ރިޔާސީ ނިޒާމެއްގައި ވަޒީރުން ވަކި ކުރުމުގެ ބާރު ރައްޔިތުންގެ މަޖިލީހަށް ނޯންނަ ކަމަށާއި އެ ބާރަކީ ރައީސަށް އޮންނަ ބާރެއް ކަމަށް ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ ވިދާޅުވެއްޖެއެވެ.

ޑރ. އަހުމަދު އަބްދުﷲ ދީދީ އެގޮތަށް ވިދާޅުވެ ޓްވީޓެއް ކުރެއްވީ، ކޮމިއުނިކޭޝަން މިނިސްޓަރު މުހައްމަދު މަލީހް ޖަމާލްގެ އިތުބާރު ނެތް ކަމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށް އޭނާ މަގާމުން ވަކިކޮށްފައި ވަނިކޮށެވެ. އަދި ވަގުތީ ގޮތުން ކޮމިއުނިކޭޝަން މިނިސްޓްރީ ހިންގެވުން އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލްއަށް ހަވާލު ކުރައްވާފައި ވަނިކޮށެވެ.

"ވަޒީރެއްގެ އިތުބާރު ނެތުމުން މަގާމުން ވަކި ކުރުމަކީ ރިޔާސީ ނިޒާމެއްގައި ރައީސުލްޖުމްހޫރިއްޔާ އަށް ލިބިގެންވާ ބާރެއް، މަޖިލީހުގެ އިހްތިސާސެއް ނޫން. އެހެނީ ވަޒީރުންނަކީ ޕާލަމެންޓަރީ މެޖޯރިޓީއަކުން އުފަންވާ ބައެއް ނޫން،" ޑރ. އަހުމަދު އަބްދުﷲ ދީދީގެ ލިޔުއްވާފައިވެއެވެ.

ޖުމްހޫރީ ޕާޓީގެ ސްލޮޓެއްގައި ހުންނެވި މިނިސްޓަރު މަލީހްގެ އިތުބާރު ނެތް ކަމަށް ފާސްކުރީ 59 މެންބަރުންގެ ވޯޓުންނެވެ. އިތުބާރު އޮތް ކަމަށް ވޯޓު ދެއްވީ އެންމެ މެންބަރެކެވެ. ވަކި ގޮތަކަށް ވޯޓު ނުދެއްވާ ހަތަރު މެންބަރުން ތިއްބެވިއެވެ.

އެންމެ ފުރަތަމަ މަލީހްގެ އިތުބާރު ނެތް ކަމަށް ނިންމީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި، މަޖިލީހުގެ ސުޕަ މެޖޯރިޓީ އޮތް އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްންނެވެ. އޭރު ފާސްކުރީ މަލީހްގެ އިތުބާރު ނެތް ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހްއަށް ދެންނެވުމަށެވެ.

އޭގެ ފަހުން ދެ މަހަށް ވުރެ ގިނަ ދުވަސް ވެގެން ދިޔައިރު ވެސް މަލީހް މަގާމުގައި ހުންނެވުމުން މަޖިލީހަށް އޭނާގެ އިތުބާރު ނެތް މައްސަލަ ހުށަހެޅުއްވީ ޕާޓީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އަލީ އާޒިމް އިސްވެ ހުންނަވައި 14 މެންބަރުންގެ ސޮޔާއެކުގައެވެ.

ގާނޫނުއަސާސީގައި އޮންނަ ގޮތުން ވަޒީރެއްގެ އިތުބާރު ނެތް ކަމުގެ ވޯޓު މަޖިލިހަށް ވެއްދޭނީ 10 މެމްބަރުންގެ ސޮއި ލިބިގެންނެވެ. ވަޒީރުގެ އިތުބާރު ނެތް ކަމަށް ފާސްވާނީ 44 މެންބަރުންގެ ވޯޓު ލިބިގެންނެވެ.

މަލީހަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ޔޫތު މިނިސްޓަރުގެ މަގާމު ވެސް ފުރުއްވި ބޭފުޅެކެވެ. އެކަމަކު އެ ސަރުކާރު ހިނގަމުން ދިޔަ ގޮތާ މެދު ހިތްހަމަޖެހިވަޑައިނުގެން އޭރުގެ އިދިކޮޅު ފަރާތްތަކާ ގުޅިވަޑައިގެން މި ސަރުކާރު ގެނައުމަށް މަލީހް ވެސް ގިނަ މަސައްކަތްތަކެއް ކުރެއްވިއެވެ. މި ގޮތުން އޭރު ގުޅިފައިވާ ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީއާ ގުޅިވަޑައިގަތެވެ. ވަޒީރު ކަމަށް ވަޑައިގަތީ އެ ޕާޓީގެ ސްލޮޓެއްގައެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

 1. ަސދަސ

  މިކަލޭގެއަށްވެސް ލިބުނު ބާރު ބޭނުންކުރީ އަމިއްލަ ދިފާއުގައި. އެއިރެއްގައި ހުންނަ ރައީސަކު ބޭނުންވާގޮތަށް ކަންކަން ކުރާ ބަޔަކު ކަމަކުނުދާނެ

  5
  5
 2. މޮޑަން

  ހުރިހާކަމެއް މޮޅަށްދަންނަ އަޑޫ އަބުދުއްލާހިދީދީ

  3
  5
 3. ހޯލި

  ރާއްޖޭގެ އުއްތަމަ ފަޑިޔާރުކަން ކުރި މީހެކޭ ބުނަންވެސް ލަދުގަނެއެވެ. ގާނުނު އަސާސީގަ ވަކިކަމެއް ވަކިގޮތަކަށް ކުރަން އޮތީމަ އޭގެ މަށް ޗަށް ބަސްކިއުމެއް ނޯވެއެވެ.

  4
  7
 4. އއއ

  ދޮންބިލެއް މެން ލައިގެން އެހެން ކަމެއް ކުރަން ވީ ކީއްކުރާނީ ދިވެހިރައްޔިތުން ހޮވާފައި ތިބޭ މީހުން ދާއިރާ ތަކަށް .

  1
  1
 5. ހަމަބުއްދި

  ގާނޫނުއަސާސީގައި އޮންނަ ގޮތުން ވަޒީރެއްގެ އިތުބާރު ނެތް ކަމުގެ ވޯޓު މަޖިލިހަށް ވެއްދޭނީ 10 މެމްބަރުންގެ ސޮއި ލިބިގެންނެވެ. ވަޒީރުގެ އިތުބާރު ނެތް ކަމަށް ފާސްވާނީ 44 މެންބަރުންގެ ވޯޓު ލިބިގެންކަަމަށް ޤާނޫނު އަސާސީގައި އެހެން ލިޔެފައިވަނިކޮށް، ޤާނޫނާ ޚިލާފަށް ދޭހަވާގޮތަށް ޑީޑީއަށް އެހެންބުނުމުން ޤާނޫނު ނޭގޭކަން ދޭހަވެގެންދޭ. އެއްޗެއް ބުނުމުގެ ކުރިން ރަގަށް ވިސްނާލުން ރަގަޅު.

 6. ޙޮސޭން

  ޢަހުމަދު އަބުދުލާ ދީދީ ތައުލީމީ ގާބިލް ބޭފުޅެއް.

 7. ފަރުހާނު

  ރާއްޖޭގެ ހުރިހާކަމަކާބެހޭނީ އަދި ބޭނުންބަޔަކު ކަނޑައިވައްދާނީވެސް މަޖިލީސްގެ ރައީސް

 8. ޚިޔާލު

  ސަތޭކައިގެ ވާހަކައެކެވެ.