ފެނުގެ ވިއުގަ މިރޭ މަރާމާތުކުރާ ސަރަހައްދުން މިރޭ ފެނުގެ ޕްރެޝަރު ދަށްވެދާނެ ކަމަށް މާލޭ ވޯޓާ އެންޑް ސެވަރޭޖް ކޮމްޕެނީ ލިމިޓެޑް (އެމްޑަބްލިއުއެސްސީ) އިން ބުނެފި އެވެ.

އެމްޑަބްލިއުއެސްސީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ޕްލޭން ކުރެވިގެން މާލޭގެ ފެނުގެ ވިޔުގައިގެ މަރާމާތުގެ މަސައްކަތެއް ކުރުމަށް ހަމަޖެހިފައިވާތީ، މިރޭ 11:00 އިން 03:00 އަށް މަރާމާތުގެ މަސައްކަތް ކުރުމަށް ހަމަޖެހިފައިވާ ސަރަހައްދުން ފެނުގެ ޕްރެޝަރު ދަށް ވުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ.

އެ މަސައްކަތް ކުރިއަށްދާ ވަގުތުގައި އަމީނީމަގާއި މޫންލައިޓް ހިނގުމުގައި ހިމެނޭ ބްލޮކް ނަންބަރު 25 އަދި އަމީނީމަގާއި ރަތްވިލާ ހިނގުމުގައި ހިމެނޭ ބްލޮކް ނަންބަރު 54 އާއި އަމީނީމަގާއި ޖަނަވަރީ ހިނގުމުގައި ހިމެނޭ ބްލޮކް ނަންބަރު 55 އާއި އަމީނީމަގާއި އިރުދޭމާ ހިނގުމުގައި ހިމެނޭ ބްލޮކް ނަންބަރު 55ގެ ފެނުގެ ނިޒާމުގެ ޕްރެޝަރު ދަށްވުމަކީ އެކަށީގެންވާ ކަމެއް ކަމަށް އެމްޑަބްލިއުއެސްސީން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.

މިކަމުގެ ސަބަބުން ކަސްޓަމަރުންނަށް ދިމާވެދާނެ ދަތިތަކަށް ނިހާޔަތަށް މައާފަށް އެދޭ ކަމަށް އެމްޑަބްލިޔުއެސްސީން ވިދާޅުވިއެވެ.

މި ސަރަހައްދުގެ ފެނުގެ ވިޔުގަ މަރާމާތު ކުރުމަށް ރޭގެ ވަގުތެއްގައި މި ސަރަހައްދުން ފެން ކަނޑާލާނެ ކަމަށް އިއްޔެ އެމްޑަބްލިޔުއެސްސީން ވިދާޅުވި ނަމަވެސް ރޭ ކުރުމަށް ރޭވި މަސައްކަތް ނުކުރާތީ ރޭ އެ ސަރަހައްދުން ފެން ކަނޑާލާފައެއް ނުވެއެވެ.

ފެނުގެ ވިއުގައިގެ މަސައްކަތެއް ކުރުމަށް މިދިޔަ މަހުގެ ކުރީކޮޅު ވެސް މާލޭގެ ބައެއް ސަރަހައްދުތަކުން ފެނުގެ ހިދުމަތް މެދުކަނޑާލާފައިވެއެވެ.