އައި.ޔޫ.އެމް.އެސް.ޔޫއިން އިންތިޒާމްކޮށްގެން މިއަހަރުގެ ރަމަޟާންމަހު ބޭއްވުމަށް ހަމަޖެހިފައިވާ ޤުރުއާން މުބާރާތުގެ ޓައިޓަލް ސްޕޮންސަރގެ ގޮތުގައި ފަހިޕޭ އާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

މި އެއްބަސްވުމުގެ ދަށުން މީގެ ފަހުން ޤުރުއާން މުބާރާތުގެ ނަމަކަށްވާނީ ފަހިޕޭ އައި.ޔޫ.އެމް.އެސް.ޔޫ ޤުރުއާން މުބާރާތް 1442 އެވެ.

މި މުބާރާތް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ ތިން ޢުމުރުފުރާއަކަށް ބަހާލައިގެންނެވެ. އޮންލައިންކޮށް ކުރިއަށްގެންދާ މި މުބާރާތުގައި ބައިވެރިވެވޭ ކެޓެގަރީތަކަކީ، 10 އަހަރުން ދަށް، 10 އަހަރާއި 18 އަހަރާއި ދެމެދު އަދި 18 އަހަރުން މަތި، މި ތިން ކެޓެގަރީއެވެ.

މި މުބާރާތުގައި ކޮންމެ ކެޓެގަރީއަކުން އެއްވަނަ ދެވަނަ ތިންވަނަ، އަދި މުޅި މުބާރާތުން އެއްވަނަ ދެވަނަ އަދި ތިންވަނަ ހޮވުމަށް ވަނީ ހަމަޖެހިފައެވެ.

ކޮންމެ ދިވެހި ރައްޔިތަކަށްވެސް ބައިވެރިވެވޭ މި މުބާރާތުގައި ވީޑިއޯތައް ހުށަހެޅުމަށް ހަމަޖެހިފައިވަނީ ކޮންމެ ޢުމުރުފުރާއަކަށްވެސް އެ ޢުމުރުފުރާއަކަށް ކަނޑައެޅިފައިވާ ދުވަސްތަކުގައެވެ. މި މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު މުބާރާތުގެ ޤަވާއިދާއި އެކު ހުޅުވާލެވޭނެއެވެ.

މި މުބާރާތާއި ގުޅޭ ގޮތުން އައި.ޔޫ.އެމް.އެސް.ޔޫގެ ރައީސް ބަހާއުﷲ އިބްރާހީމް ވިދާޅުވި ގޮތުގައި މި މުބާރާތުގެ މަޤުޞަދަކީ ދިވެހިރާއްޖެއާއި ދިވެހިރާއްޖެއިން ބޭރުގައި ދިރިއުޅުއްވާ ފަރާތްތަކަށް ޤުރްއާން މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ދީ، ދިވެހިންގެ ހިތްތަކުގައި ޤުރްއާނަށް ލޯބި ޖައްސައި ކީރިތި ޤުރްއާން ރީތިކޮށް ކިޔެވުމުގެ މައިދާނުގައި ދިވެހިންގެ މެދުގައި ވާދަވެރިކަން އުފެއްދުމެވެ.