ހއ. ބާރަށުން ނުވަ މީހެއް ކޮވިޑް-19 އަށް ފައްސިވުމާއި ގުޅިގެން އެރަށަށް އަރާ ފޭބުން މަނާ ކޮށްފިއެވެ.

ބާރަށަށް އަރާ ފޭބުން މަނާ ކޮށްފައިވާ ކަން ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ކައުންސިލަށް އަންގާފައިވާ ކަމަށް އެރަށު ކައުންސިލްގެ ނައިބު ރައީސް އަލީ ޝަމީމް ވަނީ "ވަގުތު" އަށް ވިދާޅުވެފައެވެ.

ޝަމީމް ވިދާޅުވީ، އެރަށަށް އަރާ ފޭބުން މަނާ ކޮށްފައިވަނީ ފައްސިވެފައިވާ މީހުންނާއި ދިމާވެފައިވާ މީހުންގެ ކޮންޓެކްޓް ޓްރޭސިން ހަދައި ނިމެންދެކަށް ކަމަށެވެ.

"މިވަގުތު އަންނަނީ ކޮންޓެކްޓް ޓްރޭސިން ހަދަމުން. ސީދާ ކިހާ މީހުންނަކާއިތޯ ދިމާވެފައިވަނީ އަދި ބުނެދޭން ނޭނގޭ" ޝަމީމް ވިދާޅުވިއެވެ.

ބާރަށުން ކޮވިޑް-19 އަށް ފައްސިވެފައިވަނީ ހޯމް ކަރަންޓީނުގައި ތިބި ނުވަ މީހެކެވެ. އެ ނުވަ މީހުންގެ ތެރޭގައި އުމުރުން 70 އަހަރުގެ ހައިރިސްކް މީހެއް ހިމެނޭއެވެ. ޝަމީމް ވިދާޅުވި ގޮތުގައި އެ މީހުން ބަޔަށް ހުށަހެޅިފައިވާކަން ދެނިގަނެވުނީ ކަރަންޓީނުގެ މުއްދަތު ހަމަކުރުމަށްފަހު ނެގުނު ސުންކުންނެވެ.

ރާއްޖޭގެ ކޮވިޑްގެ ހާލަތު ގޯސްވެ، މާލެ ސަރަހައްދުގެ އިތުރުން އަތޮޅުތަކުން ވެސް އަންނަނީ މި ބަލީގެ ވޭދަނަތައް ފެންނަމުންނެވެ. އެގޮތުން އިތުރު 196 މީހަކު އިއްޔެވެސް ކޮވިޑަށް ފައްސިވެފައިވާއިރު ރާއްޖެ އިން މި ބައްޔަށް ފައްސިވި މީހުންގެ ޖުމްލަ އަދަދު ވަނީ 19،793 އަށް އަރައިފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޙުސޭނު

    ކަރަންޓީނުގައި ތިބޭ މީހުންނާއި ދިމާވޭތަ. ކޮބާ އެޗްޕީއޭ، ކޮބާ ޕޮލިސް، ކޮބާ ކައުންސިލް. ކަރަންޓީނުގަ ތިބި މީހުންނާއި ބަޔަކު ދިމާވަންޏާ ވާނީ ހުރިހާ ގަވާޢިދަކާ އުޞޫލަކާ ޚިލާފަށް. އެ ޚިލާފު ވީ މީހުން 6 މަސްދުވަހަށް ޖަލުގަ ހައްޔަރުކޮށް ފަހަތަށް ހަތަރެސްފައި ބިޑި އަޅުވަން ޖެހޭ.

    1
    1