދެމެދު އޮތް ކޯޅުމެއްގެ ތެރެއިން ކަމަށް ވިދާޅުވިއެވެ. އަދި އެ ކޯޅުމުގެ ތެރެއިން ހަނގުރާމައިގެ މައިދާނަކަށް ވަޒީރުން ނުހެއްދެވުމަށްވެސް ގޮވާލެއްވިއެވެ.

މަލީހްގެ އިތުބާރު ނެތް މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވީ ވެރިކަން ކުރާ މައި ޕާޓީ، އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އަލީ އާޒިމް އިސްވެ ހުންނަވައި އެ ޕާޓީގެ 14 މެންބަރުންގެ ސޮޔާއެކުގައެވެ.

މަލީހުގެ އިތުބާރު ނެތްކަމުގެ މައްސަލައަށް އޭނާ ޖަވާބުދާރީވުމަށް ތިން ފުރުސަތު އެރުވުމަށް ވަނީ ނިންމާފައެވެ. އެއީ އެ މައްސަލައިގެ ބަހުސް ފެށްޓެވުމުގެ ގޮތުން ދެއްވާ 10 މިނެޓްގެ ފުރުސަތަކާއި، ބަހުސްގެ މެދުތެރެއިން ދެއްވާ 10 މިނެޓްގެ ފުރުސަތެއްގެ އިތުރުން ބަހުސް ނިންމެވުމުގެ ގޮތުން ދެއްވާ 10 މިނެޓްގެ ފުރުސތެކެވެ. ދެ ގަޑިއިރަށް ދިގުދެމިގެންދާ މި ބަހުސްގެ ތެރެއިން މިނިސްޓަރަށް ޖަވާބު ދާރީ ވުމަށް ޖުމަލް 30 މިނެޓު ލިބިވަޑައިގަންނަވާނެއެވެ.

މަލީހް މަގާމުން ދުރުކުރުމަށް އެމްޑީޕީ އިން ވަނީ ތްރީލައިން ވިޕެއް ނެރެފައެވެ. އެހެންކަމުން އެމްޑީޕީގެ ގިނަ އަދަދެއްގެ މެންބަރުން ވިޕާއި ހިލާފު ނުވެއްޖެނަމަ މަލީހް މަގާމުން ދުރުކުރެވޭނެއެވެ. ވަޒީރަކު މަގާމުން ދުރުކުރަން ބޭނުން ވަނީ 43 މެންބަރުންގެ ވޯޓެވެ. މިއަދު އެ މައްސަލާގައި ވޯޓް ނެގުންވެސް އޮންނާނެއެވެ.

 

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އަނިލް

    މިހާރު ކަލޭއަށް ހުންނާނި ރާކަނިމަސް ކެވިފައި ތިމާހިތުން ޔާމިނު ސަރުކާރު ގޯހޭކިޔާއިގެން ލާދީނީ ބައިގަޑާ، ވަގުންނާ ގުޅުނީމާ ތިޔޮތީ ބޭރު ކޮއްލާފައި ދެން މިތިބަ ބުރުމާ، މައުމޫނު އިމްރާނު ބުނޭ އަދުވެސް ކޯލިސަން އޮތީ ވަރަށް ބަދަހީކޮށޭ
    އެދަނީ ފަހަރަކު މީހަކު ކަޑާ ބޭރުކުރަމުން މިހާރު ތިއޮތީ ކޯލިސަނު ބޭރުވެފައި ނަމެއްގައި ތި ތިބީ ލާރިގަޑާ،މަގާމުގެ ދަހިވެތި ކަމުގައި އަދިވެސް ވަގުތު ފައިތުނުވަނީސް ހޭވެރިވާންވެއްޖެ.

  2. ހެހެހެ

    މީ އަންނި ގެ ކުދިންކޮޅެއް އުޅޭނެ ރައީސް އޮފީހުގެ ކޮމިއުނިކޭޝަން ބައިގާ އެތަނުން ސޮރެއް ނެރެން ރެޑީކޮއްފަ ހުރީ މިނިސްޓަރަކަށް ވިސްވިސްނާ ވިސްނާ