ކުރީގެ ރައީސް އަލްއުސްތާޛު މަޢުމޫން އަބްދުލްޤައްޔޫމްގެ ވަކީލު މަޢުމޫން ހަމީދުގެ ބަޔާން ނެގުން މާދަމާ މެންދުރުފަހު 01:00 އަށް ފުލުހުން ފަސްކޮށްދީފައިވާ ކަމަށް މަޢުމޫން ހަމީދު ވިދާޅުވެއްޖެއެވެ.

މަޢުމޫން ހަމީދު ދާދި ދެންމެ ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ އޭނާ އެދިލެއްވި ގޮތަށް މިއަދުގެ ދުވާލުގެ ވަގުތުގައި ބަޔާން ނެގުމުގެ އިންތިޒާމް ފުލުހުން ހަމަޖައްސައިދީފައި ނުވި ނަމަވެސް، ބަޔާން ނެގުން މާދަމާ މެންދުރުފަހު 01:00 އަށް ފަސް ކޮށްދީފައިވާ ކަމަށެވެ. އަދި ކުރިން ހަމަޖެހިފައިވާ ގޮތަށް މިރޭ 22:00 ގައި ބަޔާން ނުނަގަން ނިންމާފައިވާތީ މަޢުމޫން ހަމީދު ވަނީ ފުލުހުންނަށް ޝުކުރު އަދާކުރައްވާފައެވެ.

މިރޭ 22:00 އަށް ފުލުހަށް ހާޒިރުވާން މަޢުމޫން ހަމީދަށް ޗިޓް ފޮނުވާފައި ވަނިކޮށް، އޭގެ 12 ގަޑިއިރު ކުރިން މިއަދު ހެނދުނު 10:00 ގައި މަޢުމޫން ހަމީދު ވަނީ ފުލުހަށް ހާޒިރުވެ އޭނާގެ ބަޔާން ނަގައިދިނުމަށް އެދިފައެވެ. ނަމަވެސް އެވަގުތު މަޢުމޫން ހަމީދުގެ ބަޔާން ނެގުމަށް ފުލުހުން ތައްޔާރު ނުވާތީ ފުލުހުން ތައްޔާރު ވުމަށް 3 ގަޑިއިރު ދިނުމަށްފަހު މިއަދު މެންދުރުފަހު 01:00 އަށް މަޢުމޫން ހަމީދު ވަނީ ފުލުހަށް ހާޒިރުވެފައެވެ.

މަޢޫމޫން ހަމީދު ފުލުހަށް ހާޒިރު ކުރަނީ، މިދިޔަ ފެބްރުއަރީ މަހުގެ 13 ވަނަ ދުވަހުގެ ވަގުތެއްގައި ނޫސްވެރިންނާއި ބައްދަލްކޮށް ދެއްވި އިންޓަވިއުއެއްގައި، ފުލުހުން ތަހުގީގުކުރަމުން އަންނަ މައްސަލައަކާއި ގުޅިގެން ހޯދާފައިވާ ހެއްކާއި ބެހޭގޮތުން ދޮގު މައުލޫމާތުތަކެއް މައުމޫން ހަމީދު ދީފައިވާ މައްސަލައަކާއި ގުޅިގެންނެވެ.

މައުމޫން ހަމީދު ފުލުހަށް ހާޒިރުވާން އެންގިއިރު އޭނާ އަންނަނީ މިފަހަކަށް އައިސް ސަރުކާރަށް ވަރަށް ބޮޑަށް ފާޑުކިޔައި، ކޯޓުތަކާއި ހިނގަމުންދާ ބައެއް މައްސަލަތަކުގައި ހުރި ދެކޮޅުނުޖެހޭ ކަންކަން މީޑިޔާގައި ހިއްސާކުރައްވަމުންނެވެ. މައުމޫން ހަމީދުގެ އިތުރުން ވެސް ޝަރުއީ ކޯޓުތަކުގައި ހިނގާ މައްސަލަތަކުގެ މަޢުލޫމާތު މީޑިއާ އާ ހިއްޞާކުރައްވާ ބައެއް ޤާނޫނީ ވަކީލުންވެސް ފުލުހަށާއި ކޯޓުތަކަށް ހާޒިރުކޮށް ބަޔާން ނަގާފައިވާކަން ފާހަގަކޮށްލެވެއެވެ.